ދުސްތޫރީ ވެރިކަމުގެ ކުރީގައި ދިވެހިރާއްޖޭގައި އޮތީ ވިރާސީ ވެރިކަމެކެވެ. ވިރާސީ ވެރިކަމަކީ ދަރިދަރިކޮޅުން ވާރުތަވަމުން އަންނަ ވެރިކަމެވެ. ރާއްޖޭގައި ގާތްގަނޑަކަށް 812 އަހަރަށް ވިރާސީ ވެރިކަން ދިގުދެމިގެން ދިޔައެވެ. ވިރާސީ ވެރިކަމުގައި އެންމެ އިސް ފަރާތަކީ ރަދުންނެވެ. ވެރިކަމުގެ ކަންކަން ނިންމަވަން މަޝްވަރާ ދެއްވަނީ ރަދުން ކަނޑައަޅާފައިވާ ޚާއްޞަ ކޮމިޓީ އަކުންނެވެ. މިއީ "ފަސްފަރުދާ"ގެ ނަމުން ނަން ދެވިފައިވާ ކޮމިޓީ އެކެވެ. މި ކޮމެޓީގެ އެންމެ އިސް ފަރާތަކީ ފަނޑިޔާރު މަނިކުފާނެވެ. މި އުސޫލުގެ ތެރެއިން ހިނގަމުން އައި ވިރާސީ ރަސްކަމަކީ ވަރަށް ޚުދުމުޚުތާރު، އަދުލުއިންސާފެއް ނެތް ވެރިކަމެކެވެ. ހުރިހާ ބާރެއް އޮންނަނީ ވެރިކަން ހިންގަން ތިބޭ ފަރާތްތަކުގެ އަތްމަތީގައެވެ. އާންމު ރައްޔިތުންނަށް އެއްވެސް ކަމަކާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޯވެއެވެ. އަދި ހަމައެހެންމެ މި ނިޒާމުގައި އާންމު ރައްޔިތުންގެ ހައްޤުތަކަށް މާ ބޮޑު ސަމާލުކަމެއް ދެވިފައެއް ނޯވެއެވެ. މިގޮތުގައި ޒަމާންތައް ފާއިތުވަމުން ދަނިކޮށް ދިވެހިރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީ ވުޖޫދުވިއެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3)ގެ ރަސްކަމުގެ 30 ވަނަ އަހަރުގައެވެ.
ފުރަތަމަ ޤާނޫނު އަސާސީ ވުޖޫދުވާން މެދުވެރިވި ސަބަބުތައް.
ޝަމްސުއްދީން ރަދުންގެ ދަރިކަލުން ޕްރިންސް ހަސަން ޢިއްޒުއްދީނަކީ އޭރުގެ ބޮޑުން ހިތްޕުޅާވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން ވިރާސީ ރަސްކަމެއް އޮތުމުން ހަސަން ޢިއްޒުއްދީނަށް ރަސްކަން ވާރުތަވުން ހުއްޓުވުމަށްޓަކައި ޤާނޫނު އަސާސީއެއް އުފައްދަން ޖެހެއެވެ. މީގެ އިތުރުން އެދުވަސްވަރު ބޭރު ޤައުމުތަކުން ކިޔަވައިގެން މާލެ ވަޑައިގަތް ބޭބޭފުޅުން ވެސް ބޭނުންވީ އެހެން ޤައުމުތަކުގައި އޮންނަ ގޮތަށް ރާއްޖޭގައި ވެސް ޤާނޫނު އަސާސީއެއް ހަދައި، އެހެން ޤައުމުތަކުގެ ގޮތްތައް ކޮންމެ ވެސް ވަރަކަށް ރާއްޖޭގައި ފެތުރުމަށެވެ. އަދި އޭރުގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ކިޔަވައިގެން ވަޑައިގަތް ބޭފުޅުންނަށް ސަރުކާރުގެ އިސް މަޤާމުތަކެއް ވެސް ނުލިބެއެވެ. އެހެންކަމުން ވެރިކަމުގެ ނިޒާމު އެހެން ގޮތަކަށް ބަދަލުކުރުމަށް އެ ބޭފުޅުން ތިއްބެވީ ބޭނުންވެފައެވެ. އަދި ހަމައެހެންމެ ވެރިކަމުގެ ދަހިވެތިކަމުގައި ތިއްބެވި ބައެއް އާއިލާތަކުގެ ބޭފުޅުން ވެސް ބޭނުންވީ، މި ދެންނެވި ކިޔަވައިގެން ތިއްބެވި ބޭބޭފުޅުންގެ ބޭނުން ހިއްޕަވައިގެން، ވެރިކަން ހޯދުމަށް މަސައްކަތްކުރާށެވެ.
އެންމެ ފުރަތަމަ ފަރުދާގެ ފުރަގަހުގައި ތިއްބަވައިގެން ފުރަތަމަ އަސާސީ އެކުލަވާލެއްވުމުގެ ކަންކަން ކުރެއްވީ އަބްދުލް މަޖީދު ރަންނަ ބަނޑޭރިކިލެގެފާނާއި، އަބްދުލް ހަމީދުދީދީ އާއި، ގަލޮޅުގޭ މުހައްމަދުދީދީ އާއި މުހައްމަދު އަމީން ދީދީ އާއި ހުސައިން ޞަލާހުއްދީނެވެ. ޝަމްސުއްދީން ރަދުންނަކީ ރައްޔިތުން ދެކެ ލޯބިފުޅުވާ ރަސްކަލަކަށް ވާތީ، ރަދުން އިޝާރާތް ކުރެއްވީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތަށް ޤާނޫނު އަސާސީއެއް ހަދައިދިނުމަށެވެ. އަދި ފަހުން ރަދުން ވަނީ ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތަށް 14 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޮޑުންގެ 2 ކޮމިޓީއެއް އުފައްދަވާފައެވެ. އެގޮތުން ފުރަތަމަ ކޮމިޓީ އަކީ ރާއްޖޭގެ މުސްކުޅި އާދަކާދަތައް އެކުލަވައިލުމަށް އުފެއްދެވި ކޮމިޓީއެކެވެ. ދެ ވަނަ ކޮމިޓީ އަކީ އިނގިރޭސި ލިޔުންތައް ދިވެހި ބަހަށް ބަދަލުކުރަން އުފެއްދެވި ކޮމިޓީ އެކެވެ. އަދި ޤާނުނު އަސާސީ އެކުލަވާލުމުގައި އެހީތެރިވުމަށް ބްރިޓިޝް އެކްޓިން ގަވަރުނަރު ބީ.އެޗް ބޯޑިލޯން ވެސް ރާއްޖެ ވަޑައިގަތެވެ. މި ދެންނެވި ކޮމިޓީތަކުން ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ފެށްޓެވީ މީލާދީން 1931ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހެވެ. އަދި ޤާނޫނު އަސާސީގެ ފުރަތަމަ ދެލިކޮޕީ ރަދުންގެ އަރިހަށް ހުށަހެޅުއްވީ 16 ޖޫން 1931 ގައެވެ. މިއީ ޖުމުލަ 29 މާއްދާ އެކުލެވޭ ޤާނޫނޫ އަސާސީއެކެވެ.
ޤާނޫނު އަސާސީގައި ހިމެނިފައިވާ ކަންކަން ތަންފީޒުކުރުން ވެގެން ދިޔައީ ދައުލަތަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެހެނީ ޤާނޫނު އަސާސީގެ ގިނަ މާއްދާތައް އެކުލަވާލެވިފައި ހުރީ މުޅިން އަލަށް ޤާނޫނީ ވެރިކަމަކާ ކުރިމަތިލާ ބަޔަކާ ނުބައްދަލު، މާ މަތިވެރި ގޮތެއްގައެވެ. އަދި ރަދުންގެ އަމުރުފުޅަށް ހެދި ޤާނޫނު އަސާސީ ހަދައި ނިމުނު އިރު ރަދުންނަށް ދެވިފައިވާ އިމްތިޔާޒުތައް ހަނިވުމާއި، ބޮޑުވަޒީރަށް އޮންނަ ބާރުތައް ކުޑަވުމުން ބޮޑުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި، ހަމަނުޖެހުން އުފެދުނެވެ. އަދި ހަމައެހެންމެ ރައްޔިތުންނަށް އެކަށީގެންވާ ޤަވައިދުތައް ހެދިފައި ނެތުމާއި، އެދުވަސްވަރު ރައްޔިތުންގެ ހޭލުންތެރިކަން ކުޑަކަމުން ޤާނޫނަކީ ކޮން އެއްޗެއްކަން އޮޅުންފިލާފައި ނެތުމުން ރައްޔިތުންނަށް ޤާނޫނު އަސާސީ ވެގެން ދިޔައީ ބޮޑު ބުރައެއް ކަމުގައެވެ. އެހެނީ އާންމުކޮށް ކުރަމުން އައި ގިނަ ކަންތައްތަކެއް މަނާވެ، ނޭނގި ތިއްބާ ކުށްވެރިވެ، ވަކި ގޮތްތަކަކަށް ބައެއް ކަންކަން ކުރަން ޖެހުންވީ ރައްޔިތުންނަށް އުފުލަން ޖެހުނު ބޮޑު ތަކުލީފަކަށެވެ. ޤާނޫނު އަސާސީ ވުޖޫދުވުމުގެ ކުރިން ރައްޔިތުން އުޅެމުން ގެންދިޔައީ އަމިއްލަ ސަޤާފަތާއި އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތިން އެމީހަކަށް އެންމެ ލުއިފަސޭހަ ގޮތަކަށެވެ. ނަމަވެސް ޤާނޫނު އަސާސީގެ ސަބަބުން އާދަކާދައިގެ ގޮތުގައި ކުރަމުން އައި ބައެއް ކަންކަން ޤާނޫނަކަށް ބަދަލުވުމުން ރައްޔިތުންގެ ހިތްހަމަނުޖެހުން އިތުރުވިއެވެ.
ފުރަތަމަ ޤާނޫނު އަސާސީއާ މެދު ހިތްހަމަނުޖެހިގެން ގާނޫނު އަސާސީ އުވާލުމަށް، ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވީ މީލާދީން 1933 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހެވެ. އޭރު ޤާނޫނު އަސާސީ ފާސްކުރިތާ ވީ އެންމެ 10 މަހާއި 21 ދުވަހެވެ. ގުޅަކުޅޭ ފަސްގަނޑަށް އެއްވި ރައްޔިތުން ގޮވަމުން ދިޔައީ ވަޒީރުން ހަވަރަށް ދިނުމަށެވެ. އެހެނީ ވަޒީރުން ރައްޔިތުންނާ ހަވާލުކުރުމަށެވެ. ބޮޑުންގެ ތެރެއިން އެންމެ ފުރަތަމަ ރައްޔިތުންނާ ބައްދަލު ކުރީ މުޙައްމަދު ފަރީދާއި، ހަސަން ފަރީދާ ދެ ބޭފުޅުންނެވެ. އެ ބޭފުޅުން ނުކުމެ ވިދާޅުވި ކަމަށް ވަނީ "ތިޔަ ކަން އެބަ ބައްލަވައޭ! އިހަށް ގެއަށް ދުރުވަހަރޭ" މި ފަދައިންނެވެ. އޭގެ ރައްދުގައި ރައްޔިތުން ގޮވަމުން ދިޔައީ "ނުދެވޭނެއޭ ނުދެވޭނެއޭ" މި ފަދައިންނެވެ. އޭރު ޝަމްސުއްދީން ރަދުން އިންނެވީ މަތިގޭގައެވެ. ހަދާނެ ގޮތް ހުސްވެ، ކަންބޮޑުވެ ވަޑައިގެންފައެވެ. އެއްވެފައިވާ އާންމުންގެ ތެރެއިން ނެއްޓިވަޑައިގެން، މުޙައްމަދު ފަރީދު މަތިގެއަށް ވަޑައިގެންނެވި އިރު މުޙައްމަދު ފަރީދާއި ހަސަން ފަރީދުގެ ބަހަކަށް ވެފައި އޮތީ ހަވަރުގެ އެދުމަށް ވަޒީރުން ނުދެއްވާނެ ކަމަށެވެ. މުޙައްމަދު ފަރީދު އަމިއްލަފުޅަށް ޤާނޫނު އަސާސީ ހަވަރަށް ދެއްވިއެވެ. ގުޅަކުޅޭ ފަސްގަނޑަށް އެއްވެފައި ތިބި އާންމުން ޤާނޫނު އަސާސީ ވިދާލުމުން ދިވެހިރާއްޖެ ފުރަތަމަ ޤާނޫނު އަސާސީ އުވިގެން ދިޔައީ އެވެ. އޭރު ބޮޑުންގެ ބޭބޭފުޅުންނާއި، އެ ބޭބޭފުޅުންގެ އަނބިދަރީންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައި ވާތީ، އެ ބޭފުޅުން އޮޑިއަށް ލައްވައި ފުރުއްވުމުގެ ކަންކަން ވެސް ކުރެވެމުންދިޔައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން