އެމިރޭޓްސް އެފްއޭކަޕްގައި ރޭ ކުޅުނު ފަސްވަނަ ބުރުގެ މެޗުތަކުން މޮޅުވެ، ލިވަޕޫލާއި ޗެލްސީ އަދި ސައުތެމްޓަނުނުް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި 2-1 އިން ނޯވިޗް ސިޓީ އަތުން މޮޅުވިއިރު، ޗެލްސީން ވަނީ ރަށުން ބޭރުގައި 3-2 އިން ލޫޓަން ޓައުން ބަލިކޮށްފައެވެ. ސައުތެމްޓަންގެ ދަނޑުގައި އެ ޓީމުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރީ 3-1 އިންނެވެ.

އެންފީލްޑްގައި ރޭ ކުޅުނު މެޗަށް ލިވަޕޫލުން ނިކުތީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅެވުނު ކަރަބާއޯ ކަޕް ފައިނަލް މެޗަށް ނިކުތް ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ކުރީ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ފިޔަވައި އެހެން ކުޅުންތެރިއަކު ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ކޯޗު ޔާގެން ކްލޮޕް ހިމަނާފައެއްނުވެއެވެ. މީގެއިތުރުން، އެ މެޗުގެ 120 މިނެޓު ކުޅުނު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ރޭގެ މެޗަށް ނެގި ސްކޮޑުގައި ނުހިމެނެއެވެ. އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ސަޑިއޯ މާނޭ އާއި ލުއިސް ޑިއާޒް މި މެޗު ފެށީ ބެންޗުންނެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 27 ވަނަ މިނެޓުގައި ޑިވޮކް އޮރިގީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޓަކޫމީ މިނަމީނޯ އެވެ. އަދި އޭގެފަހުން، މެޗުގެ 39 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑުވެސް ޖެހީ މިނަމީނޯ އެވެ.

މި މެޗުގައި ނޯވިޗް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ޖަހައިދިނީ ލޫކަސް ރުޕް އެވެ. މިއީ އެ ޓީމުގެ އެމެރިކާ ފޯވާޑް ޖޯޝް ސާޖަންޓް ދިން ބޯޅައަކުން ރުޕް ކާމިޔާބުކުރި ގޯލެކެވެ.

ނޯވިޗް ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ލިވަޕޫލް ޓުވިޓާ

ލޫޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރީސް ބާކް އެވެ. އެކަމަކު، މެޗުގެ 27 ވަނަ މިނެޓުގައި ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސައުލް ނިގުއޭޒް ވަނީ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ލޫޓަން އިން އަލުން ލީޑްނެގީ ހެރީ ކޯނިކް ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ ޓިމޯ ވާނާ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ 10 މިނެޓުފަހުން، ޗެލްސީ މޮޅުވި ލަނޑުޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ސައުތެމްޓަންގެ ދަނޑުގައި 3-1 އިން ވެސްޓް ހޭމް ބަލިކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރޯމެއިން ޕެރޯޑް އާއި ޖޭމްސް ވޯޑް-ޕްރައުސް އަދި އަރްމާންޑޯ ބްރޯޖާ އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑުޖެހީ މިކޭލް އެންޓޯނިއޯ އެވެ.

އެފްއޭކަޕްގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނި މިރޭ އެވެ. މިހާތަނަށްއައިއިރު ކުއާޓާ އިން ޖާގަ ހޯދާފައިވަނީ ލިވަޕޫލާއި ޗެލްސީ އަދި ސައުތެމްޓަންގެ އިތުރުން މެންޗެސްޓާ ސިޓީ، މިޑްލްސްބަރާ، ކްރިސްޓަލް ޕެލަސް އެވެ. ކުއާޓާގެ ފަހު ދެ ޖާގަ ކަށަވަރުވާނީ އެވަޓަން އާއި ބޯރްހަމް ވުޑް އަދި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ހަޑަސްފީލްޑް ޓައުން ކުޅޭ މެޗަށްފަހު އެވެ.