ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ރޭ ފިއޮރެންޓީނާގެ ދަނޑުގައި 1-0 އިން ހޯދީ މޮޅާއެކު ޔުވެންޓަސް އިން އެ މުބާރާތުގެ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

މި ދެ ޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު ޔުވެންޓަސްގެ ދަނޑުގައި އޮންނާނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.

ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން، ރޭގެ މެޗުގައި ނުކުޅޭ ކުޅުންތެރިންގެ ތެރޭގައި ޕައޮލޯ ޑިބާލާ، ފެޑެރީކޯ ކިއޭސާ، ޖިއޯޖިއޯ ކިއެލީނީ، އަލެކްސް ސެންޑްރޯ އާއި ޑެނިސް ޒަކަރިއާ ހިމެނެއެވެ.

ރޭގެ މެޗު ފެށިގެން ކުރީކޮޅު ފިއޮރެންޓީނާ އިން ވަނީ ޔުވެންޓަސްގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށްފައެވެ. އެ ޓީމުގެ ޖިއަކޯމޯ ބުއަނަވެންޗޫރާ ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު މަޓިއާ ޕެރިން މަތަކުރިއިރު، ޖޮނަތަން އިކޯނޭ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، އިކޯނޭ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ގައެޓާނޯ ކަސްޓްރޯވިލީ ފޮނުވާލި ބޯޅަ ޕެރިން ހުއްޓުވިއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ އިތުރުވަގުތުގައި ފިއޮރެންޓީނާގެ ލޮރެންޒޯ ވެނޫޓީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.