މިހާރަކަށް އައިސް ފޭސްބުކް ހުޅުވާލައިފިނަމަ މުޅި ނިއުސް ފީޑްގައި އޮންނަނީ އެކައްޗެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ސިފަ އާ އެންމެ ވައްތަރު ގޮތަކަށް ހަދާފައިވާ މި އިމޯޖީ ވަނީ ފޭސްބުކްގައި އާންމުކޮށްފައެވެ. މިއީ ދިވެހިންގެ އާދައެވެ. މިހެން އަންނަ ހަމަ ކޮންމެ އޮއިވަރެއްގައި ޖެހޭނެއެވެ. މީގެ ދުވަސް ގަނޑެއް ކުރިން "ފޭސް އެޕް" އައިއިރު ވެސް ހަމަ މި ފަދައެވެ. އެއެއް މިއެއް ވަކިކުރާކަށް ނޭނގެއެވެ. ކުއްލިއަކަށް އެންމެން ތިބީ މުސްކުޅި ވެފައެވެ. މިއީވެސް ހަމަ އެފަދަ ރޯގާ އެކެވެ. ދުވަސްކޮޅެއް ވާނެއެވެ.
ފޭސްބުކަކީ ވަރަށް މަދު މީހަކު ނޫނީ އެމީހެއްގެ ފޮޓޯ ޙިއްސާ ކުރާ ޕްލެޓްފޯމެކެވެ. އެކި މީހުންގެ މިންގަނޑު ތަފާތެވެ. ވަރަށް "ރަސްމީ" ގޮތަކަށް އެއްބައި މީހުންގެ ފޮޓޯ ހުންނަ އިރު ބައެއް މީހުންގެ ފޮޓޯ ހުންނަނީ އާންމު މިންގަނޑުން ބޭރުގައެވެ. ދެމަފިރިން ނަމަ އެމީހުން ނިދާ ކޮޓަރިއަށް ވަދެގެން ވަކި އާ ކަމެއް ނުފެންނާނެ ވަރަށް އެމީހުންގެ ޒާތީ ދިރިއުޅުން ވެސް ހާމަކުރެއެވެ. މިފަދަ ފޮޓޯ އާއި ތުއްތު ކުދިންގެ ފޮޓޯ މިހެން މީސްމީޑީޔާގައި ހާމަނުކުރުމަށް އަބަދުވެސް މީހުން ނަސޭހަތްތެރިވެއެވެ.
މިހާރު މި ހިނގަމުންދާ އެވޭޓަރ ކަންތަކުގައި ވެސް ދީނީ އިލްމުވެރިން ވަނީ އެމީހުންގެ ބަސް ބުނެފައެވެ. އެއީ އެއްވެސް ގޮތަކަށް ސޫރަ ބޭނުން ކުރުން ހުއްދަ ނޫން ކަމަށެވެ. މި ފަދަ ބަސްތައް މިއަދު ޓައިމްލައިންގައި ހިއްސާކުރި މީހުން އިއްޔެވަނީ އެވޭޓަރ ވެސް ހިއްސާ ކޮށްފައެވެ. ކޮންމެ މީހަކަށްވެސް ހެޔޮމަގު ފެނުމުން އެމަގަށް ރުޖޫޢަ ވުމަކީ އެންމެ ރަގަޅު ގޮތެވެ.
ނަމަވެސް ކޮންމެ ކޮންމެ މީހަކީ މީހަކު ހަމަ އެއްޗެއް ބުނެލާއިރަށް ގަބޫލު ކުރަން ބޭނުންވާ ބައެއް ނޫނެވެ. އެމީހުން ބޭނުންވަނީ ޖަދަލު ކުރާށެވެ. މި ބީދައިން ބައެއް މީހުންގެ ސުވާލަކީ ފޭސްބުކް ޕްރޮފައިލްގައި އިންނަ ފޮޓޯ ހުއްދަވެފައި އެވޭޓަރ ހުއްދަ ނުވީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އެއީ ވެސް ތަސްވީރެވެ. މިއީ ވެސް ތަސްވީރެވެ. އަދި އެންމެ ހައިރާންވާ ކަމަކީ މިފަދަ ބަސްތައް ހިއްސާކޮށްގެން މީހުންނަށް ނަސޭހަތްދޭ ބައެއް ދީނީ އިލްމުވެރިންގެ ފޭސްބުކުގައިވެސް ތިމާއާއި އާއިލާގެ ފޮޓޯ އާންމު ކުރެވިފައިވުމެވެ.
އެހެންކަމުން މިކަމުގައި ވަކި ގޮތަކަށް އެއްޗެއް ބުނާކަށް ނެތީމެވެ. ކޮންމެމީހަކަށް ވެސް ފެންނަ އެންމެ ރަގަޅު ގޮތުގައި ހިފައިގެން ކުރިއަށް ދިޔައިމާ ހުންނާނީ ރަގަޅަށެވެ.
