އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ވައްދާލި ހެޓްރިކާއެކު 5-0 އިން ސަލާނިޓާނާ ބަލިކޮށް އިންޓަ މިލާނުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ މެޗާއި ހަމައަށް އައިއިރު ވޭތުވެދިޔަ ނުވަ މެޗުގައި މާޓިނޭޒް ގޯލެއް ކާމިޔާބުކޮށްފައެއްނުވެއެވެ. ލީގުގައި އޭނާ އެންމެ ފަހުން ގޯލެއް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު 5-0 ގެ ނަތީޖާއަކުން ސަލާނިޓާނާ ބަލިކުރި މެޗުގައެވެ.

މި ނަތީޖާއާއެކު އިންޓަ އެއްވަނައިގައި އޮތީ 27 މެޗުން ލިބުނު 58 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ނަޕޯލީ އޮތްއިރު، ތިންވަނައިގައި އޮތް އޭސީ މިލާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ނަޕޯލީ ކުރީގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ޔުވެންޓަސް އަށް 27 މެޗުން ލިބުނު 50 ޕޮއިންޓާއެކު އޮތީ ހަތަރުވަނައިގައެވެ.

ސެން ސީރޯގައި ރޭ ކުޅުނު މެޗު ފެށިގެން 22 ވަނަ މިނެޓުގައި ނިކޯލޯ ބަރެއްލާ ދިން ބޯޅައަކުން މާޓިނޭޒް ވަނީ އިންޓަ އަށް ލީޑްނަގައިދީފައެވެ، އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މާޓިނޭޒް ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ބަރެއްލާ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ބޮސްނިއާގެ ފޯވާޑް އެޑިން ޖެކޯ ދިން ޕާހަކުން މާޓިނޭޒް ވަނީ ހެޓްރިކް ފުރިހަމަކޮށް އިންޓަގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. އަދި އޭގެފަހުުން، މެޗުގެ 64 އާއި 69 ވަނަ މިނެޓުގައި ޖެކޯ ވައްދާލި ލަނޑުތަކާއެކު އިންޓަ އިން މެޗު ނިންމާލީ 5-0 ގެ ތަފާތަކުން މޮޅުވެގެންނެވެ.

މި މުބާރާތުގައި މި ހަފްތާގައި ކުޅޭ އެންމެ ފާހަގަކޮށްލެވޭ މެޗުގައި ދެވަނައިގައި އޮތް ނަޕޯލީ އާއި ތިންވަނައިގައި އޮތް މިލާން ބައްދަލުކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނަޕޯލީގެ ދަނޑުގައެވެ.