ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރ ޕްރަސަންނަ ރަނަތުންގަ މިއަދު ވަނީ ދިވެހިންނަށް ވަރަށް އުފާވެރި ޚަބަރެއް ދީފައެވެ. މިނިސްޓަރ ހާމަ ކުރި ގޮތުގައި ރާއްޖެއާއި އިންޑިޔާގެ ދެކުނުން އަންނަ ފްލައިޓްތަކަށް ރަތުމަލާނާ އެއަރޕޯޓް ހުޅުވާލުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. މިއީ ރަތުމަލާނާ އެއަރޕޯޓަށް ޖައްސާ ބައިނަލް އަގްވާމީ ފްލައިޓްތައް ގިނަ ކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި އާއި އެކު މި އެއަރޕޯޓް ބޭނުން ކުރާ އެއަރކްރާފްޓްތަކުގެ އެއް އަހަރު ދުވަހުގެ ޕާކިންގެ ފީ މާފުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން މޯލްޑިވިއަން އަދި ވިލާ އެއަރ އާ ވެސް ވާހަކަ ދެކެވިފައިވާ ކަމަށް މިނިސްޓަރު ހާމަ ކުރިއެވެ.
ރަތުމަލާނާ އެއަރޕޯޓަކީ 1950 ގައި ހުޅުވުނު އަދި ލަންކާގެ ފުރަތަމަ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ނަމަވެސް މިހާރު މިތަން ބޭނުން ކުރަނީ ހަމައެކަނި ޑޮމެސްޓިކް ބޭނުން ތަކަށާއި ފްލައިންގ ސްކޫލް އަދި އަސްކަރިއްޔާގެ ބޭނުމަށެވެ. މިހާރުވެސް މިފަދަ 75 ފްލައިޓް ކޮންމެ ދުވަހަކު މި އެއަރޕޯޓަށް ޖައްސައެވެ.
ރަތުމަލާނާއަށް ރާއްޖެ ފްލައިޓްތައް ޖެއްސުން ވެގެން ދާނީ ދިވެހިނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށެވެ. ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަކީ ދެހިވަލަ، ކަޅުބޯވިލަ، މައުންޓް ލަވީނިޔާ އަދި ވެއްލަވައްތައިގައި ދިރިއުޅޭ މީހުނެވެ. އެހިސާބުން ކަޓުނަޔަކައަށް ދިއުމަށް ވުރެ ރަތުމަލާނާ މާ ބޮޑަށް ވެސް ކައިރިވެފައި މަގުމަތީގެ ޓްރެފިކްވެސް މަދުވާނެއެވެ.
