ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގެ ދެވަނަ ލެގުގައި ރޭ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ވައްދާލި ހެޓްރިކާއެކު ޕީއެސްޖީ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑުން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ނަތީޖާއާއެކު ދެ މެޗުގެ އެގްރިގޭޓުން އެ ޓީމުން، ޕީއެސްޖީގެ މައްޗަށް ކުރިހޯދީ 3-2 އިންނެވެ.
ރޭގެ މެޗަށް ނިކުތްއިރު ސަސްޕެންޝަނުގެ ސަބަބުން ރެއާލްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކަސެމީރޯ އާއި ފާލަންޑް މެންޑީ ނުކުޅެއެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޕީއެސްޖީގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ނުކުޅެއެވެ.
ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީ އަށް މިލަނޑުޖަހައިދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. މިއީ ނޭމާ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މި ދެ ޓީމުގެ ދެމެދުގައި މިދިޔަ ފެބުރުއަރީ މަހު ޕީއެސްޖީގެ ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ ވެސް އެމްބާޕޭ އެވެ.

ފުރަތަމަ ހާފުގައި ވައްދާލި ގޯލާއެކު ޕީއެސްޖީން 2-0ގެ އެގްރިގޭޓުން ރަނގަޅު ލީޑެއްގައި ވަނިކޮށް ރެއާލުން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ހާފުގެ ކުޅުމުގެ 17 މިނެޓުގެ ތެރޭގައި ބެންޒެމާ ވައްދާލި ހެޓްރިކުންނެވެ.
މި މެޗުގައި ރެއާލުން އެއްވަރުކުރި ލަނޑު، 61 ވަނަ މިނެޓުގައި ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވިނީޝަސް ޖޫނިއާ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ.
ރެއާލުން ލީޑްނެގީ މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ލޫކަ މޮޑްރިޗްގެ އެހީތެރިކަމާއެކު ބެންޒެމާ ވައްދާލި ލަނޑުންނެވެ. މި ގޯލާއެކު ދެ ޓީމު ދެ މެޗުގެ އެގްރިގޭޓުން 2-2 އިން އެއްވަރުވެފައިވަނިކޮށް، އޭގެ ދެ މިނެޓުފަހުން ބެންޒެމާ ވަނީ ހެޓްރިކް ފުރިހަމަކޮށް ރެއާލަށް ކުއާޓާގެ ޖާގަ ކަށަވަރުކޮށްދީފައެވެ.

އޭގެފަހުން މެޗުގެ އެންމެ ފަހު މިނެޓުގައި ޕީއެސްޖީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ގޯލާއި 30 ޔާޑުދުރުން ޕީއެސްޖީގެ ލިއޮނަލް މެސީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
މެންޗެސްޓާ ސިޓީގެ ދަނޑުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މިއާއެކު، މި ދެ ޓީމުގެ ދެމެދުގައި މިދިޔަ މަހު ކުޅެވުނު މެޗުން ސިޓީ ހޯދީ 5-0ގެ މޮޅާއެކު ކުރި ލިބުނީ ވެސް 5-0ގެ އެގްރިގޭޓުންނެވެ.
މި މުބާރާތުގައި މި ހަފްތާގައި ކުޅެވުނު މެޗުތަކަށްފަހު މިހާތަނަށްއައިއިރު ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ރެއާލާއި، ސިޓީގެ އިތުރުން ބަޔާން މިއުނިކް އަދި ލިވަޕޫލެވެ.
