ކޮންމެ މަޔަކާއި ބަފަޔަކުވެސް ދެކޭ އެއް ހުވަފެނަކީ އެމީހުންނަށް ކުއްޖަކު ލިބި، ދުޅަހެޔޮކަންމަތީ އެކުއްޖާ ބޮޑުވުމެވެ. އެހެންކަމުން ކުޑަކުދިން، ހާއްސަކޮށް ތުއްތުކުދިންގެ ސިއްހީ ދުޅަޔޮކަމާއިމެދު އެކުދިންގެ މައިންބަފައިން ވަރަށްބޮޑަށް ކަންބޮޑުވާނެއެވެ. އެކުދިންގެ ކިބައިން ފެންނަ ކަންކަމުގެ މައްޗަށް މައިންބަފައިން ފިކުރުކޮށް ވިސްނާނެއެވެ. އެހެންކަމުން ތުއްތުކުއްޖާގެ ސިއްހަތާއި ބެހޭގޮތުން ކަންބޮޑުވާން ޖެހޭ ބައެއް ކަންކަން މި ލިޔުމުގައި ހިމަނާލާނަމެވެ. މިއީ މައިންބަފައިން ހޭލުންތެރިވެ ތިބުން މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ތުއްތުކުއްޖާއީ އެކުއްޖާއަށް ވާގޮތާއި ވަމުންދާގޮތް ބުނެދީ ކިޔައިދޭން އެނގޭނޭ ކުއްޖެއް ނޫނެވެ. ކަމަކަށް އިޝާރާތްކޮށްލަންވެސް ނޭނގޭނޭ ކުއްޖެކެވެ. އެހެންކަމުން އެކުއްޖާގެ ހާލަތު ދެނެގަތުމުގައި މައިންބަފައިން "ހުސިޔާރު" ވާންޖެހޭނެއެވެ. ތުއްތުކުދިންނަކީ އެކުދިންގެ ޠަބީއަތުގައި ރުއިން ގިނަ ކުދިބައެކެވެ. އެހެންނަމަވެސް ރޯ ރުއިމުގައިވެސް އާދަޔާ ހިލާފުކަމެއް ފާހަގަ ކުރޭނަމަ އެއީ ކަންބޮޑުވާން ޖެހޭނޭ ކަމެކެވެ. ހުއްޓާނުލާ ރުއިމާއި، ރޯން ދަތިވެ ނޭވައި ނުލެވި ނުވަތަ ލާން އުނދަގޫވެ ރޮއި ހަދާނަމަ އެއީ ކޮންމެވެސް ކަހަލަ އުނދަގުލެއް ނުވަތަ ކޮންމެވެސް ކަހަލަ ވޭނެއް ތަދެއް އިހުސާސްކުރެވެނީ ކަމުގައި ވެދާނެއެވެ. އެހެންކަމުން އެފަދައިން އާދަޔާހިލާފަށް ރޮއި ހަދާނަމަ ޑަކްޓަރެއްގެ ލަފާ ނުވަތަ އިރުޝާދު ހޯދުން މުހިންމެވެ.

ތުއްތުކުއްޖާއީ ޖުމުލަކޮށް ހަރަކާތް ގިނަ ކުއްޖެކެވެ. އެހެންކަމުން އެ ކުއްޖާގެ ހަރަކާތް އާދަޔާ ހިލާފަށް މަދުވެއްޖެނަމަ އެއީ ކަންބޮޑުވާން ޖެހޭނޭ ކަމެކެވެ. މިފަދައިން ހަރަކާތް މަދުވާނަމަ ގާތުން ބުއިން މަދުވުމަކީވެސް ދިމައިވެދާނޭ ކަމެކެވެ. ގާތުން ނުބުއިމާއި ނުވަތަ ނުބޯން އުޅުމަކީވެސް ތުއްތުކުއްޖެއްގެ އާންމު (ދުޅަހެޔޮ) ސިއްހަތާއި ކަސިޔާރު ކަމެކެވެ. އެހެންކަމުން މިއީ މައިންބަފައިން ސަމާލުކަން ދޭން ޖެހޭނޭ ކަންކަމެވެ. ތުއްތުކުއްޖާއީ އަވަސްއަވަހަށް ކުޑަކަމު އަދި ބޮޑުކަމުވެސް ގޮސްދާނޭ ބައެކެވެ. އެހެންނަމަވެސް 6ގަޑި އިރަށްވުރެ ގިނަ އިރު، ކުޑަކަމު ނުގޮސް ހުރެފިނަމަ އެކަމަށް މައިންބަފައިން ސަމާލުވާން ވާނެއެވެ. ކުއްޖާއަށް އެކަށީގެންވާ މިންވަރަށް ގާތުން ދެވޭތޯއާއި ދެވޭ މިންވަރާއި އެއްވަރަށް ކުޑަކަމު ދެވޭތޯ އަންދާޒާކުރަންވާނެއެވެ. މިފަދައިން 6 ގަޑި އިރު ނުވަތަ 8 ގަޑި އިރަށްވުރެ ގިނައިރު ކުޑަކަނު ނުގޮސް ހުންނަނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ އާއި އިރުޝާދު ހޯދުން މުހިންމެވެ.

ކުއްޖޭގެ އެންމެ ތުއްތު ދުވަސްވަރު ޖެހޭ އެއް ބަލި ނުވަތަ ދިމައިވާ އެއް ކަމަކީ ރީނދޫވުމެވެ. ލޭގައި ހުންނަ "ބިލިރޫބިންގެ" މިންވަރު އިތުރުވުމުން ކުއްޖާގެ ހަށިގަނޑު ރީނދޫވެދާނެއެވެ. މިފަދައިން ރީނދޫވެފައިވާ ކުއްޖާއަށް ސިއްހީ އެހީތެރިކަން ބޭނުން ވާނެއެވެ. ރީނދޫވާކަން ދެނެގަތުމަށް އެންމެ ފަސޭހަ މަގަކީ ކުއްޖާގެ ލޮލުގެ ހުދުބަޔާއި ކުއްޖާގެ މޫނުމައްޗެވެ. މިތަންތަނުން ރީނދޫކުލައިގެ އަސަރު ފެންނަނަމަ ޑަކްޓަރަކަށް ދައްކާ ރީނދޫވެފައިތޯ ބަލާ ޔަގީންކުރުން ރައްކާތެރިއެވެ.

ފޫޅު ނުވެއްޓޭ ތުއްތުކުދިންގެ ފޫޅަކީ އެ ކުއްޖާގެ ދުޅަހެޔޮކަން ބުނެދޭ އެކައްޗެވެ. އެ ފޫޅުގެ ވަށައިގެންވާ ހިސާބު ރަތްކޮށް ނުވަތަ ރަތްވެފައިވާނަމަ އެއީ އެތަން ހުންނަންވާ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހަމަ އެއާއި އެކު ފޫޅުން ފާދިޔަ ނުވަތަ ދޮސް އައިސްފައި ހުންނަ ނަމަ އެއީ ގޯހެކެވެ. އަދި ފޫޅުން އާދަޔާ ހިލާފު ގަދަ، ނުބައި ވަހެއް ދުވާނަމަވެސް އެއީ ފޫޅުގައި ޖަރާސީމު އަށަގަތުމުގެ އަލާމާތެކެވެ. އެހެންކަމުން މައިންބަފައިން މިކަމަށްވެސް ފަރުވާތެރިވެ ސަމާލުވުން ކިތަންމެހާވެސް ބޭނުންތެރިއެވެ.

ތުއްތުކުއްޖާއީ ގިނައިން ހޮޑުވެސް ލެވޭ ކުއްޖެކެވެ. މިފަދައިން ހޮޑުލެވޭއިރު، އޮޑުގައި ލޭގެ އަސަރު ހުރުމަކީ ކަންބޮޑުވާން ޖެހޭނޭ ކަމެކެވެ. މީގެ އިތުރުން ބޮޑުކަމުދާ އިރުގައިވެސް ލޭގެ އަސަރު ހުންނަނަމަ ޑަކްޓަރެއްގެ އެހީތެރިކަން ހޯދުން ބުއްދިވެރިއެވެ.

ވަމުންދާ އުނދަގޫ ބުނެދޭން ނޭނގޭ މި ތުއްތުކުދިން ނޭވައި ނުލެވި ނުވަތަ ރަނގަޅަށް ނޭވައި ނުލެވޭނަމަ ނުވަތަ ނޭވާ ލުމުގައި އުނދަގޫތަކެެއް ހުންނަނަމަ އެކުދިންގެ ކިބައިން "އުނދަގޫ" ހަރަކާތްތަކެއް ފެނިދާނެއެވެ. ހަމަ އެއާއި އެކު ތުއްތުކުއްޖާގެ ގައިގެ ހަމުގެ ކުލަ ނޫކުލާގައި ހުންނަ ނަމަ، ނުވަތަ ގަދަ ދަނބުކުލަ ޒާތު ކުލައަކަށް އަރާނަމަ ލަސްނުކުރައްވާ ކުއްޖާގެ އޮކްސިޖަން (ސެޗުރޭޝަން) ހުރިވަރެއް ބެލުން މުހިންމެވެ. މިކަމުގައި ޑަކްޓަރުން ފާހަގަ ކުރާ ކަމަކީ މިފަދައިން ކުއްޖާގެ ކުލަ ބަދަލުވެއްޖެނަމަ އެއީ ކުއްޖާގެ ހަށިގަނޑުގައި ހިނގާ ލޭގައި ހުންނަ އޮކްސިޖަނުގެ މިންވަރު މަދުވަނީ ކަމުގައެވެ. އެހެންކަމުން މިއީވެސް މައިންބަފައިން ސަމާލުވާން ޖެހޭނޭ އަލާމާތެއް ނުވަތަ ނިޝާނެކެވެ.  

މީގެ އިތުރުން އެއްވެސް ގުނަވަނަކަށް އެއްވެސް ކަހަލަ އާދަޔާހިލާފު ކަމެއް ވާނަމަ، ނުވަތަ އާދަޔާ ހިލާފު ހަރަކާތްތަކެއް ފެންނަ ނަމަ އެކަމުގައި ސިއްހީ އެހީތެރިންގެ ލަފާ ހޯދަން ވާނެއެވެ. އަދި މި ނޫނަސް ކުއްޖާގެ ކިބައިން އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ޑަކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ. ކިތަންމެ ކުޑަ ނަމަވެސް ހިތްހަމަ ނުޖެހުމެެއް އެ ކުއްޖާގެ ސިއްހަތާއި މެދު ވާނަމަ އެކަމެއްގައި ލަފާ އަހަން ވާނެއެވެ. 

އާދޭހެވެ! ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ނޫރެވެ. އެހެންކަމުން އެއިން ދަރިއަކަށް އެއްވެސް ވަރެއްގެ އެއްވެސް ކަހަލަ ގެއްލުމެއް އަނިޔާއެއް އަދި ކިއެއް އުނދަގުލެއް ވާކަށްވެސް މައިންބަފައިން ނޭދޭނެއެވެ. ކަންމިހެން ހުރުމާއި އެކު ތުއްތުކުއްޖާގެ ދުޅަހެޔޮކަމަށް ސަމާލުވެ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ފަރުވާތެރިވުން ވަރަށްވެސް މުހިންމެވެ.