އަންހެނާ ބާލިޣުވުމާއި ގުޅިގެން ކޮންމެ މަހަކު އެއްފަހަރު އެ އަންހެނާގެ ހަށިގަނޑުގައި އާދަޔާހިލާފު ހަރަކާތްތަކެއް ހިނގައެވެ. މިއީ ވަރަށް ފުރިހަމަ ނިޒާމަކުން މާތް ﷲ އެ އަންހެނާގެ ހަށިގަނޑުގައި ތަރުތީބު ކުރައްވާ ފުރިހަމަ ކުރައްވާފައިވާ އަޖައިބުކުރަނިވި ނިޒާމެކެވެ. މިއީ ޙައިޟު ވުމެވެ. ޙައިޟުވުމާއި ގުޅިގެން އަންހެނާގެ ކުރިމަތިފަރާތުން އަންނަ ލެޔަކީ ޙައިޟުގެ ލެޔެވެ. ޙައިޟު ވަނީ އަންހެނާގެ ރަހިމުގެ އެތެރޭގެ ފާރުގައި އުފެދޭ ފަށަލައެއް "ހަލާކުވުމުންނެވެ". މި އާއި އެކު ރަހިމުގެ ތެރެއިން، ލޭގެ ސިފައިގައި މި ފަށަލަ ބޭރުވާނެއެވެ. އެގޮތުން ރަހިމުގެ ދޮރު ހުޅުވި، ކުރިމަތިފަރާތުން މި ލޭތައް ބޭރުވެއެވެ. 

ޙައިޟުގެ ދުވަސްވަރަކީ އާންމުގޮތެެއްގައި އަންހެނާގެ ދަށްބަނޑުގައި ރިހުމެއް ހުންނަ ދުވަސްވަރެކެވެ. މިއީ އާންމު ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް ބައެއް އަންހެނުން އެމީހުންގެ ޙައިޟުގެ ދުވަސްވަރު ވަރަށް ބޮޑަށް ނުވަތަ ގަދަޔަށް ރިހޭތީ އުޅެއެވެ. މާ އާދަޔާ ހިލާފަށް، އާދަޔާހިލާފު ގަދަ ރިހުމެއް ޖެހިޖެހިގެން ތިންފަހަރަށްވުރެ ގިނަ ފަހަރު (ތިން މަހުގެ ތިން ޙައިޟަށް ވުރެ ގިނަ ފަހަރު) ހުންނަ ނަމަ އެއީ އާންމު "ހާލަތެއް" ކަމުގައި ނުބެލެވޭނެއެވެ. މި ލިޔުމުގައި މި ހިމަނާލަނީ މިފަދައިން ގަދަ ރިހުމެއް ތަކުރާރުވެދާނޭ ސަބަބުތަކަށެވެ.

ޙައިޟުގެ ދުވަސްވަރު، ޕްރޮސްޓަގްލޭންޑިން ނަމަކަށް ކިޔާ ހޯމޯނެއްގެ ސަބަބުން ރަހިމުގެ މަސްތައް ހަރުވެ ކުރުގެޅޭނެއެވެ. މިހެން ދިމައިވަނީ ރަހިމުގައި އުފެދޭ މި ފަށަލަ ލޭގެ ގޮތުގައި ބޭރުކޮށްދިނުމަށް އެހީއަކަށެވެ. ޙައިޟުގެ ދުވަސްވަރު ތަދު އިހުސާސް ކުރަން ޖެހެނީ މިފަދައިން ރަހިމުގެ މަސްތައް ހަރުވެ ކުރުގެޅޭތީއެވެ. ޙައިޟު ވާއިރު ގަދަޔަށް ރިހިދާނޭ ސަބަބުތަކުގެ ތެރޭގައި ޕްރިމެންސްޓްރަލް ސިންޑްރޯމް ނަމަކަށް ކިޔާ ބައްޔެއް ހިމެނެއެވެ. މި ބަލީގެ ސަބަބުން ހޯމޯނުތަކުގެ ހަމަހަމަކަން ގެއްލި ޙައިޟުގެ ލޭ އައުމުގެ އެކެއް ނުވަތަ ދެ ހަފްތާކުރިން ގަދައަށް ރިހިދާނެއެވެ. ނަމަވެސް މި ހާލަތުގައި ޙައިޟުގެ ލޭ ފެނުމާއި އެކު މި ގަދަ ރިހުން ކުއްލިގޮތަކަށް މަޑުވެގެން ދެއެވެ.

އެންޑޯމެޓްރިއޯސިސް ނަމަކަށް ކިޔާ ހާލަތަކީވެސް ޙައިޟުގެ ދުވަސްވަރު ރިހުން ގަދަވެދާނޭ ސަބަބެކެވެ. މިއީ ރަހިމުގައި އުފެދި ނެތިދާ މި ފަށަލަ، ރަހިމު ނޫން އެހެން ގުނަވަނެއްގައި އުފެދި ނެތިދާ ދިއުމަށް ކިޔާ ނަމަކެވެ. މިފަދައިން ރަހިމުގެ މި ފަށަލަ ބިސްރަވާގަ ނުވަތަ ބިސް ދަތުރު ކުރާ ހޮޅީގައި އަށަގަނެފައި ހުރެދާނެއެވެ. މިފަދައިން މި ފަށަލަ ރަހިމު ނޫން ތަނެއްގައި އަަށަގަނެފައި ހުރި ނަމަ ޙައިޟު ވާއިރު ގަދަ ރިހުމެއް ހުންނާނެއެވެ.

ޙައިޟުގެ ދުވަސްވަރު އަޅާ ވޭން އާދަޔާހިލާފަށް ގަދަވާ އެއް ސަބަބަކީ ރަހިމުގައި ހުންނަ ފައިބްރޮއިޑްސްއެވެ. ފައިބްރޮއިޑްސް އަކީ ކެންސަރަށް ނުވާ ޓިއުމަރެކެވެ. ނުވަތަ ގޮށެކެވެ. ރަހިމުގައި މިފަދަ ފައިބްރޮއިޑެއް ވާނަމަ އެއީ ޙައިޟުގެ ދުވަސްވަރު ރަހިމުގެ މަސްތަކަށް ކުރާ ބާރާއި އެކު ރިހުން ގަދަވާނޭ ކަމެކެވެ. މިފަދައިން ރިހޭ ރިހުމަކީ އާދަޔާ ހިލާފު ގަދަ ރިހުމެކެވެ. މި ހާލަތުގައި ރިހޭ ރިހުމުގައި އިތުރު އެއްވެސް އަލާމާތެއް ފެނުމަކާއި ނުލާ ގަދަ ރިހުމަކުން ރިހިދާނެއެވެ.

ދަށްބަނޑުގެ ގުނަވަނެއްގައި ޖަރާސީމު އަށަގަނެފައިވާނަމަވެސް ޙައިޟުގެ ދުވަސްވަރު އާދަޔާހިލާފަށް ގަދަޔަށް ރިހިދާނެއެވެ. އެގޮތުން ބިސްރަވަ ނުވަތަ ބިސް ދަތުރުކުރާ ހޮޅި ރަހިމު، ރަހިމުގެ ދޮރު އަދި ޖިންސީގުޅުމުގެ ސަބަބުން ޖެހޭ ބައެއްކަހަލަ އިންފެކްޝަން ފަދަ އިންފެކްޝަން ހިމެނެއެވެ. އަދި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނެއްގެ ސަބަބުންވެސް ޙައިޟުގެ ދުވަސްވަރު ގަދަޔަށް ރިހިދާނެއެވެ.

ޙައިޟު ވުމާއި ގުޅިގެން ރިހޭ ރިހުން އާދަޔާ ހިލާފަށް ގަދަވާ އަނެއް ސަބަބަކީ، ސާވިކަން ސްޓެނޯސިސް ނަމަކަށް ކިޔާ ހާލަތެކެވެ. ސާވިކްސް އަކީ ރަހިމުގެ ދޮރެވެ. އެހެންކަމުން މި ހާލަތުގައި ވާގޮތަކީ ރަހިމުގެ ދޮރު ކުޑަވުމެވެ. އެހެންކަމުން ޙައިޟުގެ ދުވަސްވަރު، ރަހިމުން ބޭރުވާ ލޭ ބޭރުވުމުގައި ރަހިމުގެ ތެރޭގައި އުފެދޭ ޕުރެސަރު މަތިވަނީއެވެ. މިހާލަތުގައި މި ޕުރެސަރު މަތިވުމުން، ރަހިމުގެ މަސްތަކަށް ކުރާ ބާރު ބޮޑުވާނެއެވެ. އެހެންކަމުން މިއީވެސް ޙައިޟުގެ ދުވަސްވަރު ގަދަޔަށް ރިހިދާނޭ ސަބަބެކެވެ.

މީގެ އިތުރުންވެސް ބައެއް ސަބަބުތައް ހުރެދާނެއެވެ. ޙައިޟުގެ ދުވަސްވަރު ރިހުމެއް ހުރުމަކީ އާންމު ކަމެކެވެ. ނަމަވެސް އާދަޔަ ހިލާފު ގަދަ ރިހުމެއް ހުންނަ ނަމަ އެއީ ނުވަތަ އެ ގަދަ ރިހުމެއް ތަކުރާރުވާނަމަ އެއީ އާންމު ހާލަތެއް ނޫނެވެ. އިސްވެ ފާހަގަ މިކޮށްލީ މިފަދައިން އާދަޔާހިލާފު ގަދަ ރިހުމެއް ހުރެދާނޭ ބައެއް ސަބަބުތަކަށެވެ. އެހެންކަމުން ގިނަވެގެން، ޖެހިޖެހިގެން ތިން މަހު ޙައިޟުވާއިރު، އާދަޔާ ހިލާފު ރިހުމެއް ހުންނަނަމަ، ޑަކްޓަރަކަށް ދައްކާ ފަރުވާ ޑަކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ. ސަބަބު ދެނެގަންނަން ވާނެއެވެ. އެ ސަބަބަކަށް ފަރުވާވެސް ހޯދަންވާނެއެވެ. މިއީ ބިރުގަނެ ލަދުގަންނަން ޖެހޭނޭ ކަމެއް ނޫނެވެ. އަމިއްލަ ސިއްހަތާއިމެދު ފަރުވާތެރިވެ، ފާރަވެރިވާށެވެ. ދުޅަހެޔޮ މާދަމާއަކަށް އުންމީދުކުރާށެވެ.