އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އާސެނަލްގެ މައްޗަށް 2-0 އިން ހޯދީ މޮޅާއެކު ލިވަޕޫލުން ތާވަލްގެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ ކުޅުނު 29 މެޗުން 69 ޕޮއިންޓް ހަމަކޮށްފައެވެ. އެއްވަނައިގައި އުޅޭ ސިޓީ އަށް 29 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 28 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް އޮތީ 27 މެޗުން ލިބުނު 51 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެކަމަކު، މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ހޮލެންޑް ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ވަނީ ހުއްޓުވާފައެވެ.

ލިވަޕޫލުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 54 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ ކާމިޔާބުކުރީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ ދިން ތުރޫ ޕާހަކުންނެވެ. އޭގެ 8 މިނެޓުފަހުން، އާސެނަލްގެ މެދު ތެރެއިން ހޯދީ ބޯޅައެއްގައި އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ލިވަޕޫލްގެ ދެވަނަ ލަނޑުޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.

ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ބްރައިޓަން ހޯވް އެންޑް އެލްބިއަންގެ ދަނޑުގައި 2-0 އިން އެ ޓީމު ބަލިކޮށްފައެވެ. މި މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިނީ ކްރިސްޓިއަން ރޮމޭރޯ އާއި ހެރީ ކޭން އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ރެލިގޭޝަންގެ ބިރުވެރިކަން އޮތް އެވަޓަންގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:45 ގައެވެ.