ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 3-0 އިން ބަލިވެ، ޔުވެންޓަސް ކެޓިއިރު ޗެލްސީ ވަނީ ފަހަތުންއަރައި 2-1 އިން ލިއްލެ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

މިދިޔަ މަހު ވިޔަރެއާލްގެ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގެ ފަހު 15 މިނެޓުގެ ތެރޭގައެވެ.

ވިޔަރެއާލުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެރަޑް މޮރޭނޯ އެވެ. މިއީ އެ ޓީމުން މުޅި މެޗުގައި ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ވިޔަރެއާލްގެ މިޑްފީލްޑަރު ފްރާންސިސް ކޮކެލިން އަށް ޔުވެންޓަސްގެ ޑެނިއަލް ރުގާނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މޮރޭނޯ ކާމިޔާބުކުރި ގޯލެކެވެ.

އެ ޓީމުގެ ދެވަނަ ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޕައު ޓޮރޭޒް އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އާނައުޓް ޑަންޖޫމާ ވަނީ ލިބުނު ޕެނަލްޓީއަކުން ވިޔަރެއާލަށް ފުރިހަމަ މޮޅެއް ހޯދައިދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޔުވެންޓަސްގެ ޑިފެންޑަރު މަތައިސް ޑި ލިޓްގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޔުވެންޓަސްއާ ދެކޮޅަށް ވިޔަރެއާލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޗެމްޕިއަންސް ލީގު

މި މެޗުގައި ޔުވެންޓަސްގެ ޑޫސަން ވްލަހޮވިޗް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެފަހުން ވްލަހޮވިޗް ފޮނުވާލި ދެ ހަމަލާއެއްގެ އިތުރުން އަލްވާރޯ މޮރާޓާ ފޮނުވާލި ބޯޅަ ވިޔަރެއާލްގެ ކީޕަރު ޖެރޮނިމޯ ރުއްލީ މަތަކުރިއެވެ.

ރޭ ލިއްލެގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ އެ ޓީމުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޗެލްސީގެ ޖޯޖީނިއޯގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ބުރަކް ޔިލްމާޒް ކާމިޔާބުކުރި ގޯލެކެވެ.

ޗެލްސީން އެއްވަރުކުރި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. ޗެލްސީ މޮޅުކޮށްދިން ލަނޑު، 71 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ކާމިޔާބުކުރީ މޭސަން މައުންޓް ނެގި ހުރަހަކުންނެވެ.

މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުޞަތު ހޯދާފައިވަނީ ޗެލްސީ އާއި ވިޔަރެއާލްގެ އިތުރުން ރެއާލް މެޑްރިޑް، ލިވަޕޫލް، ބަޔާން މިއުނިކް، ބެންފީކާ، އެތުލެޓިކޯ މެޑްރިޑް އަދި މެންޗެސްޓާ ސިޓީ އެވެ.