ދުނިޔޭގެ ނަން މަޝްޙޫރު އެޕަލްގެ ޕްރޮޑަކްޓްސް އުފައްދާ އެޕަލް ކުންފުނިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ޓައިމްފްލައިސް" އިވެންޓް ރޭ ބާއްވައިފިއެވެ. އެމެރިކާގެ ކެލިފޯރނިޔާގެ ކަޕަރޓިނޯގައި ރާއްޖެ ގަޑިން ރޭ 10:00ގައި ކުރިޔަށްދިޔަ މިއިވެންޓްގައި އެކުންފުނިން ވަނީ އެޕަލްގެ ޕްރޮޑަކްޓްސްތަކަށް ލޯބިކުރާ ފަރާތްތަކަށް ނުވަތަ އެޕަލްގެ "ލޯޔަލް ކަސްޓަމަރުންނަށް" ވަރަށް އުފާވެރި ޙަބަރުތަކެއް ދީފައެވެ. އެގޮތުން މިހިނގާ 2020 ވަނަ އަހަރުތެރޭގައި އެކުންފުނިން މާރކެޓަށް ނެރުމަށް ހަމަޖެހިފައިވާ ޕްރޮޑަކްޓްސްތައް ވަނީ އިއުލާނުކޮށްފައެވެ. އެހެންކަމުން މިޙަބަރުތަކަކީ އަޅުގަނޑުމެން ދިވެހިންގެ ތެރެއިން އެޕަލްގެ އާލާތްތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށްވެސް މުޙިންމު ޙަބަރަކަށް ވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ތިރީގައި މިވަނީ "ޓައިމްފްލައިސް" އިވެންޓްގައި އިއުލާނުކުރެވުނު 9 އެނައުންސްމެންޓެވެ.

  1. އެޕަލް ވޮޗް ސީރީޒް 6

އެޕަލްއިން އިއުލާނުކުރި އެޕަލް ވޮޗް ސީރީޒް 6 ފަރުމާކުރެވިފައިވަނީ ވަރަށް ޙާއްސަ ހެލްތު ސެންސަރއެއް ހިމެނޭގޮތަށެވެ. އެގޮތުން މި ހެލްތުސެންސަރއިން މީހާގެ ލޭގެ އޮސިޖަން ލެވެލް ބަލާލެވޭނެއެވެ. އެޕަލްއިން ބުނާގޮތުގައި މިގަޑީގެ ސްކްރީން ބޭރުގައި އުޅޭ ވަގުތު 2.5ގުނަ އަށް އަލިގަދަކޮށްލެވޭނެއެވެ. ތަފާތު އެކިކުލަ ލިބެންހުރި މި ގަޑީގައި މުޅިން އަލަށް ތައާރަފްކުރެވޭ ރިސްޓްބޭންޑްއެއް ކަމަށްވާ "ސޯލޯ ލޫޕް" އެއް ހުރެއެވެ. އަދި މި ލޫޕްއަކީ އެމީހަކު ބޭނުންވާ ސައިޒަކަށް ދަމާލެވޭގޮތަށް ތައްޔާރުކޮށްފައިވާ ލޫޕެކެވެ. މިގަޑި މާރކެޓަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 18ވަނަ ދުވަހުއެވެ.

  1. އެޕަލް ވޮޗް އެސް.އީ

އެޕަލްގެ އެހެން ޕްރޮޑަކްޓްތަކާއި އަޅާބަލާއިރު މާބޮޑަށްވެސް އަގުހެޔޮ މިގަޑީގައި އެޕަލް ވޮޗް ސީރީސް6 އާއި އެއްގޮތް ގިނަ ފީޗާރސްތަކެއް އެކުލެވިގެންވެއެވެ. އެޕަލްއިން ބުނާގޮތުގައި 279ޑޮލަރަށް ވިއްކާ މި އެޕަލް ވޮޗް އެސް.އީ ވެސް މިއަންނަ ހުކުރުދުވަހު ގަންނަން ލިބެން ހުންނާނެއެވެ.

  1. އެޕަލްއިން އަލަށް ތައާރަފްކުރާ ގަޑީގެ ބޮކްސްގައި ޔޫއެސްބީ ޕަރަވ އެޑެޕްޓަރއެއް ނުހުންނާނެ

ތިމާވެއްޓާއި ރައްޓެހިގޮތަކަށް އެޕަލްއިން އަލަށް ތައާރަފްކުރާ ގަޑިތަކުގައި ޔޫއެސްބީ ޕަވަރ އެޑެޕްޓަރ ވަކިން ނައްޓާލެވޭނެއެވެ. އެޕަލްއިން އަންނަނީ އަލަށް އުފައްދަން ތައްޔާރުވަމުން އަންނަ އައިފޯނުތަކުގައިވެސް ބޮކްސްއިން ޗާރޖަރ ވަކިކުރެވޭގޮތަށް ފަރުމާކުރުމަށް ވިސްނަމުންނެވެ. އެގޮތުން މިހާރު އަލަށް ތަޢާރަފް ކުރެވުނު ހުރިހާ ގަޑިއެއްގައިވެސް ޔޫއެސްބީ ޕަވަރ އެޑެޕްޓަރ ވަކިން ނައްޓާލެވޭނެއެވެ.

  1. ފެމިލީ ސެޓްއަޕް ފީޗަރ

އެޕަލްއިން އަލަށް ތަޢާރަފް ކުރެވުނު އާ ފެމިލީ ސެޓްއަޕް ފީޗަރއިން އެއް އައިފޯނު ބޭނުންކޮށްގެން ބައިވަރު އެޕަލްވޮޗް މެނޭޖްކޮށްލެވޭނެއެވެ. މިފީޗާރ ބޭނުންކުރުމަށްޓަކައި ކޮންމެ ވޮޗެއްގައިވެސް ސެލިއުލާ ކަނެކްޝަން ހުންނަންވާނެއެވެ. އަދި ހަމައެކަނި މިފީޗަރ ބޭނުންކުރެވޭނީ ސީރީޒް4 އަށާއި އެއަށްވުރެ މަތީ ސީރީޒްގެ ގަޑިތަކަށެވެ. މިފީޗަރ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ވޮޗްތަކުގެ ކޮންޓެކްޓްސްތަކާއި ކޮމިއުނިކޭޓް ކޮށްލެވޭނެއެވެ. އަދި އޮޓޯއިން އެމީހަކު ހުރިތަނުގެ ލޮކޭޝަންވެސް ނޮޓިފައިކޮށްލެވޭނެއެވެ.

  1. އައިޕެޑް ޕްރޯ އާއި އެއްގޮތް އައިޕެޑް އެއަރ

އެޕަލް އިން އަލަށް ތަޢާރަފްކުރި އައިޕެޑް އެއަރ ވަނީ ރޭގެ އިވެންޓްގައި ދައްކާލާފައެވެ. އެކުންފުނީގެ އައިޕެޑް ޕްރޯއާއި ދާދި އެގޮތަށް ފަރުމާކުރެވިފައިވާ އައިޕެޑް އެއަރގައި 2360x1640 ރިސޮލިއުޝަންގައި  10.9އިންޗި ބޮޑު ލިކުއިޑް ރެޓިނާ ޑިސްޕްލޭއެއް ހުރެއެވެ. ތަފާތު ފަސް ކުލައެއް ލިބެންހުންނަ މި އައިޕެޑް ގަންނަން ލިބޭވަރުވާނީ މިއަންނަ މަހުގައެވެ.

  1. އަށްވަނަ -ޖެނެރޭޝަން އައިޕެޑްގައި އެއްވައްތަރު ޑިޒައިންއެއް، ތަފާތު ޕްރޮސެސަރއެއް

އެޕަލް ކުންފުނިން މުޅިން އަލަށް ތަޢާރަފްކުރާ ފީޗަރއެއް ކަމަށްވާ A12 ބައޯނިކް ޗިޕް ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ މި އައިޕެޑަކީ ހުރިހާ ފަންތިއެއްގެ ބަޔަކަށްވެސް ގަނެލެވޭ އަގުހެޔޮ އާންމުންގެ ތެރޭގައި ވަރަށް މަޤްބޫލު އައިޕެޑެކެވެ. 10.9 އިންޗީގެ ރެޓިނާ ޑިސްޕްލޭއަކާއެކު އެޑްވާންސް ކެމެރާއެއް ހުންނަ މިއައިޕެޑްގައި މުޅިދުވަހު އެއްކޮށް ޗާރޖް ހިފަހައްޓަދޭ ބެޓްރިލައިފެއް ވާނެއެވެ. މި އައިޕެޑްވެސް މިއަންނަ ހުކުރުދުވަހު ގަންނަން ލިބެން ހުންނާނެއެވެ.

  1. އެޕަލް ފިޓްނެސް ޕްލަސް

އެޕަލްއިން އަންނަނީ މުޅިން އަލަށް ތަޢާރަފްކުރެވޭ ޕްރިމިއަމް ސްބަސްކްރިޕްޝަނެއް ކަމަށްވާ އެޕަލް ފިޓްނަސް ޕްލަސް ލޯންޗްކުރުމަށް ތައްޔާރުވަމުންނެވެ. މި އެޕްލިކޭޝަން އައިފޯން، އައިޕެޑް އަދި އެޕަލް ޓީވީ ތަކުން ބޭނުންކުރެވުނު ކަމުގައިވިޔަސް ބޮޑަށް މިއެޕްލިކޭޝަން އަމާޒުކޮށްފައިވާނީ އެޕަލް ވޮޗް ތަކަށެވެ. ތަފާތު 10 ވައްތަރެއްގެ ވޯކްއައުޓް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ މިއެޕްލިކޭޝަންގައި ޔޯގާ، ސައިކްލިންގ އަދި ޑާންސް ފަދަ ވޯކްއައުޓްސްތައް ހިމެނެއެވެ. އަދި އެޕަލްއިން ދަނީ ކޮންމެ ހަފްތާއަކު އެއްވޯކްއައުޓް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެޕަލް އިން ބުނާގޮތުގައި މިއަހަރު ނިމުމުގެ ކުރިން މިއެޕްލިކެޝަން ބޭނުންކުރަން ފެށޭނެއެވެ.

  1. އެޕަލް ވަން ސަބްސްކްރިޕްޝަން ބަންޑަލް ޕެކް

އެޕަލްއިން އަލަށް ތަޢާރަފްކުރާ މިޕެކަކީ އެއް ސަބްސްކްރިޕްޝަން އަކުން އެޕަލްގެ ގިނަ ޙިދުމަތްތަކެއް އެކިއަގުތަކުގައި ލިބޭ ސާރވިސްއެކެވެ. އެގޮތުން މިޕެކްގައި ހިމެނޭ ބަންޑަލްތަކުގެ ތެރެއިން އެންމެ އަގުހެޔޮ ބަންޑަލް މަހަކު 14.9ޑޮލަރަށް ލިބެން ހުންނާނެއެވެ. އަދި އެއިން ލިބޭ ޙިދުމަތްތަކުގެ ތެރޭގައި އެޕަލް މިއުޒިކް، އެޕަލް ޓީވީ ޕްލަސް، އެޕަލް އަރކޭޑް އަދި 50ޖީބީގެ އައިކްލައުޑް ސްޓޯރޭޖްވެސް ހިމެނެއެވެ. އަދި ފެމިލީ ޕްލޭންގެ ދަށުން 200ޖީބީގެ އައިކްލައުޑް ސްޓޯރޭޖް 6 މީހުންގެ މެދުގައި ބަހާލެވޭނެއެވެ. އަދި ޕްރިމިއަރ ބަންޑަލްގައި އެޕަލް ނިއުސް ޕްލަސް، ފިޓްނަސް ޕްލަސް އަދި 2ޓީބީގެ އައިކްލައުޑް ސޮޓޯރޭޖް ހިމެނޭނެއެވެ. މިބަންޑަލްވެސް 6 މީހުންގެ މެދުގައި ބަހާލެވޭނެއެވެ.  

  1. އައި.އޯ،އެސް 14، އައިޕެޑްސް14، ވޮޗް އޯ.އެސް7 ތައާރަފްވުން

އެޕަލްއިން ވަނީ ސެޕްޓެމްބަރ 16 ވަނަ ދުވަހު ގިނަ ސޮފްޓްވެއަރ އަޕްޑޭޓްސްތަކެއް ރިލީޒްކުރުމަށް ނިންމާފައެވެ. އެގޮތުން އައި.އޯ،އެސް 14، އައިޕެޑްސް14، ވޮޗް އޯ.އެސް7 އަދި ޓީވީ އޯ.އެސް14 ރިލީޒްކުރުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން އެޕަލްއިން ބުނެފައިވަނީ އެކުންފުނިން އަލަށް ތަޢާރަފްކުރި ހުރިހާ ޕްރޮޑަކްޓްސްއެއްގައި ވެސް ހުންނާނީ އާ ސޮފްޓްވެއަރ އަޕްޑޭޓް ކަމަށެވެ.