ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 8 ޓީމުގެ ބުރުގެ ގުރުއަތުލުން މިއަދު ހަވީރު ބޭއްވިއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ބައްދަލުކުރަން ޖެހިއްޖެއެވެ.

މިފަހަރުގެ މުބާރާތުގެ އެންމެ ބޮޑު މެޗުގައި ލިއޮނަލް މެސީ އާއި ނޭމާ އަދި ކިލިއަން އެމްބާޕޭ ހިމެނޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު އުނދަގޫ ދެ މެޗަށްފަހު ރެއާލުން ކުއާޓާ އަށް ދަތުރުކުރިއިރު، ޗެލްސީ މިހާރު އޮތް ހާލަތުގެ ގޮތުން އެ ޓީމަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވުމާއެކު ވެސް ލިއްލެގެ މައްޗަށް ވަނީ ކުރިހޯދާފައެވެ. މީގެކުރީން، ޔޫރަޕްގެ މުބާރާތްތަކުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ ފަހަރަކު ވެސް ރެއާލް މޮޅުވެފައެއްނުވެއެވެ. ތިން މެޗުން ޗެލްސީ މޮޅުވިއިރު، އަނެއް ދެ މެޗުން ވީ އެއްވަރެވެ. 

ކުއާޓާގައި ދެން އެންމެ ފާހަގަކޮށްލެވޭ މެޗަކީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ވާދަކުރާ މެޗެވެ. ސިޓީން ގަދަ 8 ޓީމުގެ ތެރޭގައި ހިމެނުނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ބަލިކޮށްގެންނެވެ. އެތުލެޓިކޯ އިން ކުއާޓާގެ ޖާގަ ކަށަވަރުކުރީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިގެންނެވެ.

އިޓަލީގެ ޗެމްޕިއަން އިންޓަ މިލާން ބަލިކުރުމަށްފަހު ކުއާޓާ އަށް ދަތުރުކުރި ލިވަޕޫލް ނިކުންނަން ޖެހެނީ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށެވެ. ނިމިދިޔަ ގަދަ 16 ގެ ބުރުގައި ބެންފީކާ އިން ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް ބަލިކުރިއިރު، އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ސްޕެއިނުގެ ގަދަ ބާރު ބާސެލޯނާ ކަޓުވާލައިފައެވެ. ޔޫރަޕްގައި ބެންފީކާއާ ލިވަޕޫލް ބައްދަލުކުރި 10 ފަހަރުގެ ތެރެއިން ހަ ފަހަރު ލިވަޕޫލް މޮޅުވިއިރު، އަނެއް ހަތަރު މެޗުން މޮޅުވީ ބެންފީކާ އެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކުއާޓާގައި ނިކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން ވިޔަރެއާލުން ގަދަ 8 ޓީމުގެ ތެރޭގައި ހިމެނުނީ ގިނަ ބަޔަކަށް ހައިރާންކަން ގެނައުމަށްފަހު ދެވަނަ ބުރުގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށްގެންނެވެ. ވިޔަރެއާލާ ދެކޮޅަށް ބަޔާން މިހާތަނަށް ކުޅުނު ދެ ފަހަރު ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. 

ކުއާޓާ ފައިނަލްގެ މެޗުތައް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 5-6 އަދި 12-13 ގައެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅެވޭނީ އޭޕްރީލް މަހުގެ 26-27 އަދި މެއި މަހުގެ 3-4 ގައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ ޕެރިހުގައި ހުންނަ ސްޓެޑް ޑެ ފްރާންސްގައި މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 8 ޓީމުގެ ބުރުގެ އިތުރުން ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން ވެސް ވަނީ ބާއްވާފައެވެ. މިފަހަރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ޓީމަކީ 1981 ވަނަ އަހަރުގެ ފަހުން ޔޫރަޕުގެ ކްލަބު ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ކުއާޓާގައި ނިކުންނަ ވެސްޓް ހޭމް ޔުނައިޓެޑަށެވެ. އެ ޓީމުން ނިކުންނަން ޖެހެނީ ފްރާންސްގެ އޮލިމްޕިކް ލިޔޯންއާ ދެކޮޅަށެވެ. ސްކޮޓްލެންޑްގެ ރޭންޖާސް އިން ޕޯޗުގަލްގެ އެސްސީ ބްރާގާއާ ދެކޮޅަށް ނިކުންނައިރު، ސްޕެއިނުގެ ބާސެލޯނާ ނިކުންނާނީ ޖަރުމަނުގެ އެއިންޓްރަކް ފްރެންކްފާޓްއާ ދެކޮޅަށެވެ. ކުއާޓާގެ ފަހު މެޗުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގު ވާދަކުރާނީ އިޓަލީގެ އެޓަލާންޓާއާ އެވެ.