އަންހެނާ މާބަނޑުވުމާއި، ދަރިއަކު ވިހެއުމާއި ގުޅިގެން، އެ އަންހެނާގެ އުރަމަތީގައި އެ ދަރިފުޅަށް ބޭނުންވާނޭ ކާނާ އުފެދި ޖަމާވަމުންދާ ކަމީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ އަލިގަދަ ހެއްކެކެވެ. ގާތުން ކިރުދޭ ކިރުމައިންނަކީ އެ މީހުންގެ ހަށިގަނޑުގައި ނުހަނު އާދަޔާހިލާފު ޤުދުރަތީ ތަފާތު ނިޒާމެއް ތަރުތީބުވަމުންދާ ބައެކެވެ. ނަމަވެސް ކިރުމައިން ސަމާލުކަން ދޭން ޖެހޭ މުހިންމު އެތައް ކަމެއް ހުންނާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ހާއްސަކޮށް ކިރުމައިންނަށް ޖެހުމުގެ ފުރުސަތު ބޮޑު އިންފެކްޝަނެއްގެ މައްޗަށެވެ. އެއީ މަސްޓައިޓިސްއެވެ.

މަސްޓައިޓިސް އަކީ އުރަމަތީގެ ޓިޝޫތަކުގެ އިންފެކްޝަނެކެވެ. މިއީ އާންމުކޮށް އަންހެނުންނަށް ދިމައިވާ މަައްސަލައެކެވެ. ހާއްސަކޮށް ކިރުމައިންނަށެވެ. ނަމަވެސް މަދުމަދުން ފިރިހެނުންނަށްވެސް މިކަން ކުރިމަތިވެދާނެއެވެ. ދަރިފުޅު ކިރު ތުނބުން ވީއްލުމުގެ ކުރިން މައިމީހާއަށް މިކަން ދިމައިވެއްޖެނަމަ އޭގެ ސަބަބުން ގާތުން ދިނުމުގައި މައިމީހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ބައެއްފަހަރަަށް އެ ދަރިފުޅަށް އެހެން ކިރުމައެއް ހޯދަންވެސް ޖެހިދެއެވެ. އެހެންކަމުން މަސްޓައިޓިސް އަކީ ގާތުންދޭމައިން ވަރަށްބޮޑަށް ހޭލުންތެރިވެ ތިބެންޖެހޭނޭ ބައްޔެކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އުރަމަތި ހަރުވެ އުރަމަތީގައި ރިހިފައި ހުރެދާނެއެވެ. އަދި މަޑު ހޫނުކަމެއް އިހުސާސް ކުރެވިދާނެއެވެ. ތަންކޮޅުކޮޅުން ދުޅަވެ އުފުލިފައި ހުރެދާނެއެވެ. ނުވަތަ އުރަމަތީގެ އެއްފަޅި އެއްކޮށް ދުޅަވެފައި ހުރެދާނެއެވެ. ގާތުން ދޭއިރު، ދިލަނަގާ ކަރާގޮތް ވެދާނެއެވެ. އުރަމަތީގެ ހަންގަނޑު ރަތްވެ ފިތްނަގާފައި ހުރެދާނެއެވެ. އަދި ބައެއްމީހުން ހުން އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި ބަލި ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ އުރަމަތީގެ އެތެރޭގެ ކޮންމެވެސް ހިސާބެއްގައި ކިރު ޖަމާވެ ބޭރުނުވެފައި ހުރުމެވެ. އެގޮތުން އުރަމަތީގެ ތެރޭގައި ހުންނަ ކިރު ދަތުރުކުރާ ހޮޅިތަކާއި ޖަމާވެފައިވާ ހުންނަ "ޖާޑި" (ޑަކްޓް) ތަކުންކުރެ ތަނެއްގައި ކޮންމެވެސް ކަހަލަ ބެދުމެއް އިނުމަކީ ވެދާނޭ ކަމެކެވެ. މިފަދައިން ބެދިފައިވާނަމަ އެ ތަނެއްގައި ހުންނަ ކިރުތައް ބޭރުނުވެ ޖަމާވެފައި ހުންނާނެއެވެ. މިގޮތަށް ގިނަ ދުވަސްވަންދެން ކިރު ޖަމާވެފައި ހުންނަ ނަމަ އޭގައި ޖަރާސީމު އަށަގަންނަ ގޮތް ވެއެވެ. މި ހާލަތަކީ މަސްޓައިޓިސް އެވެ. މި ބަލި ޖެހިދާނޭ އަނެއް ގޮތަކީ ކޮންމެވެސް ގޮތަކުން އުރަމަތީގެ ޓިޝޫތަކުގެ ތެރެއަށް ޖަރާސީމު ފޯރުމެވެ. އެގޮތުން އުރަމަތީގެ ވައްގަނޑު ކޮޅުގައި ކުރަކިވުކުގެ ސަބަބުން ކެނޑި ކެނޑިފައި ހުންނަ ތަންކޮޅުކޮޅުން ޖަރާސީމު ފޯރަފާނެއެވެ.

މިހާލަތުން ދުރުވުމަށް ކިރުމައިން ސަމާލުކަން ދޭންޖެހޭ ބައެއްކަންކަން ޑަކްޓަރުން ފާހަގަ ކުރެއެވެ. އޭގެތެރޭގައި ގާތުން ދޭއިރު ރަނގަޅަށް ދިނުން ހިމެނެއެވެ. އެގޮތުން ގާތުންދޭ އުރަމައްޗަކުން ރަނަގަޅަށް ގިނައިން ދިނުން މުހިންމެވެ. އަދި އެއް އުރަމައްޗަކުން ކިރު "ހުސްކުރުމަށްފަހު" ނޫނީ އަނެއް އުރަމައްޗަށް ކުއްޖާ ބަދަލު ނުކުރުން މުހިންމެވެ. ގާތުން ދޭއިރު، އެކި ފަހަރު އެކި ގޮތަށް ޖެއްސޭތޯ ބަލަންވާނެއެވެ. ނަމަވެސް ސަމާލުކަން ދޭން ޖެހޭ ކަމަކީ ކުއްޖާގެ އަނގަ ރަނގަޅަށް ވަށްގަނޑުގައި ޖެހިފައި އިންތޯއެވެ. މީގެ އިތުރުން ކުއްޖާ ގާތުން ބޮއުމަށްފަހު، އުރަމަތިން ކިރު އަންނަ ނަމަ، ފިތާލައިގެން ނަމަވެސް އެ އުރަމަތިން ކިރު ހުސްކޮށްލަން ވާނެއެވެ. މިއީ މިފަދައިން ޖެހޭ އެހެން މައްސަލަތަކުންވެސް ސަލާމަތްކޮށްދޭނޭ ކަމެކެވެ.

މަސްޓައިޓިސް އަކީ ބޭހުން ރަނގަޅު ކުރެވޭ ބައްޔެކެވެ. އެހެންކަމުން މި ބަލިޖެހިފައި ހުރުމަކީ ކަންބޮޑުވެ މާޔޫސްވާން ޖެހެނޭ ކަމެއްނޫނެވެ. މާތް ﷲ އިޒުނަފުޅާއި އެކު ޑަކްޓަރުގެ ފަރުވާ އާއެކު މިއީ ފަރުވާކުރެވި ޝިފާ ލިބިދޭ ބައްޔެކެވެ. ނަމަވެސް ބަލި ޖެހި ފަރުވާކުރުމަށްވުރެ ބޮޑަށް ބަލިން ރައްކާތެރިވެހުރުން ވަރަށްވެސް މުހިންމެވެ.

އެތައް ކުދިންނެއް ވިހާ ބޮޑުކޮށްފައިހުރި އިރުވެސް މަސްޓައިޓިސްފަދަ ބައްޔެއްކުރިމަތިނުވާ މީހުން އުޅޭނެއެވެ. އެފަދަމީހުން އެކަންކަމަށް ޝުކުރުވެރިވުން ހުއްޓެވެ. ކިރުމައިންގެ ތެރޭގައި މިފަދައިން އެކިއެކި އުނދަގޫތަކާއި ވޭންތައް ތަހައްމަލުކުރާ މައިންގެ އަދަދަކީ މަދު އަދަދެއް ނޫނެވެ. މި މައުލޫމާތުތަކަކީ ފަހަރުގައި ގާތުން ދިނުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އާ މައުލޫމާތުތަކެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް މިއީ އަލަށް ގާތުންދޭ މައިންނަށާއި އަދި ޖުމުލަކޮށް ހުރިހާ ކިރުމައިންނަށް ފައިދާކުރާނޭ ލިޔުމެއްކަމުގައި ދެކެމެވެ. މިފަދަ ވާހަކަތަކަކީ ހަޑި ނުވަތަ ހުތުރުވާހަކަތަކެއް ނޫނެވެ. މިއީ ސިއްހީގޮތުން ކޮންމެހެން އެނގެންޖެހޭ މުހިންމު މައުލޫމާތުތަކެކެވެ. އެހެންކަމުން ކޮންމެ އަންހެނަކީ، ހާއްސަކޮށް ކޮންމެ ކިރުމަޔަކީ މި ބައްޔާއި އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ފަރުވާތެރި އަދި ހޭލުންތެރި ބަޔަކު ކަމުގައި ވާން ވާނެއެވެ.