ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކާއި އެއްގަމުގައި އާންމުކޮށް ހެދިފައި ހުންނަ މިދިލި ގަސްގަހަކީ އެއިން އަހަރެމެންނަށް ވަރަށްގިނަގުނަ ފައިދާތަކެއް ކުރުވަނިވި ގަހެކެވެ. މި ގަހަށް ކަނަކަހޭ ވެސް ކިޔައެވެ. މި ގަހުގައި އަޅާ މޭވާ ދޮންވުމުން އޭގެ އޮށްގަނޑުގެ ބޭރަށް އަރާފައި ހުންނަ މަޑު ފުށްގަނޑެއް ކެވޭނެއެވެ. މިއީ އިހު ދިވެހިން ވަރަށް އާންމުކޮށް ކައި އުޅުނު މޭވާއެކެވެ. މި މޭވާ ދޮންވެ، ހިކުމުން މީގެ އޮށްގަނޑު ފަޅާލެވޭނެއެވެ. އެއާއެކު އެ އޮށްގަނޑުގެ ތެރޭގައި ހިމަކޮށް ދިގުކޮށް އިންނަ މަދެއް ވާނެއެވެ. މިއީވެސް ކައި އުޅޭ އެއްޗެކެވެ. މިއަށް މިދިލިމަދޭ ނުވަތަ ކަނަމަދޭ ވެސް ކިޔައެވެ. މި ލިޔުމުގައި މި ބަލާނަލީ މިދިލިމަދުން ލިބޭ ބައެއް ފައިދާތަކަށެވެ.

މިދިލިމަދަކީ އޭގައި ވަރަށް ހާއްސަ ދެ ފެޓީ އެސިޑެއް އެކުލެވޭ އެއްޗެކެވެ. އެއޯ ލިނޮލެއިކް އެސިޑާއި ލިނޮލެނިކް އެސިޑެވެ. މި ދެމާއްދާއަކީ ހަށިގަނޑުގައި ހުންނަ އިންފެކްޝަންތައް އަވަހަށް ނެތިކޮށްލާ ނައްތާލަން އެހީތެރިވެދޭ ދެ މާއްދާއެވެ. އަދި އިތުރު އެހެން އިންފެކްޝަނެއް އުފެދުމުގެ ފުތުސަތުވެސް ބޮޑުތަނުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މެ މާއްދާއެވެ.

މާބަނޑު އަންހެނުން، ފޯލިކް އެސިޑް ކެއުމަކީ ވަރަށްވެސް ބޭނުން ތެރި ކަމެކެވެ. މިދިލިމަދަކީ ގިނަ އަދަދަކަށް ފޯލިކް އެސިޑް އެކުލެވޭ ކާނާއެކެވެ. ފޯލިކް އެސިޑުގެ ސަބަބުން ބަނޑުގައިވާ ތުއްްތު ދަރިފުޅު، އެކި އެކި އައިބުތަކުންނާއި އުނި ސިފަތަކުން ރައްކާތެރިކޮށްދީ ދުޅަހެޔޮ ހަށިގަނޑެއް ލިބުމަށް އެހީތެރިވެދޭނެއެވެ.

މިދިލިމަދުގައި ހުންނަ މޮނޯސެޗުރޭޓެޑް ފެޓް ގެ ސަބަބުން މީހާގެ ހައިހޫނުކަން ބޮޑުތަނުން ނެތިކޮށްލައެވެ. އެހެންކަމުން ދެން އިތުރުއެހެން އެއްޗެއް ކެއުމުގެ ޝައުގުވެރިކަން ނެތިގެން ދެއެވެ. ބަރުދަން ލުއިކުރުމުގެ އަޒުމުގައި މަސައްކަތް ކުރާ ފަރާތްތަކަށް މިދިލިމަދަކީ ފައިދާކުރަނިވި ކާނާއެކެވެ. ހަމަ އެއާއި އެކު މިދިލިމަދުގައި ހުންނަ ފައިބަރުގެ މާއްދާގެ ސަބަބުން ހަޖަމުގެ ނިޒާމު ތަރުތީބުވުމާއި އެކު ވައިގެ އުނދަގުލާއި ބަނޑުހިކުމުން ދުރުކޮށްދޭނެއެވެ. އަދި ގަވައިދުން ބޮޑުކަމު ފާހާނާއަށް ދެވުމަށްވެސް މިދިލިމަދުން މަގުފަހިވާނެއެވެ.

ކަށި ވަރުގަދަ ވުމާއި ހެދިބޮޑުވުމަށް ބޭނުންވާ އެކި ކަހަލަ ވިޓަމިނާއި މިނަރަލްސް މިދިލިމަދުން ލިބެއެވެ. ހާއްސަކޮށް ފޮސްފަރަސް އެވެ. މިއީ ކަށީގެ އައު ހަތައިތައް އުފެދުމަށާއި އަނިޔާފެފައިވާ ހަތައިތައް "މަރާމާތު" ކުރުމަށް ނުހަނު ބޭނުންތެރި މާއްދާއެކެވެ.

މިދިލިމަދުގައި ހުންނަ މެގްނީސް އަދި ޒިންކުގެ މާއްދާގެ ސަބަބުން ދިފާއީ ނިޒާމަށް ހަރުދަނާކަން ގެނެސްދެއެވެ. ދިފާއީ ނިޒާމުގައި މަސައްކަތްކުރާ ލޭގެ ހުދު ހަތައިތަކަށް އާރޯކަމާއި ތާޒާކަން ގެނެސްދެއެވެ. އެހެންކަމުން މިދިލިމަދަކީ ދިފާއީ ނިޒާމު ހަރުދަނާކޮށްދޭންވެސް އެހީތެރިވެދޭ ކާނާއެކެވެ.

ސިކުނޑީގެ ދުޅަހެޔޮކަމަށް ބޭނުންވާ ހާއްސަ މާއްދާތަކުގެ ތެރެއިން ދެ މާއްދާއެއް މިދިލިމަދުން ވަނީ ހޯފިފައެވެ. އެއީ އެލް-ކާނިޓައިން އާއި ރިބޯފްލެވިން ނަމަކަށް ކިޔާ ދެ މާއްދާއެވެ. މިއީ ސިކުނޑީގެ މަސައްކަތް އަވަސްކޮށްދީ ނާރުތަކުގެ ހަލުއިކަން އިތުރުކޮށްދޭން އެހީތެރިވެދޭ ދެ މާއްދާއެވެ. އަދި އަލްޒައިމާ ފަދަ ހަނދާންނެތޭ ބަލިތަކަށް ފަރުވާ ހޯދުމަށް މިދިލިމަދު ބޭނުން ކުރެވިދާނޭ ކަމަށް ޑައިޓީޝަނުން ފާހަގަ ކުރެއެވެ.

މިދިލިމަދުގައި ހުންނަ ގިނަ މާއްދަތަކެއް އެކުވެގެން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އޭގެ ތެރޭގައި މޮނޯސެޗުރޭޓެޑް ފެޓްސް، ޕްރޮޓީން، ވިޓަމިން އީ، ޕޮޓޭސިއަމް އަދި ފޯލިކް އެސިޑްފަދަ މާއްދާތައް ހިމެނެއެވެ. އަދި މިދިލިމަދުގައިވާ އެންޓިއޮކްސިޑަންޓުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނެތިކޮށްލާ ބޭރުކޮށްދިނުމަށް އެހީތެރިވެދެއެވެ. 

މިދިލިމަދުން ތެޔޮ ހަދާފައިވެސް ހުރެއެވެ. މިއީ ބައެއްކަހަލަ ހާލަތްތަކުގައި އުނގުޅާ ތެލެކެވެ. އަދި ބައެއް ކާއެއްޗެއްސައްވެސް މި ތެޔޮ އަޅައެވެ. މިދިލިމަދު އެކި ގޮތްގޮތަށް ކައި އުޅޭ އިރު، ތަފާތު މީރު އެތައް ކާއެއްޗެއްވެސް މިދިލިމަދުން ހަދާފައި ހުރެއެވެ. ކެއުމުގައި މިދިލިމަދަކީ ލިބޭ މިންވަރަކުން ހިމެނުން ރަނގަޅު ކާނާއެކެވެ.