އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އެސްޓަން ވިލާ 1-0 އިން ބަލިކޮށް އާސެނަލުން ތާވަލްގެ ހަތަރުވަނައިގައި ހަމަޖެހިލައިފިއެވެ.
މިއީ 2015 ވަނަ އަހަރުގެ ފަހުން ލީގުގައި ޖެހިޖެހިގެން ރަށުން ބޭރުގައި ފަސް މެޗުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާއެކު އާސެނަލް ހަތަރުވަނައިގައި އޮތީ 28 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެވެ. އެ ޓީމަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުން ފަސްވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 28 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ. ސިޓީ އަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ލިބިފައިވަނީ 69 ޕޮއިންޓެވެ.
ވިލާ ޕާކުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 30 ވަނަ މިނެޓުގައި އާސެނަލަށް ޖަހައިދިނީ ބުކާޔޯ ސަކާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ލިބުނު ފުރުޞަތަކުން ސަކާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އެ ޓީމަށް އެންމެ ފަހުން ކުޅުނު 11 މެޗުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ. އަދި މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި އާސެނަލުން ކާމިޔާބުކުރި 2،000 ވަނަ ގޯލު ވެސް މެއެވެ. އާސެނަލަކީ ޔުނައިޓެޑާއި ލިވަޕޫލަށް ފަހު މި އަދަދަށް ގޯލްޖެހި
ވިލާ އިން އެއްވަރުކުރަން ކުރި މަސައްކަތުގެ ތެރެއިން، މެޗުގެ 68 ވަނަ މިނެޓުގައި އޮލީ ވަޓްކިންސް ފޮނުވާލި ބޯޅަ އާސެނަލްގެ ފުލްބެކް ކިއެރަން ޓިއާނީ ގައިގަ ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ.
ލީގުގައި މި ހަފްތާގައި ކުޅުނު އަނެއް މެޗުގައި ލީޑްސް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-2 އިން ވުލްވްސް ބަލިކޮށްފައެވެ.
