އަންހެނުންނަކީ ރީތިވުމަށްޓަކައި ނުވަތަ ރީތިކަން ދެމެހެއްޓުމަށްޓަކައި ތަފާތު އެކި ބާވަތް ބާވަތުގެ އެއްޗެހި ބޭނުން ކުރާ ބައެކެވެ. ޚާއްސަކޮށް ގޭގައި ތިބެގެން ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ހަންގަޑަށާއި އިސްތަށިގަނޑަށް އެކިކަހަލަ ފަރުވާ ހޯދައެވެ. ރޯސްވޯޓަރ އަކީވެސް މިގޮތަށް ގޭގައި ތައްޔާރުކުރެވޭ ވަރަށްގިނަ ބާވަތުގެ ފޭޝިއަލްއަށާއި އިސްތަށިގަޑަށް ޙާއްސަ ފަރުވާއަށް ބޭނުންކުރެވޭ ފިނިފެންމަލުގެ ފިޔައިން ތައްޔާރުކުރެވިފައި ހުންނަ އެއްޗެކެވެ. ރޯސްވޯޓަރގެ އިތުރުން ރޯސްއޮއިލް އަކީވެސް މިދެންނެވުނު ކަންކަމަށް ބޭނުންކުރާ ތެލެކެވެ. އެގޮތުން މިލިޔުމުގައި ރޯސްވޯޓަރ އިން ލިބޭ ފައިދާތަކަށް އަޅުގަނޑު އަލިއަޅުވާލާނަމެވެ.
- ހަންގަނޑު ހިރުވުމުން ސަލާމަތްކޮށްދޭ
ރޯސްވޯޓަރ އަކީ ގުދުރަތީ މުއްސަނދި މާއްދާތަކުން ތައްޔާރުކުރެވިފައިވާ ފެނެއް ކަމުން ގައިގެ ހަންގަނޑު ހިރުވުމާއި، ފިތްގަނޑުނެގުން ފަދަ ކަންކަމަށް މިފެން ބޭނުންކުރުމުން ހަންގަޑު ފިނިކޮށްދީ ހަންގަނޑު ހިރުވުން ނުވަތަ ރަތްވުން ފަދަ ކަންކަމުން ސަލާމަތްކޮށްދެއެވެ.
- އިސްތަށިގަނޑު ރީތިކޮށްދޭ
އިސްތަށިގަނޑަށް ހާއްސަ ޝޭމްޕޫއަކުން ދޮވުމަށްފަހު އެންމެ ފަހު ފަހަރަށް ރޯސްވޯޓަރ ބޭނުންކޮށްގެން އިސްތަށިގަނޑު މަސާޖުކުރުމަށްފަހު ދޮވެލުމުން އިސްތަށިގަނޑަށް އިތުރު އޮމާންކޮށްދީ ވިދުންގަދަ ކޮށްދެއެވެ. އަދި ޑީޕް ކޮންޑިޝަނިން އިފެކްޓް ގެނެސްދީ ގުދުރަތީ ރީތިކަން ލިއްބައިދެއެވެ.
- ކަންބޮޑުވުމާއި ނުތަނަވަސްކަން ދުރުކޮށްދޭ
ކަމަކާއި މާބޮޑަށް ކަންބޮޑުވެ ނުތަނަވަސްވާނަމަ ރޯސްވޯޓަރ ބޭނުންކުރުމުން ހަށިގަނޑަށާއި ސިކުނޑިއަށް އަރާމުލިބި އެކަންކަމުން ދުރުހެލިކޮށްދެއެވެ. އެގޮތުން ކުޑަ ފެންފޮދެއް ކަރުދަށުގައާއި އަތުކުރީގައި އަދި ކަންފަތްފުރަގަހުގައި އުގުޅާލުމުން އޭގެ މީރުވަހުން ނުތަނަވަސްކަން ފިލާދެއެވެ.
- މޭކަޕް ފިލުވާލުމަށް އެހީވެދޭ
ނާޒުކު ނުވަތަ ކުރަކި ހަންގަނޑެއް ލިބިފައިވާނަމަ ހަންގަޑާއި ގުޅޭ މޭކަޕް ފިލުވާ އެއްޗެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. ހަންގަނޑާއި ނުގުޅޭ މޭކަޕް ރިމޫވަރ އެއް ބޭނުންކޮށްފިނަމަ ހީވެސްނުކުރާ ފަދަ ނޭދެވޭ އަސަރު ހަންގަނޑަށް ކުރެއެވެ. އެހެންކަމުން ރޯސްވޯރޓަރ ނުވަތަ ރޯސްއޮއިލް މޭކަޕް ފިލުވުމުން ބޭނުންކުރުމުން ހަނގަނޑަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމްތްވެއެވެ.
- ތުންފަތް ރީތިކުރުމަށް އެހީވެދޭ
ތުންފަތަކީ އެންމެ ބޮޑަށް ފަރުވާތެރިވެ ރީތިކަންމަތީގައި ބެހެއްޓުމަށް އެންމެ ގިނަ ބަޔަކު އަހަންމިއްޔަތުކަންދޭ އެއްތަނެވެ. ކޮންމެދުވަހަކު ކަފަބުރެއް ބޭނުންކޮށްގެން ރޯސްވޯޓަރ އިން ތުންފަތް މަސާޖުކުރުމަށްފަހު ރަނގަޅު ލިޕްބާރމްއެއް ތުންފަތުގައި އުނގުޅުމުން ތުންފަތް މަޑުކޮށްދީ ގުދުރަތީ ފިޔާތޮށި ކުލައެއްގައި ހުރުމަށް އެހީވެދެއެވެ.
- ހަންގަނޑު ދޮންކޮށްދޭ
ރޯސްވޯޓަރ އިން ހަންގަޑުގެ ކުލައަލިކޮށްދީ ހަންގަޑު ދޮންކޮށްދިނުމަށް އެހީވެދެއެވެ. ސަބަބަކީ ރޯސްވޯރާޓރގެ ސަބަބުން ހަންގަނޑުގައިވާ ޕީ.އެޗް ބެލެންސްކޮށްދީ މިލަ ނައްތާލުމަށް ބާރަކަށް ވެދެއެވެ. ހާއްސަކޮށް ހަންގަނޑު އަނދާފައިވާނަމަ ކޮންމެ ދުވަހަކު 3 ނުވަތަ 4 މިނިޓް ވަންދެން ރޯސްވޯޓަރ އިން މަސާޖުކުރުމަށްފަހު އައިސްފެނުން ދޮވެލުމުން ރީތިދޮން ހަންގަނޑެއް ލިބުމަށް އެހީވެދެއެވެ.
