ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ އިން 4-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް އެ ޓީމު ލަދުގަންނަވާލައިފިއެވެ.
މިއީ ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ޖެހިޖެހިގެން ބަލިނުވެ ފުރިހަމަކުރި 12 ވަނަ މެޗެވެ. އަދި މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު ލަނޑުޖެހި ހަތަރުވަނަ ފަހަރެވެ. މީގެއިތުރުން، މިއީ ރެއާލާއި ދެކޮޅަށް އެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗަށްފަހު މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ރެއާލެވެ. އެ ޓީމަށް ކުޅުނު 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ނުވަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސެވިއްޔާ އެވެ. ތިންވަނައިގައި ބާސެލޯނާ އޮތީ 28 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ސަންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ބާސެލޯނާގެ ފުރަތަމަ ލަނޑުޖަހައިދިނީ ފިއޭ-އެމެރިކް އޮބާމަޔަން އެވެ. މިއީ އެ ޓީމުގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޮބާމަޔަން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ބާސެލޯނާ އިން ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ރޮނާލްޑް އަރައުހޯ އެވެ. މިއީ ވެސް ޑެމްބެލޭ ނެގި ހުރަހަކުން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ބާސެލޯނާގެ ތިންވަނަ ލަނޑުޖެހީ އޮބާމަޔަން ދިން ބޯޅައަކުން ފެރާން ޓޮރޭޒް އެވެ. އަދި އޭގެފަހުން، މެޗުގެ 51 ވަނަ މިނެޓުގައި ޓޮރޭޒް ދިން ޕާހަކުން އޮބާޔަމަން ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.
މި މުބާރާތުގައި ރޭ ސެލްޓާ ވިގޯގެ ދަނޑުގައި ރެއާލް ބެޓިސް ކުޅުނު މެޗުން ލަނޑެއްނުޖެހި އެއްވަރުވިއިރު، ސެވިއްޔާއާ ދެކޮޅަށް ރެއާލް ސޮސިއެޑާޑް ކުޅުނު މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިންނެވެ.
