އެމިރޭޓްސް އެފްއޭކަޕްގެ ސެމީ ފައިނަލްގައި ލިވަޕޫލާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅެން ޖެހިއްޖެއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުތަކަށްފަހު ކްރިސްޓަލް ޕެލަސް އާއި ސިޓީ އަދި ލިވަޕޫލް ވަނީ ސެމީން ފުރުޞަތު ހޯދާފައެވެ. މިއާއެކު، ސެމީގެ ގުރުއަތުލުން ބޭއްވިއިރު ލިވަޕޫލާއި ދެކޮޅަށް ސިޓީ ނިކުންނަންޖެހުނުއިރު، ޗެލްސީ ކުޅޭނީ ޕެލަސްއާ ދެކޮޅަށެވެ.
މިފަހަރުގެ ލީގު ކަޕް ކާމިޔާބުކުރި ލިވަޕޫލުން ރޭގެ މެޗުގައި ނޮޓިންހަމް ފޮރެސްޓް ކޮޅަށް ލަނޑުޖެހީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ މި ލަނޑުޖެހީ ގްރީސްގެ ފުލްބެކް ކޮސްޓާސް ސިމިކާސް ދިން ބޯޅައަކުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ޔޮޓާ ޖެހި 19 ވަނަ ގޯލެވެ.
ސިޓީން ރޭ ރަށުން ބޭރުގައި ސައުތެމްޓަން އަތުން މޮޅުވީ 4-1 އިންނެވެ. މި މެޗުގައި ސިޓީގެ ލަނޑުތައް ޖެހީ ރަހީމް ސްޓާލިން އާއި ކެވިން ޑި ބްރޭނާގެ އިތުރުން ފިލް ފޯޑެން އަދި ރިޔާދް މަރޭޒް އެވެ. ސައުތެމްޓަންގެ ގޯލަކީ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި މުބާރާތުގައި ރޭ ޕެލަސްގެ ދަނޑުގައި 4-0 އިން އެވަޓަން އަތުން އެ ޓީމު މޮޅުވިއިރު ލަނޑުތައް ޖެހީ މާކް ގުއެހީ، ޖީން-ފިލިޕް މަޓޭޓާ، ވިލްފްރައިޑް ޒާހާ، ވިލް ހިއުސް އެވެ.
ރޭގެ މެޗުން ލިވަޕޫލް މޮޅުވެ އެފްއޭކަޕްގެ ސެމީ އަށް ދަތުރުކުރުމާއެކު އެ ޓީމަށް މިފަހަރުގެ ސީޒަނުގައި ކުއަޑްރަޕަލް (ހަތަރު ތަށި) ހޯދުމުގެ ފުރުޞަތު އެބައޮތެވެ. މިހާތަނަށްއައިއިރު ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު، އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު ވެސް އެބައޮތެވެ.
