ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ އަމިއްލަ ދަނޑުގައި ބަންގްލަދޭޝް 2-0 އިން ބަލިކޮށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން، މިދިޔަ އަހަރު އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލުހިފައިފިއެވެ.

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައެވެ. އެފަހަރު ބަންގްލަދޭޝް މޮޅުވީ 2-1 އިންނެވެ. އެހެންކަމުން މިރޭގެ މެޗަކީ އެ މެޗުން ބަންގްލަދޭޝް އަތުން ބަލިވި، ބަލިވުމުގެ ރަނގަޅު ބަދަލުހިފުމެކެވެ. އެ މެޗަކީ 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަތުން ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗަށް ނިކުތްއިރު ރާއްޖޭގެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ސްކޮޑުގައި ހިމެނުނު ފޯވާޑްލައިންގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. މީގެއިތުރުން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ފިޓްނުވާތީވެ، މިފަހަރު އެކުލަވާލި ޓީމުގައި ނުހިމެނެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ރާއްޖޭ ޓީމަށް ލީޑްނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިއީ މުހައްމަދު އުމެއިރު ދިން ރީތި ޕާހަކުން ހަންނަ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 16 ވަނަ މިނެޓުގައި ރާއްޖޭގެ ދެވަނަ ލަނޑުޖެހީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. ފޭދޫ އިއްބެ މި ލަނޑުޖެހީ އިބްރާހިމް އައިސަމް ދިން ބޯޅައަކުންނެވެ.

މި މެޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގަލޮޅު ދަނޑުގައި އެ ޓީމު ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާގެ ކޯޗުކަމުގައި ރާއްޖޭން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.