ބޮލީވުޑް ފިލްމުތައް ޢާއްމުކޮށް ބަލާ އުޅޭ މީހުންނަށް ނުވަތަ ބޮލީވުޑްގެ ޚަބަރުތައް ޢާއްމުކޮށް އެނގޭ މީހުންނަށް ރޯހިތު ޝެޓީއަކީ އައު ނަމަކަށް ނުވެދާނެއެވެ. އޭނާއަކީ އެކްޓަރެއް ނޫނެވެ. ނަމަވެސް ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. ރޯހިތަކީ ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އުމުރުން 49 އަހަރުގެ ރޯހިތު މިހާތަނަށް ޖުމްލަ 15 ފިލްމު ޑައިރެކްޓްކޮށްފައިވާއިރު އޭގެތެރެއިން 07 ފިލްމު ޕްރޮޑިއުސްކުރީ ވެސް ރޯހިތެވެ.
އިންޑިއާގެ މަހަރަޝްޓްރާއަށް އުފަން ރޯހިތު އޭނާގެ ފިލްމީ ކެރިއަރު ފެށީ އުމުރުން އެންމެ 17 އަހަރުގައެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރީ އަޖޭ ދޭވްގަން ރަސްމީކޮށް ބޮލީވުޑަށް ތަޢާރުފުވި ފިލްމު ކަމަށްވާ "ފޫލް އޯރ ކާންޓޭ"ގެ އެސިސްޓެންޓެ ޑައިރެކްޓަރަކަށެވެ. އެފިލްމުގެ މަސައްކަތަށްފަހު ރޯހިތާއި އަޖޭއާ ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ރޯހިތުގެ ފިލްމުތަކަށް ބަލައިލިޔަސް މިކަން ފާހަގަވާނެއެވެ. ސަބަބަކީ ރޯހިތު މިހާތަނަށް ޑައިރެކްޓުކުރި ފިލްމުތަކުގެ ތެރެއިން މަދު ފިލްމެއް ފިޔަވާ ކޮންމެ ފިލްމެއްގައި ވެސް ވަނީ އަޖޭ ބައިވެރިކޮށްފައެވެ.

ރޯހިތު ޝެޓީ އެންމެ ފުރަތަމަ ޑައިރެކްޓުކުރި ފިލްމަކީ 2003 ވަނަ އަހަރު ރިލީޒްކުރި އެކްޝަން/ތުރިލަރ ފިލްމު "ޒަމީން"އެވެ. އަޖޭއާއި އަބީޝޭކް ބައްޗަން، އަދި ބިޕާޝާ ބާސޫ ލީޑް ރޯލުތަކުން ފެނިގެންދިޔަ މިފިލްމަކީ މާ ކާމިޔާބު ފިލްމަކަށް ނުވިއެވެ. ދެން ރޯހިތު އުފެއްދީ ކޮމެޑީ ފިލްމެކެވެ. "ގޯލްމާލް: ފަން އަންލިމިޓަޑް"ގެ ނަމުގައި ޑައިރެކްޓްކުރި މިފިލްމު ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެގޮތުން މި ޑައިރެކްޝަނަށް ފޮލޯކޮށް މީގެ 3 ސީކުއެލްއެއް ވެސް ވަނީ ހަދައިފައެވެ. އެއީ "ގޯލްމާލް ރިޓާންސް(2008)"، "ގޯލްމާލް 3 (2010)" އަދި "ގޯލްމާލް އަގެއިން (2017)"އެވެ. މީގެ އިތުރުން ރޯހިތު ޑައިރެކްޓްކޮށްފައިވާ އަދި ބެލުންތެރިންގެ މެދުގައި އެންމެ މަޤްބޫލުވެގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ޗެންނާއީ އެކްސްޕްރެސް (2013)" އާއި "ސިންގަމް (2011)" އަދި "ސިންގަމް ރިޓާރންސް (2014)"ގެ އިތުރުން "ސިމްބާ (2018)" އާއި "ސޫރްޔަވަންޝީ (2021)" ހިމެނެއެވެ.
ރޯހިތުގެ "ސިންގަމް" އަކީ އޭނާގެ ކޮޕް ޔުނިވާރސް ފިލްމުތަކުގެ ފެށުމެވެ. އެގޮތުން، "ސިންގަމް"، "ސިންގަމް ރިޓާރންސް"، "ސިމްބާ"، "ސޫރްޔަވަންޝީ" ވަނީ އެއް ފިލްމު އަނެއް ފިލްމާ ގުޅިފައެވެ.
ރޯހިތުގެ ފިލްމުތައް އަބަދުވެސް ވެގެންދަނީ ތިއޭޓަރ ތަކުގައި ބެލުންތެރިންނަށް ތަފާތު އިޙުސާސްތަކެއް ކުރުވާ ފިލްމުތަކަކަށެވެ. ބައެއް މީހުން ބުނާ ގޮތުގައި ޚާއްޞަކޮށް ކްލައިމެކްސް މަންޒަރުތައް އެންމެ ފުރިހަމައަށް ގެނެސްދޭން ރޯހިތު ވަރުގެ ޑައިރެކްޓަރެއް ބޮލީވުޑަކު ނެތެވެ.
ރޯހިތަކީ ހަމައެކަނި ފިލްމު ޑައިރެކްޓަރެއް ނުވަތަ ޕްރޮޑިއުސަރެއް ނޫނެވެ. އޭނާއަކީ ޓީވީ ޝޯވތައް ވެސް ހޯސްޓްކުރާ މީހެކެވެ. އެގޮތުން "ޚަތުރޯން ކޭ ޚިލާޑީ" ފަދަ ޓީވީ ޝޯވތައް އޭނާ ވަނީ ހޯސްޓްކޮށްފައެވެ.
ރޯހިތު ވަނީ 2014 ވަނަ އަހަރުގެ ފިލްމްފެއަރ އެވޯޑްސްގައި 'ބެސްޓް ޑައިރެކްޓަރ'ގެ އެވޯޑަށް ނޮމިނޭޓުވެފައެވެ. އެއީ ޝާހްރުކް ޚާނާއި ދީޕިކާ ޕަދުކޯން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "ޗެންނާއީ އެކްސްޕްރެސް"ގެ ޑައިރެކްޝަނަށެވެ. އަދި ހަމަމިއާއެކު 2018 ވަނަ އަހަރުގެ 'ބެސްޓް ފިލްމް (ވިއުވާރސް ޗޮއިސް)' އަށް ވެސް ރޯހިތުގެ ފިލްމެއް ކަމަށްވާ "ގޯލްމާލް އަގެއިން" ވަނީ ނޮމިނޭޓްވެފައެވެ.
![]()
ރޯހިތުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އެންމެ ފުރަތަމަ ދެން ރިލީޒްކުރާނީ 'ރަންވީރް ސިންގ'ގެ ޑަބަލް ރޯލު ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު "ސާކަސް" ކަމަށް ރޯހިތު ވަނީ ބުނެފައެވެ. އަދި އެއަށްފަހު މިއަހަރުގެ ފަހުކޮޅު އޭނާގެ ކޮޕް ޔުނިވާރސް ފިލްމުތަކުގެ ދެން އޮތް ފިލްމު "ސިންގަމް 3"ގެ މަސައްކަތް ފަށާނެ ކަމަށާއި "ސިންގަމް 3"ގައި ސަލްމާން ޚާން 'ޗުލްބުލް ޕާންޑޭ'ގެ ނަމުގައި ދަބަންގ އެވެޓާގައި ފެނިގެންދާނެ ކަމުގެ އިޝާރާތެއް ވެސް ރޯހިތު ވަނީ ދީފައެވެ. ރޯހިތުގެ އެންމެ ގިނަ ސަޕޯޓަރުން ނުވަތަ ފޭނުން މިހާރު އެންމެ އިންތިޒާރުކުރާ ފިލްމަކީ ވެސް "ސިންގަމް 3"އެވެ.
