ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރޭ ނޯތު މެސެޑޯނިއާ އަތުން 1-0 އިން ބަލިވެ، އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން އިޓަލީ ކެޓިއިރު ޕޯޗުގަލް ވަނީ 3-1 އިން ތުރުކީ ބަލިކޮށް ޕްލޭއޮފްގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.
މިއީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީން ވޯލްޑް ކަޕްގެ ދެ މުބާރާތުން ޖެހިޖެހިގެން ފުރުޞަތު ގެއްލުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވުމުންނެވެ.
ޕަލާމޯގެ ސްޓާޑިއޯ ރެންޒޯ ބާބެރާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަލެކްސެންޑަ ޓްރަޖޯވްސްކީ އެވެ.
މި މެޗުގައި އިޓަލީގެ ފޯވާޑްލައިންގައި ހިމެނޭ ލޮރެންޒޯ އިންސީނިއޭ އާއި ޗީރޯ އިމޯބިލޭ ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ޕްލޭއޮފްގައި ރޭ ކުޅުނު މެޗަށް އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިންނާއި ނުލައި ނިކުތް ޕޯޗުގަލް ޓީމުން ވަނީ މުހިއްމު މޮޅެއް ހޯދާފައެވެ. މެޗު ފެށިގެން 15 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އޮޓާވިއޯ އެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ވިއްސަކަށް މިނެޓުގެ ތެރޭގައި ތުރުކީން ވަނީ އެއްވަރުކޮށްފައެވެ. ޗެންގިޒް އުންޑާ ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ ކެޕްޓަން ބުރަކް ޔިލްމާޒް އެވެ.
މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ތުރުކީ އަށް އެއްވަރުކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ކެޕްޓަން ޔިލްމާޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.
އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި މަތިއު ނޫނިއޭޒް ވަނީ ޕޯޗުގަލްގެ ތިންވަނަ ލަނޑުޖަހައިދީ އެ ޓީމަށް ޕްލޭއޮފް ފައިނަލުން ޖާގަ ކަށަވަރުކޮށްދީފައެވެ.
އިތުރުވަގުތުގެ ދެ ހާފު ކުޅެގެން ޗެކް ރިޕަބްލިކް އަތުން 1-0 އިން ހޯދީ މޮޅާއެކު ސްވިޑެން ޕްލޭއޮފް ފައިނަލުން ޖާގަ ހޯދިއިރު، ގަރެތު ބޭލްގެ ދެލަނޑާއެކު އޮސްޓްރިއާ އަތުން ވޭލްސް މޮޅުވީ 2-1 އިންނެވެ.
