އެކުވެރިކަމުގެ މެޗެއްގައި ރޭ އަމިއްލަ ދަނޑުގައި އައިވަރީ ކޯސްޓް އަތުން 2-1 އިން ފްރާންސުން ހަނި މޮޅެއް ހޯދައިފިއެވެ.
ފްރާންސުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ނުކުޅެއެވެ. މީގެއިތުރުން، ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ވެސް ރޭގެ މެޗަށް ނެގި ސްކޮޑުގައި ހިމެނުނު ނަމަވެސް ކުޅެފައެއްނުވެއެވެ.
އޮލިމްޕިކް މާސޭގެ ސްޓޭޑް ވެލޮޑްރޯމްގައި ރޭ ކުޅުނު މެޗު ފެށިގެން 19 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ އައިވަރީ ކޯސްޓް އިންނެވެ. މިއީ އެ ޓީމުގެ އިބްރާހިމް ސަންގާރޭ ދިން ބޯޅައަކުން ނިކޮލަސް ޕެޕޭ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ތިން މިނެޓުފަހުން، ފްރާންސުން އެއްވަރުކުރި ލަނޑުޖެހީ އޮލިވިއޭ ޖިރޫ އެވެ. މި ގޯލާއެކު ޖިރޫ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ލެޖެންޑަރީ ފޯވާޑް ތިއެރީ އޮންރީގެ ރެކޯޑާ ކައިރިއަށް ޖެހިލާފައެވެ. ޖިރޫ މިހާތަނަށް 47 ލަނޑުޖަހާފައިވާއިރު، އޮންރީ (51 ގޯލް) ގެ ރެކޯޑް މުގުރާލުމަށް ޖިރޫ ބޭނުންވަނީ 5 ގޯލެވެ.
މި މެޗުން ފްރާންސް މޮޅުވި ލަނޑު، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮނާކޯގެ މިޑްފީލްޑަރު އޮރެލިއަން ތުއަމޭނީ އެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނިކުތް މާސޭގެ މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ ނެގި ކޯނަރަކުންނެވެ.
ރޭގެ މެޗަކީ ފްރާންސުން ޖެހިޖެހިގެން ލަނޑުޖެހި 19 ވަނަ މެޗެވެ. މި މެޗުތަކުގައި ފްރާންސުން ވަނީ 42 ލަނޑުޖަހާފައެވެ.
ފްރާންސަށް ދެން އޮތީ އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ.
