އެފްރިކާ ބައްރުގެ ކޮލިފައިންގެ އެންމެ ފަހު ބުރުގައި ރޭ އަމިއްލަ ދަނޑުގައި ސެނެގޯލް އަތުން 1-0 އިން ހޯދީ މޮޅާއެކު މިސްރު، ވޯލްޑް ކަޕުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މި މެޗަކީ އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ޕެނަލްޓީޖަހައިގެން ސެނެގޯލް އަތުން ބަލިވެ، އެ މުބާރާތް 8 ވަނަ ފަހަރަށް އުފުލާލުމަށް އަމާޒުހިފައިގެން ނިކުތް މިސްރުން ހިފި ރަނގަޅު ބަދަލުހިފުމެކެވެ. މި ދެ ޓީމުގެ ދެމެދުގައި ކުޅެވޭ ދެވަނަ ލެގު އޮންނާނީ އަންނަ އަންގާރަ ދުވަހު ސެނެގޯލްގެ ދަނޑުގައެވެ.

ގާހިރާގައި ހުންނަ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު މިސްރުން ލީޑްނެގީ ސެނެގޯލްގެ ޑިފެންޑަރު ސަލިއޫ ސީސް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ބޯޅައެއް ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރުމުން އެ ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ސީސް ގައިގަ ޖެހިފައި ވަތް ގޯލެކެވެ.

މި މެޗުގައި ސަލާހުގެ އިތުރުން އޭނާއާއެކު ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެއް ނުވެއެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކެމަރޫންގެ ދަނޑުގައި 1-0 އިން އަލްޖީރިއާ މޮޅުވިއިރު، އެ ޓީމުގެ ލަނޑުޖަހައިދިނީ ލެސްޓާ ސިޓީގެ ކުރީގެ ފޯވާޑް އިސްލަމް ސްލިމާނީ އެވެ. ޓިއުނީޝިއާ އިން ރަށުން ބޭރުގައި މާލީ ބަލިކުރީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މާލީގެ މޫސާ ސިސާކޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އެފްރިކާގެ ގަދަ ދެ ބާރުގެ ކުރިމަތިލުމުގައި ގާނާގެ ދަނޑުގައި ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ދަނޑުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.