އިންސާނެއްގެ ލޭގެ ތެރެއިން ފުރަތަމަ ފަހަރަށް ’މައިކްރޯޕްލާސްޓިކް‘ ނުވަތަ ހަމަލޮލަށް ނުފެންނަ ކުދި ޕްލާސްޓިކް ފެނިފައިވާ ކަމަށް ސައިންސުވެރިން ހާމަކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ދިރާސާގައި ޓެސްޓު ކުރި 22 މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުންގެ ލެއިން ކުދި ކުދި ޕާޓިކަލްތައް ވަނީ ފެނިފައެވެ. މީގެ އިތުރުން މި ހޯދުންތަކުން ހާމަވި އަނެއް ކަމަކީ ކުދިކުދި ޕްލާސްޓިކްކޮޅުތައް ހަށިގަނޑުގެ ވަށައިގެން ދަތުރުކޮށް، ހަށިގަނޑުގެ ގުނަވަންތަކާއި ހަންގަނޑުގައި ހަރުލާފައި ހުންނަ ކަމެވެ.
މި ދިރާސާ "އެންވަޔަރަންމަންޓް އިންޓަނޭޝަނަލް ޖާނަލްގައި" ޝާއިއުކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުގައި މިއީ 0.0007 މިލިމީޓަރ ކުދި ކުދި ޕާޓިކަލްތައް ދެނެގަނެ ތަހުލީލުކުރުމުގެ ގާބިލުކަން ހުރި ލެބޯޓްރީއެއްގައި ހެދި ދިރާސާއެކެވެ. ނެދަލެންޑްސްގެ ވިރިޖް ޔުނިވަރސިޓީ އަމްސްޓަރޑަމް ގެ އެކޯޓޮކްސިކޮލޮޖިސްޓެއް ކަމަށްވާ ޑިކް ވެތާކް ބުނާ ގޮތުގައު މިއީ އިންސާނެއްގެ ލޭގެ ތެރެއިން މައިކްރޯޕްލާސްޓިކް ފެނުނު ފުރަތަމަ ފަހަރެވެ.
މީގެ ކުރިން 2021 ވަނަ އަހަރުގެ ކުރީކޮޅު، ބައެއް ބަލި މީހުންގެ ބޮޑުކަމުދާ ތަކެތިން ވަނީ މައިކްރޯޕްލާސްޓިކް ފެނިފައެވެ. ލޭގެ ތެރެއިން މައިކްރޯޕްލާސްޓިކް ފެނިފައި ވުމީ ހަގީގަތުގައި ވަރަށް ނުރައްކާތެރި ކަމެކެވެ. ސިއްހީ ދާއިރާގެ ސައިންސުވެރިން ދަނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ އިތުރު ބެލުންތަކާއި ހޯދުންތައް ހޯދުމުގައި މަސައްކަތް ކުރަމުންނެވެ. މިއީ އިންސާނުގެ ސިއްހީ ދުޅަހެޔޮކަމަށް ވަރަށްވެސް ނުރައްކާތެރި ކަމެއްކަމަށް ބައެއް ޑަކްޓަރުން ހާމަ ކުރެއެވެ. ނަމަވެސް އެ ދިރާސާގައި ބައިވެރި އެއްވެސް މީހެއްގެ ހަށިގަނޑުގައި މާ ނުރައްކާތެރި ބައްޔެއް ހުރިކަން ނުވަތަ ނޫންކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
