ކެރެޓަކީ އާދަވެގެން އަހަރެމެން ކައި އުޅޭ ތަރުކާރީގެ ތެރެއިން ވަރަށް ތަފާތު ތަރުކާރީއެެކެވެ. އެހެނީ ކެރެޓަކީ ގަހެއްގެ މުލެކެވެ. ބިމުއަޑިއަށް ފައިބާ މި މުލަކީ ރޮލާވެސް ކެވޭ އެެއްޗެކެވެ. ރޯ ފިލުވައިގެންނާ ތަފާތު އެހެން ތަރުކާރީއާއި މަސްހުނިކޮށްގެން ވެސް ކެރެޓު ބޭނުން ކޮށް އުޅެއެވެ. މި ލިޔުމުގައި މި ބަލާލަނީ ކެރެޓުން ލިބޭ ބައެއް ފައިދާ ތަކަށެވެ.

ހަށިގަނޑަށް ބޭނުންވާ މުހިއްމު އެއް މާއްދާއެއް ކަމަށްވާ ވިޓަމިން އޭ ގެ އެންމެ ގިނަ މިންވަރެއް އެއް ކާނާއަކުން ލިބޭ އެކައްޗަކީ ކެރެޓު ކަމުގައި ކަމުގެ މާހިރުން ވިދާޅުވެއެވެ. ކެރެޓުގެ ނަމާއި އެއްވައްތަރު މާއްދާއެއް ކަމަށްވާ ކެރޮޓިނޮއިޑްސް ނަމަކަށް ކިޔާ މާއްދާއަކީ ކެރެޓުގައި ގިނަ މާއްދާއެކެވެ. މިއީ ކެރެޓުގައި މައިގަނޑުކޮށް ހުންނަ އެއް މާއްދާއެވެ. ކެރެޓެއްގެ 80 އިންސައްތަ އަކީ ބީޓާ-ކެރޮޓިނޮއިޑްސް އެވެ. ބީޓާ-ކެރޮޓިނޮއިޑްސް އަށް ޕްރޯ-ވިޓަމިން އޭ ވެސް ކިޔައެވެ. އެހެނީ މިފަދަ ކެރޮޓިނޮއިޑްސް ތައް މައިދާ އާއި ގޮހޮރުގެ ތެރޭގައި ވިޓަމިން އޭ އަށް ބަދަލުވާތީއެވެ.

ބައެއް ގައުމުތަކުގެ ޤަދީމީ އަގީދާތަކެއްގައި ގަބޫލުކުރަމުން އައީ ކެރެޓު ކެއުމުން ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައިވެސް އިންސާނާއަށް ފެންފާނޭ ކަމަށެވެ. އެއީ އެޒަމާނުގައި ދައްކާ އުޅުނު ފޯކްލޯރު ވާހަކައެވެ. ނަމަވެސް މިއަދުގެ ސައިންސުގެ އަލީގައި އެ ދައްކާ ވާހަކަ ބިނާވެފައިވާ އަސާސް ހާމަވެއެވެ. އެއީ ކެރެޓުގައި ހުންނަ ވިޓަމިން އޭ ގެ މާއްދަަގެ ސަބަބުންވެ. ވިޓަމިން އޭ އަކީ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދީ އަދި ލޮލުގެ ފެނުން އަލިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ނަމަވެސް މިއީ ރޭގަނޑު ކަނު އަނދިރީގައި އިންސާނާއަށް ފެނުމުގެ ގާބިލުކަން ލިބޭނޭ މާއްދާއެއް ނޫނެވެ. ނަމަވެސް ފެނުން އަލިކޮށްދެއެވެ.

ކެރެޓުގައި ހުންނަ ކެރޮޓިނޮއިޑްސް އަކީ ހަށިފަނޑުގެ ދިފާއީ ނިޒާމުގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާއެކެވެ. ދިފާއީ ނިޒާމުގެ ހަލުއިކަމާއި ކަމުގެ ތަރުތީބު ހިފެހެއްޓިގެން ދިއުމުގައި ކެރޮޓިނޮއިޑްސް މުހިންމު މާއްދާއެކެވެ. ހަމުގެ ދުޅަހެޔޮކަމާއި ހަންގަނޑުގައި ރޫ ޖެހުން މަދުކޮށްދިނުމަށްވެސް މި މާއްދާއިން އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތަކުގެ އެތެރޭގައި ހުންނަ ދުލިފަށުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ވަރުގަދަ ކޮށްދިނުމަށްވެސް ކެރޮޓިނޮއިޑްސް އެހީތެރިވެދެއެވެ. 

ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރު އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް ކެރެޓު އެހީތެރިވެދެނީ އޭގައި ހުންނަ ތިން މާއްދާއެއް އެކުވެގެންނެވެ. އެއީ ވިޓަމިން ސީ އާއި ފައިބަރާއި އަދި ކުރިން ފާހަގަ ކުރެވުނު ކެރޮޓިނޮއިޑްސްއެވެ. މި ތިން މާއްދާގެ ސަަބަބުން ހަށިގަނޑުގައި ޖަމާވެފައިވާ ސަރުބީތައް ވިރުވައިދޭނެކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ނަމަވެސް އަދިވެސް މިކަމުގެ މައްޗަށް އިތުރު ދިރާސާތަކާއި ތަހުލީލުތައް ދަނީ ކުރެވެމުންނެވެ.

ކެރެޓުގައި ހުންނަ ފައިބަރުގެ މާއްދާއަކީވެސް މަދު މާއްދާއެއް ނޫނެވެ. އޭގެ ސަބަބުން ހަޖަމުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހަރުދަނާ ކޮށްދެއެވެ. ފާހާނާ ކުރުމުގައި ފަސޭހަ ވުމާއި ވައިގެ އެކި އެކި އުނދަގޫތަކުން ދުރުކޮށްދެއެވެ. މޭ އެންދުމާއި ގިނިވަޔަށް ގެނައުމާއި ގިސްކެނޑުވުން ފަދަ ކަންކަމުން ދުރުކޮށްދޭނެއެވެ.

ކެންސަރުގެ އެކި އެކި އަލާމާތްތަކާއި ކެންސަރަށް ނުވާ އެކި އެކި ޓިއުމަރު ނުވަތަ ގޮށް ތަކަށްވެސް ކެރެޓަކީ ރަނގަޅު ކާނާއެކެވެ. ކެރެޓުގައި ހުންނަ ކެރޮޓިނޮއިޑްސް އާއި ކޮލޯޖެނިކް އެސިޑާއި އަދި ފަލްކަރިނޯލް ނަމަކަށް ކިޔާ ތިން މާއްދާއަކީ ކެންސަރުގެ އެކި އެކި އަލާމާތްތަކުން އިންސާނާ ދުރުކޮށްދޭން އެހީތެރިވެދޭ މާއްދާތަކެކެވެ. އާދޭހެވެ! މި ދަންނަވަނީ ކެރެޓު ކެއުމުން ކެންސަރު ނުޖެހޭނޭ ވާހަކައެއް ނޫނެވެ. ނަމަވެސް އެކަމުން ދުރުކޮށްދޭނޭ ވާހަކައެވެ.

ކެރެޓުން ލިބޭ އެކި އެކި ފައިދާތައް އަދިވެސް ހުންނާނެއެވެ. މި ލިޔުމުގައި މި ހިމަނާލީ ކެރެޓު އެ މާއްދާއަކުން މުއްސަނދި ވެފައިވާ ކެރޮޓިނޮއިޑްސް އާއި އެ މާއްދާއާއި ގުޅިފައިވާ އެކި އެކި ފައިދާ ތަކަށެވެ. ދިވެހިންގެ ކެއުމުގައި ކެރެޓަކީ ވަރަށްވެސް އާންމު ތަރުކާރީއެކެވެ. ދެންވެސް ހަމަ އެފަދައިން އެ އާންމުކަންމަތީ ކެރެޓަކީ ކެއުން ރަނގަޅު ކާނައެކެވެ.