މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުން ކަލްކަތާ ނައިޓް ރައިޑާސް އަތުން މަހިންދުރަ ސިންގ ދޯނީގެ ޗެންނާއީ ސުޕަ ކިންގްސް ބަލިވެއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ އައިޕީއެލް ފައިނަލުގައި ޗެންނާއީ އަތުން ކަލްކަތާ ބަލިވި ބަލިވުމުގެ ރަނގަޅު ބަދަލުހިފުމެކެވެ. ކަލްކަތާ އިން ރޭގެ މެޗު ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.

މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ކަލްކަތާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ޗެންނާއީ އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ކުރީގެ ކެޕްޓަން ދޯނީ އެވެ. އޭނާ ވަނީ ނުބައިނުވެ 38 ބޯޅައިން 50 ލަނޑުހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރޮބިން އުތައްޕާ 21 ބޯޅައިން 28 ލަނޑުހެދިއިރު، މިހާރުގެ ކެޕްޓަން ރަވިންދުރަ ޖަދޭޖާ ވެސް ނުބައިނުވެ 28 ބޯޅައިން 26 ލަނޑުހެދިއެވެ. މި އިނިންގްސްގައި ކަލްކަތާ އިން އެންމެ ރަނގަޅަށް އުކި އުމޭޝް ޔާދަވް ހަތަރު އޯވަރުގެ ތެރޭގައި 20 ލަނޑަށް ދެ ވިކެޓްނެގިއިރު، އަންދްރޭ ރަސެލް އާއި ވަރުން ޗަކްރަވާތީ ކުރެން ކޮންމެ އުކުންތެރިއަކު ވިކެޓެއްނެގިއެވެ.

ޖަވާބުގައި ކަލްކަތާ ނައިޓް ރައިޑާސް ކުޅެން އަރައި 18.3 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 133 ލަނޑުހަދައި މެޗު ކާމިޔާބުކުރީ ބާކީ ނުވަ ބޯޅަ އޮއްވައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އަޖިންކިޔާ ރަހާނޭ 34 ބޯޅައިން 44 ލަނޑުހެދިއިރު، ކެޕްޓަން ޝްރޭސް އިޔަރު ނުބައިނުވެ 19 ބޯޅައިން 20 ލަނޑުހެދިއެވެ. މީގެއިތުރުން، 22 ބޯޅައިން 25 ލަނޑުހެދި ސޭމް ބިލިންގްސްގެ ކުޅުން ފާހަގަކޮށްލެވެއެވެ. ޗެންނާއީ ޓީމުން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގެ ތެރޭގައި 20 ލަނޑަށް ތިން ވިކެޓްނެގި ވެސްޓް އިންޑީޒްގެ އޯލްރައުންޑަރު ޑްވޭން ބްރާވޯ އެވެ.