މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުތަކަށްފަހު ކ. އަތޮޅުގެ ޗެމްޕިއަން ގާފަރާއި އެންމެ ފަހުގެ މުބާރާތް ކާމިޔާބުކުރި ތ. ތިމަރަފުށި ފައިނަލަށް ދަތުރުކޮށްފިއެވެ.
މުޅިން އަލަށް މުބާރާތުގައި ވާދަކުރި ޏ. ފުވައްމުލަކު، މާލެގަން ޓީމާ ދެކޮޅަށް ގާފަރު ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 3-3 އިން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ގާފަރު މޮޅުވީ 7-6 އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދ. ކުޑަހުވަދޫ ބަލިކޮށްފައެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ސެމީގެ ފުރަތަމަ މެޗުގައި ކުރީން ލީޑްނެގީ ވެސް ގާފަރުންނެވެ. މިއީ މާލެގަން ޓީމުގެ ކީޕަރު އަހުމަދު ޝަރަފު މަތަކުރި ބޯޅައެއް އެ ޓީމުގެ މުހައްމަދު ސާދު ނިޒާރު ގައިގަ ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، މާލެގަން ޓީމުން ނަތީޖާ ހަމަހަމަކުރީ އަބްދުﷲ ރަޝީދު ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އިބްރާހިމް އަރީޝް އެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް މާލެގަން ޓީމަށް ލީޑްނަގައިދިނީ އަރީޝް ދިން ބޯޅައަކުން އިސްމާއިލް އަލީފް އަހުމަދު އެވެ. ގާފަރުން އެއްވަރުކުރި ލަނޑު، އަޒްޔާން އިބްރާހިމް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ގައިސާން އަބޫބަކުރު އެވެ. އޭގެފަހުން، ގާފަރުގެ ޝާފީ އުމަރު ވައްދާލި ލަނޑާއެކު އެ ޓީމު މޮޅުވާން ދަނިކޮށް މާލެގަން ޓީމުން އެއްވަރުކުރީ މެޗު ނިމެން ބާކީ 15 ވަރަކަށް ސިކުންތު އޮއްވައެވެ. މާލެގަން ޓީމަށް މިލަނޑުޖަހައިދިނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަރީޝް އެވެ.
ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީޖެހިއިރު، މާލެގަން ޓީމުން ފޮނުވާލި ދެ ޕެނަލްޓީ ކާމިޔާބުނުކުރެވުނެވެ. އެ ޓީމުގެ އަބްދުﷲ ރަޝީދު ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ދިޔައިރު، ކެޕްޓަން އަޖުމަލް އަހުމަދު ފޮނުވާލި ޕެނަލްޓީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ގާފަރުގެ ކީޕަރު ފައްޔާޒު ފަޔާޒް (ފައިިއްޓޭ) މަތަކުރިއެވެ.
ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗު ކުރީން ހީކުރި ގޮތާއި ހިލާފަށް ތިމަރަފުށިން ފަސޭހަކަމާއެކު ކާމިޔާބުކުރީ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ)އާ ނުލައެވެ. އޭނާ އަށް ރޭގެ މެޗު ގެއްލުނީ ސަސްޕެންޝަނުގެ ސަބަބުންނެވެ. މި ދެ ޓީމު ޒޯން ބުރުގައި ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމުނު ނަމަވެސް، ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ތިމަރަފުށި ވަނީ 4-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
ރޭގެ މެޗުގައި ތިމަރަފުށިން ލީޑްނެގީ އިސްމާއިލް މުނީޒް (ޓްރީ) ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ އަލީ ޝިފާއު (ރޮނާ) ދިން ބޯޅައަކުން މުނީޒް ކާމިޔާބުކުރި ގޯލެކެވެ. ތިމަރަފުށީގެ ދެވަނަ ލަނޑު، އިބްރާހިމް ހަމްދާން ކާމިޔާބުކޮށްދިންއިރު އެ ޓީމުގެ ތިންވަނަ ލަނޑުޖެހީ ޝިފާއު އެވެ. އޭގެފަހުން ކުޑަހުވަދޫ ޓީމުގެ ޝައުކަތު އަމީން އެ ޓީމަށް ފަރަގުކުޑަކޮށްދީފައިވަނިކޮށް ޝިފާއު ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރީން ތިމަރަފުށްޓަށް އަލުން ތިން ލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ.
ދެވަނަ ހާފުގައި ތިމަރަފުށީ ޓީމު އިތުރު ތިން ލަނޑުޖެހިއިރު، އެ ޓީމުގެ ފަސްވަނަ ލަނޑުޖަހައި ޝިފާއު ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެފަހުން، އެ ޓީމުން ކާމިޔާބުކުރި ފަހު ދެލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުﷲ ޒިޔާން އެވެ. މެޗު ނިމެން ދަނިކޮށް ތިމަރަފުށީ ޓީމުގެ ފަސް ފައުލް ހަމަވެގެން ކުޑަހުވަދޫ އަށް ލިބުނު ދުރު ޕެނަލްޓީ ޖުމައިލް ޖަމީލް (ޖުމްބެ) ފޮނުވާލުމުން ކީޕަރު ޝަރުހާން މަތަކުރިއެވެ.
މި މުބާރާތުގެ ފައިނަލްގައި ގާފަރާއި ދެކޮޅަށް ތިމަރަފުށި ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
