ރޭގަނޑުގެ ވަގުތުގައި ބޮކި، ހޮޅިބުރި، މާކަރީ ފަދަ އަލިގަދަ ބައްތިއެއް ދިއްލާފައި ހުންނައިރު، އެ ބައްތިއެއް ކައިރިއަށް ކުދި ކުދި ދިރޭ ސޫފާސޫފިތަކެއް އަަދޭ. މިއަށް ޕަރުވާނާއޭ ކިޔާ. މިއީ ވަރަށް ކުޑަ ސުއިއްޕެއް. ދޭއް ނުވަތަ ހަތަރު ފިޔަ ލީ ކުދި ސޫފިތަކެއް. ޕަރުވާނާއެއްގެ ދިގުމިނަކީ ގާތްގަނޑަކަށް އިންޗިއެއްގެ 8 ބައި ކޮށްފަ 3ބައި.
ބޮކި ހޮޅިބުރި ފަދަ އަލިތަކުގެ ކައިރިއަށް މި ސޫފިތައް އަންނަނީ ކީއްވެ؟ ދިރާސާވެރިން ދެކިލައްވާ ގޮތުގައި މި ސޫފިތަކުގެ ލޮލުގެ ފެނުން ވަރަށް ކޮށި. އެ ސަބަބާއި ހުރެ އަލިގަދަ ތަންތަނަށް އައުމުގެ ޝައުގުވެރިކަން މިސޮރުމެންގެ ހުރޭ. އަދި އަލި އެޅިފައި ވިދުން ނުވަތަ ދަޅަ ހުންނަ ތަންތަނަށްވެސް މިސޮރުމެން ގޮސް އުޅޭ. އަދި މިއީ ތަޅުންގަނޑު، ނުވަތަ ފާރު، ނުވަތަ ލަކުޑި ނުވަތަ ބިމުގެ އަޑީގައި ހަރު ހަދައިގެން ދިރިއުޅޭ ސުއިއްޕެއް. އެހެންކަމުން މިސޮރުމެންގެ އާންމު ދިރިއުޅުމުގައި ހޫނަކީ މިސޮރުމެންނަށް ވަރަށް ކަމުދާ އެއްޗެއް. ދިއްލާފައި ހުންނަ ބޮކި ހޮޅިބުރީގައި ހޫނުކަމެއް ހުންނާނެ. އެހެންކަމުން އެ ހޫނުކަންވެސް ވެގެންދަނީ މިސޮރުމެން އެ އަލިތަކުގެ ކައިރިއަށް ގެންދާ ސަބަބަކަށް.
މި ސޫފި ތަކަކީ އަބަދު ފެންނާނޭ ސޫފިތަކެއް ނޫން. ޖަމާއަތް ޖަމާއަތައް އުޅޭ މި ސޫފިތައް ބިސްއަޅާ އޭގެ ދަރިންތައް އުފަންވެ އެސޮރުމެންގެ ގައިވައި ފިޔަ ފަޅާ އުދުހެވެން ފެށުމުން، ޖަމާއަތް ޖަމާއަތައް ނުކުމެ އުދުހޭ. މިހެން ނުކުމެ އުޅޭ އުޅުމުގައި އެސޮރުމެން ކާނާ ހޯދާ. އަދި ދެ ޖިންސުގެ ދެ ސޫފި ޖޯޑު ވަނީވެސް މިހެން ނުކުމެ އުޅޭ އުޅުމުގާ. އެސޮރުމެންގެ ހަރުތަކުގެ ހޫނުމިން ވަކި ވަރަކަށް ވުރެ ދަށްވުމުން ވެސް ހަރުތަކުން ނުކުމެ އުދުހެން ފަށާ. އަދި ހޫނު ހޯދުމަށް ބޮކި ހޮޅިބުރި ފަދަ އެއްޗެހީގެ ކައިރިއަށްދޭ. ވިއްސާރަ މޫސުމަށް މި ސޫފިތައް ގިނައިން ފެންނަނީ މިހެންވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން