އުތުރު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި ޖެމެއިކާ އަތުން 4-0 އިން ހޯދީ މޮޅާއެކު ކެނެޑާ އިން 36 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ކެނެޑާ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ 1986 ގައި މެކްސިކޯގައި ބޭއްވި މުބާރާތުގައެވެ. އެ ފަހަރުގެ މުބާރާތުން އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ އެ ޓީމުން ވޯލްޑް ކަޕްގައި ކުޅޭ ދެވަނަ ފަހަރެވެ.

ރޭގެ ނަތީޖާއާއެކު ކެނެޑާ އިން ވޯލްޑް ކަޕަށް ކޮލިފައިވީ ބާކީ އެއް މެޗު އޮއްވަ އެވެ. އެ ޓީމު އެއްވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އެމެރިކާ އޮތްއިރު، ތިންވަނައިގައި އޮތް މެކްސިކޯ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. އެމެރިކާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ޓޮރޮންޓޯގައި ހުންނަ ބީއެމްއޯ ފީލްޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާ އިން ދެލަނޑުޖެހިއިރު، އެ ޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ސީލް ލަރީން އާއި ޓޭޖަން ބުޝާނަން އެވެ.

ދެވަނަ ހާފުގައި ކެނެޑާ އިން ޖެހި ދެލަނޑުގެ ތެރެއިން އެއް ގޯލަކީ ޖެމެއިކާގެ އެޑްރިއަން މަރިއާޕާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަނެއް ލަނޑުޖަހައިދިނީ ޖޫނިއާ ހޮއިލެޓް އެވެ.

އުތުރު އެމެރިކާގެ ކޮލިފައިންގައި އަށް ޓީމު ވާދަކުރާއިރު، ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ ތާވަލްގެ އެންމެ ކުރީގައި އޮވެ ނިންމާ ތިން ޓީމަށެވެ. ހަތަރުވަނަ އަށް ދާ ޓީމު ޖެހޭނީ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި އޯޝެނިއާގެ ޗެމްޕިއަންއާ ވާދަކުރާށެވެ.