އެކި އެކި މޫސުމީ ބަދަލު ތަކާއި އެކު އަރިދަފުސް ރޯގާއަކީ ދިވެހިންގެ ތެރޭގައި އާންމު ރޯގާއެކެވެ. ގިނަ ފަހަރަށް އަރިދަފުސް ރޯގާ ވެފައިވަނީ މޫސުމީ ރޯގާއަކަށެވެ. ވިއްސާރަ ދުވަސްވަރު ރޯގާ ގިނަވާއިރު، ހޫނުގަދަ ދުވަސްވަރު ހިރަފުސް ބޯވުމުގެ ސަބަބުންވެސް ރޯގާ ގިނަވެއެވެ. ރޯގާ ޖެހި ބޮލުގައި ހުންނަ ސައިނަސް ގްލޭންޑުތަކާއި ފުއްޕާމޭގެ ތެރޭގައި އަރިދަފުސް ހިފާ، ނޭވައި ކުރުކޮށް ކެއްސާނަމަ އެއީ އެކަމަށް ފަރުވާ ބޭނުންވާ ކަންކަމެވެ. އާންމުގޮތެއްގައި މިފަދަ ހާލަތްތަކުގައި ޑަކްޓަރު، އާވި އަރުވަން ބުނެއެވެ. މިއަށް ނެބިއުލައިޒް ކުރުމޭ ކިޔައެވެ. މި ލިޔުމުގައި މި ބަލާލަނީ ކުރުގޮތަކަށް މިކަމާއި ބެހޭ މައުލޫމާތު ތަކަށެވެ.

އާވި އެރުވުން ނުވަތަ ނެބިއުލައިޒް ކުރުމަކީ ދިޔާކޮށް ހުންނަ ބޭހެއް، އާވީގެ ގޮތުގައި ނޭފަތުން ދަމާ ފުއްޕާމޭގެ ތެރެއަށް ފޮނުވާ ފޮނުވުމަކަށް ކިޔާ ނަމެކެވެ. މިކަން ކުރުމުގައި ހޫނު ފެނުގެ ތެރެއަށް އަޅާ ތެޔޮކަމެއް ހުންނަ ބޭހެއް ހުރެއެވެ. މިއީ ސީދާ އާވި އެރުވުމެވެ. ނުވަތަ މިއީ "ސްޓީމް އިންހޭލް" ކުރުމެވެ. އާވި އެރުވުމުގައި "ސްޓީމް އިންހެލޭޝަން" އާއި "ނެބިއުލައިޒް" ކުރުން ތަފާތުވަނީ ނެބިއުލައިޒް ކުރަނީ މެޝިނަކުން އަދި ތަފާތު ބޭސްތަކެއް ބޭނުން ކޮށްގެން ކަމެވެ. ނެބިއުލައިޒް ކޮށް އާވި އަރުވާނަމަ ނެބިއުލައިޒާރ ނަމަކަށް ކިޔާ އާވި އަރުވާ މެށިނެއް ބޭނުން ވާނެއެވެ. މިއީ ސިއްހީ ދާއިރާގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ "ބަޔޯ-ޓެކް" މެޝިނެކެވެ. މި މެޝިނަކީ ވައި ފިއްތާ، ބާރު ޕުރެސަރެއްގައި ފޮނުވައިގެން، ވަކި ހާއްސަ ފަރުމާއަކަށް ފަރުމާކޮށްފައިވާ ދޯރިއެއްގެ ތެރޭގައި ހުންނަ ދިޔާ ބޭސްތައް އާތްވަށް ބަދަލު ކުރުވާ މެޝިނެކެވެ. އަދި އެ އަރާ އާވިތަކުގެ ގިނަ މިންވަރެއް ނޭވާލާ ނިޒާމުގެ ތެރެއަށް ޖަމާކުރުމަށްޓަކައި ވަކި ހާއްސަ ގޮތަކަށް ފަރުމާކޮށްފާ މާސްކެއް ބޭނުން ކުރެއެވެ.

ނެބިއުލައިޒް ކޮށްގެން އާވި އެރުވުމުގައި ބޭނުން ކުރާ މައިގަނޑު ދެ ބޭހެއް ހުރެއެވެ. މިއީ ނެބިއުލައިޒް ކުރުމުގައި އާންމުކޮށް ޑަކްޓަރުން ލިޔެެ އުޅޭ ދެ ބޭހެވެ. އެއީ "އެސްތަލިން" ނަމަކަށް ކިޔާ ބޭހަކާއި "އިޕްރަވެންޓް" ނަމަކަށް ކިޔާ ބޭހެކެވެ. މިއީ މި ދެ ބޭހުގެ އެންމެ އާންމު ދެ ނަމެވެ. އާވި އަރުވާއިރު މި ދެ ބޭސް ބޭނުން ކުރާނީ "ނޯމަލް ސެލައިން" ނަމަކަށް ކިޔާ ލޮނުގެ ތާސީރެއް އެކުލެވިގެންވާ ފެނެއް ބޭނުން ކޮށްގެންނެވެ. އާވި އަރުވާ ދޯރިއަށް އެއްކުރާ ބޭސްތަކުގެ ތެރެއިން ގިނަ ވާނީ އަބަދުވެސް މި ފެނުގެ މިންވަރެވެ.

އެސްތަލިން ނަމަކަށް ކިޔާ ބޭހުގެ ސައިންޓިފިކް ނަމަކީ ސަލްބިއުޓަމޯލް ސަލްފޭޓެވެ. އެސްތަލިން އަކީ ބްރޮންކޯޑައިލޭޓަރ ނަމަކަށް ކިޔާ ގުރޫޕުގެ ބޭހެކެވެ. މިއީ ނޭވާލުމުގެ ނިޒާމުގައި ދަތިތަކެއް ހުރުމުން އާންމުކޮށް އާވިއަރުވަން ދޭ ބޭހެކެވެ. ކެއްސާ، ނޭވައި ކުރުވެ، މެއަށް ބާރުކޮށް ނޭވާ ލާން އުނދަގޫވާނަމަވެސް މި ބޭހުން އާވި އަރުވަން ޑަކްޓަރު ބުނާނެއެވެ. މިއީ ކުއްލި ގޮތުގައި ނުވަތަ ކުރު މުއްދަތެއްގައި ދިމައިވާ އުނގަދޫތަކަށް އާންމުކޮށް ދޭ ބޭހެކެވެ. މި ބޭހުން އާވި އެރުވުމުން ފުއްޕާމެއާއި ގުޅިފައިވާ ނޭވާނިޒާމުގެ ހޮޅިތައް ފުޅާވެ ބޮޑުވެއެވެ. މިގޮތަށް ފުޅާވެ ބޮޑުވެފައި 4 ނުވަތަ 6 ގަޑިއިރުވަންދެން ހުންނާނެއެވެ. މި ބޭހުން އާވި އަރުވާތާ 5 މިނެޓު ތެރޭގައި މީގެ އަސަރު ކުރަން ފަށާނެއެވެ. މިގޮތަށް މި ހޮޅިތައް ފުޅާވެ ބޮޑުވުމުން، ނޭވާލުމުގައި ހުންނަ ބާރުގަނޑު ކުޑަވާނެއެވެ. އަދި ފުންކޮށް ނޭވާލާން ފަސޭހަ ވާނެއެވެ. އަދި މެއަަށް ކުރާ އުނދަގޫތައް ލުއިވެ ދެއެވެ. ހޮޅިތައް ފުޅާވެ ބޮޑު ވުމުން، ހޮޅިތަކުގައި ހިފާފައި ހުންނަ އަރިދަފުސްތަކަށް ދޫޖެހި ވަކިވާ ގޮތްވެއެވެ. އޭރުން އެ އަރިދަފުސްތައް ބޭރުވުމަށް ފަސޭހަވެއެވެ.

ނެބިއުލައިޒްކޮށް އާވި އަރުވަން ބޭނުން ކުރާ އަނެއް ބޭހަކީ އިޕްރަވެންޓް ނަމަކަށް ކިޔާ ބޭހެކެވެ. މި ބޭހުގެ ސައިންޓިފިކް ނަމަކީ އިޕްރާޓްރޮޕިއަމް ބްރޮމައިޑް އެވެ. މިއީ އެންޓިކޮލިނާޖިކް އަދި ބްރޮންކޯޑައިލޭޓުގެ އަސަރު އެކުލެވިގެންވާ ބޭހެކެވެ. މި ބޭހުން އާންމުކޮށް އާވި އަރުވަނީ ފުއްޕާމޭގެ މައްސަލަތައް ގިނަ ދުވަސްވަންހެން ހުންނަ މީހުންނަށާއި ދިގުމުއްދަތަށް ފަރުވާކުރާ ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ނެވާލާ ނިޒާމަށް ވާ އުނދަގޫތަކަށެވެ. ނަމަވެސް އަރިދަފުސް ރޯގާގައިވެސް މި ބޭސް ބޭނުން ކޮސްފާނެއެވެ. މި ބޭހުގެ ސަބަބުން ކެއްސުން މަދުވެ، އަރިދަފުސްތައް ނެއްޓި ދިޔާވާގޮތް ވެއެވެ. ނަތީޖާއަކީ އަރިދަފުސްތައް ބޭރުވުމަށް ފަސޭހަވެ، ނެވާލާން ފަސޭހަ ވުމެވެ. އަދި އަރިދަފުސްތައް ދޫވެ ނެއްޓުމުން، ނޭވާލާ ނިޒާމުގެ ހޮޅިތައް ބޮޑުވެ ފުޅާވެދެއެވެ. މިއީ ދިގުމުއްދަތަށް އާވި އަރުވަން ޖެހޭ މީހުންނަށާއި ނޭވާ ހިއްލާ މީހުންނަށް ހާއްސަ ބޭހެކެވެ.

މިއީ ކުރުގޮތަކަށް ނެބިއުލައިޒް ކޮށްގެން އާވި އެރުވުމާއި ބެހޭ މައުލޫމާތު ކޮޅެކެވެ. އާވި އަރުވަން ޖެހުމަކީ ވަރަށް އާންމުކޮށް ކުރަންޖެހޭ ކަމެއްކަމުން މިކަމާއި ބެހޭގޮތުން ބައެއް މައުލޫމާތު އެނގިތިބެ ހުރުން މުހިންމު ކަމުގައި ދެކެމެވެ. ހޭލުންތެރިވެ، އާވި އަރުވަން އިންކާރު ނުކުރަންވީ ކީއްވެކަން ވިސްނައިގެން ތިބުން ބުއްދިވެރިއެވެ.