އެކުވެރިންނަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް ވަރަށް މުހިންމު ބައެކެވެ. އަދުގެ މި ޒަމާނުގައި މިހާރަކަށް އައިސް އެކުވެރިންގެ ގޮތުގައި ޖަމާޢަތުގައި ނަމާދުނުކުރާ މީހުން ގެންގުޅުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. އަދި އަމުދުން ނަމާދު ނުކުރާ މީހުންވެސް އެކުވެރިންގެ ގޮތުގައި އަދުގެ ޒުވާނުންނަށް އެބަ ގެންގުޅެވެއެވެ. ނަމަވެސް އެކަމުގެ ހަގީގަތަށް ބަލައިފިނަމަ އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. އެހާމެ ބިރުވެރި ކަމެކެވެ. 

ޖަމާޢަތުގައި ނަމާދުނުކުރާ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅޭނަމަ އެމީހަކަށް ޖަމާޢަތުގައި ނަމާދުކުރުން ވާނީ ވަރަށް ދަތި އުނދަގޫކަމަކަށެވެ. އެއީ އެމީހުން ކަންކަން ތާވަލުކުރާނީ ނަމާދުވަގުތަކަށް ބަލައިގެނެއް ނޫނެވެ. ވީމާ ބަންގިއަށް ސަމާލުކަމެއް ނުދޭނެއެވެ. ފަހުން ކޮށްލަން ނަމާދު ފަސްކޮށްލެވޭނެއެވެ. އަދި ގިނަ ފަހަރު އޮންނާނީ ފަހުން ނުކުރެވިފައެވެ. އެކުވެރިންނާ ދަޖަލުކޮށް ކުރަން ހުރިކަންކަން ހުއްޓާލާފާ ނަމާދަށް ދިއުން ވެގެންދާނީ ޖެހިލުންވާ ކަމަކެށެވެ. އެހެންކަމުން އެކުވެރިން، ނަމާދުގެ ޖަމާޢަތް އަޅާފައި އުޅޭތީ އެކުވެރިންނާއި އެކު އުޅެވޭނެއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވުމުން، އަހިވަކާޖެހި އަހިވަކެއް ފާނާވޭ ބުނާ އުސޫލުން، އަނެކާވެސް ހުންނާނީ ޖަމާޢަތުގައި ނަމާދު ކުރުމުގެ ރޫހާއި ޝައުގުވެރިކަން ފިލާ ގޮސްފައެވެ. އެހިސާބުން އެމީހަކީ ޖަމާޢަތަށް ފަރުވާކުޑަކުރާ މީހެއްގެ ގޮތުގައި ވެދެއެވެ. ނަމަވެސް އެއީ އޭނާގެ އެކުވެރިންވެސް އުޅޭ ގޮތް ކަމުން އެއީ ގޯހެއް އަދި ކުށެއްކަމުގެ އިހުސާސް އޭނާއަކަށް ނުކުރެވޭނެއެވެ.  

ހަމަ އެއާއެކު ގޭގައި ތިބޭ އަންހެނުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ނަމާދުވަގުތު ޖެހުމުން ނަމާދުކުރަން ސަމާލުކަން ނުދޭ އަންހެނުންނާއި ގުޅުން ބާއްވާނަމަ އެފަދަ އަންހެނުން ނަމާދު ވަގުތުޖެހިގެންދާއިރުވެސް ބޭކާރު ވާހަކަދައްކަން ތިބޭނެއެވެ. ތިމާއަށްވެސް ޖެހޭނީ އެމީހުންނާއިއެކު އިންނާށެވެ. އަންހެނުން ގޭގައި ނަމާދުކުރުމަކީ ވަގުތު ޖެހުމުން ނަމާދުކުރުން ފަސްކުރަން އޮތް އުޒުރެއް ނޫނެވެ. ނަމާދުކުރުން ލަސްކުރަންވާނީ ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން މަޖުބޫރުވާ ޙާލަތުގައެވެ. ނޫންނަމަ އޮތީ ނަމާދުކުރުމަށް އަވަސްވެގަތުމެވެ. 

ނަމާދުކުރާ މީހަކަށްވެވޭނީ ފަރުޟު 5 ނަމާދު ހަމައަށް އަދާ ކުރުމުންނެވެ. އަދި އެ ނަމާދެއްގެ ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަނެގެންނެވެ. މިފަދައިން އަވަސްވެ ނުގަނެވޭ އެންމެ ބޮޑު އެއް ސަބަބަކަށްވަނީ ތިމާގެ އެކުވެރިންނެވެ. އެމީހުން ނޫޅޭތީ ނޫޅެވެނީއެވެ. އެހެންކަމުން އެކުވެރިންގެ ގޮތުގައި ހިޔާރު ކުރަންވާނީ ނަމާދަށް ފަރުވާ ބަހައްޓާ ބައެކެވެ. ނަމާދު ވަގުތު ތަކާއި ބަންގިއާއި ގަމަަތް އަޑު އަހާ ކިޔަމަންވާ ބައެކެވެ. މި ދުނިޔޭގެ ބާއްޖަވެރިކަމާއި، އަދާއި މާދަމާގެ އަމާންކަމާއި އާހިރަތުގެ ހެޔޮ ޖަޒާ ލިބުން އޮތީ އޭރުންނެވެ. އެކުވެރިންގެ އަމަލުތަކާއި މެދު ފާރަވެރިވާށެވެ. ނަމާދަށް ފަރުވާކުޑަ ކުރާނަމަ، ކެރިގެން ނަސޭހަތް ދޭށެވެ. އިސްލާހު ނުވާނަމަ، އެކުވެރިކަމުގެ "ސަނަދު" އެމީހެއްގެ އަތުން އަތުލާށެވެ!