އެފްރިކާ ބައްރުގެ ކޮލިފައިންގެ އެންމެ ފަހު ބުރުގައި ރޭ ޕެނަލްޓީ ޝޫޓްއައުޓްގައި ސަޑިއޯ މާނޭގެ އެހީތެރިކަމާއެކު ސެނެގޯލުން މުހައްމަދު ސަލާހުގެ މިސްރު ކަޓުވާލުމަށްފަހު ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.
އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލެކޭ އެއްފަދައިން ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފަށް ފަހު ވެސް، ދެ ޓީމު 1-1 ގެ އެގްރިގޭޓުން އެއްވަރުވުމުން ޕެނަލްޓީޖަހައިގެން ކުރިހޯދީ ސެނެގޯލުންނެވެ.
ސެނެގޯލްގެ ޑިއަމްނިއާޑިއޯ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ބޫލާޔޭ ޑިއާ ކާމިޔާބުކުރި ގޯލުންނެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ މިސްރުގެ ޑިފެންޑަރު ހަމްދީ ފަތުހީ ގައިގަ ޖެހިފައެވެ.
މި މެޗުގައި ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ސެނެގޯލަށް ކުޅެމުން އަންނަ ވަޓްފޯޑްގެ ވިންގާ އިސްމާއިލާ ސާ ފޮނުވާލި ހަމަލާތަކުގައި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ފުރަތަމަ ފޮނުވާލި ދެ ޕެނަލްޓީ ކާމިޔާބުނުކުރެވުނެވެ. ސެނެގޯލްގެ ކެޕްޓަން ކަލިދޫ ކުލީބަލީ ފޮނުވާލި ޕެނަލްޓީ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު ސަލިިއޫ ސީސް އަށް ވެސް ޕެނަލްޓީ ކާމިޔާބުނުކުރެވުނެވެ. މިސްރުގެ ފުރަތަމަ ޕެނަލްޓީ ސަލާހު ފޮނުވާލުމުން ހުރަސްދަނޑިމަތިން ބޭރަށް ދިޔައިރު ޒީޒޯ ފޮނުވާލި ބޯޅަ ވެސް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
ސެނެގޯލުން ދެން ފޮނުވާލި ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު، މިސްރުގެ ދެ ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. ސެނެގޯލްގެ ޕެނަލްޓީތައް ފޮނުވާލި ސާ އާއި ބަމްބާ ޑިއެންގް އަދި މާނޭ އެވެ. އެ ޓީމު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާނޭ އެވެ. މިސްރުގެ އަމްރު އެލް ސޮލިއާގެ ޕެނަލްޓީ ކާމިޔާބުކުރިނަމަވެސް، އެ ޓީމުގެ މުސްތަފާ މުހައްމަދު ފޮނުވާލި ޕެނަލްޓީ ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރިއެވެ.
ކޮލިފައިން ޕްލޭއޮފްގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭގެ ގޯލާއެކު 1-1 އިން ނައިޖީރިއާއާ އެއްވަރުކޮށް އެގްރިގޭޓުން ކުރިހޯދައި ގާނާ އިން ވަނީ ވޯލްޑް ކަޕުން ޖާގަ ހޯދާފައެވެ. ޓިއުނީޝިއާ އިން މާލީއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗުގައި ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވިނަމަވެސް ފުރަތަމަ ލެގުގައި 1-0 އިން ހޯދީ މޮޅާއެކު އެ ޓީމު ވަނީ ވޯލްޑް ކަޕަށް ދަތުރުކޮށްފައެވެ.
އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުވަގުތުގެ ދެ ހާފު ކުޅެގެން 2-1 އިން ހޯދީ މޮޅާއެކު ކެމަރޫނުން ވަނީ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފައެވެ. މޮރޮކޯ އިން ރޭގެ މެޗު 4-1 އިން ކާމިޔާބުކޮށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މައްޗަށް ދެ މެޗުން 5-2 ގެ އެގްރިގޭޓުން ކުރިހޯދައިގެން ވަނީ ވޯލްޑް ކަޕުން ފުރުޞަތު ހޯދާފައެވެ.
