ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރޭ ކުޅުނު މެޗުތަކަށްފަހު ޕޯޗުގަލާއި ޕޮލެންޑް ވޯލްޑް ކަޕުން ޖާގަ ހޯދިއިރު، ސްވިޑެން އެ މުބާރާތަށް ނުގޮސް ކަޓައިފިއެވެ.
މިއީ ޕޯޗުގަލުން ޖެހިޖެހިގެން ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރެވެ. އަދި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ޖެހިޖެހިގެން ނިކުންނަ ފަސް ވަނަ ވޯލްޑް ކަޕެވެ.
މިދިޔަ ހަފްތާގައި ކުޅެވުނު ޕްލޭއޮފް ސެމީގައި ޔޫރޯގެ ޗެމްޕިއަން އިޓަލީ ކަޓުވާލި ނޯތު މެސެޑޯނިއާ އަތުން ޕޯޗުގަލް މޮޅުވީ 2-0 އިންނެވެ. ޕޮލެންޑުން ވަނީ އަމިއްލަ ދަނޑުގައި ހަމަ މިނަތީޖާއިން ސްވިޑެން ބަލިކޮށްފައެވެ.
ޕޯޓޯގައި ހުންނަ އެސްޓާޑިއޯ ޑޮ ޑްރަގާއޯގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލް ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ މެންޗެސްޓާ ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މި މެޗުގެ 32 ވަނަ މިނެޓުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު، އޭނާ ޖެހީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ޕާހަކުންނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޕޯޗުގަލްގެ ދެވަނަ ލަނޑު، ފެނާންޑޭސް ޖެހީ ޑިއޯގޯ ޔޮޓާ ނެގި ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މިހާތަނަށް އެ ޓީމާއެކު ދެ މުބާރާތް ކާމިޔާބުކޮށްފައިވާ ކަމަށާއި އުއްމީދަކީ ތިންވަނަ މުބާރާތެއްގެ ގޮތުގައި ގަތަރުގައި މިއަހަރު ބާއްވާ ވޯލްޑް ކަޕް އުފުލާލުން ކަމަށެވެ.
ކޮލިފައިންގައި ރޭ ކުޅުނު އަނެއް މެޗުގައި ޕޮލެންޑުން ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވަންޑޯސްކީ އެވެ. އެ ޓީމުގެ އަނެއްް ލަނޑުޖަހައިދިނީ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. ކުރީން ޕްލޭއޮފް ސެމީގައި ޕޮލެންޑުން ރަޝިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗު އެ ޓީމަށް ލިބުނީ ޔޫކްރޭނަށް އަރައި ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިން އިން އެ ޓީމު ބޭރުކޮށްލުމުންނެވެ.
މިހާރު ޔޫކްރޭން އޮތް ހާލަތުގެ ސަބަބުން އެ ޓީމުން ސްކޮޓްލެންޑާ ދެކޮޅަށް ކުޅެން އޮތް ޕްލޭއޮފް ސެމީ ފައިނަލް ވަނީ ފަސްކޮށްފައެވެ. އެ މެޗުން މޮޅުވާ ޓީމެއް އެ ފަޅީގެ ޕްލޭއޮފް ފައިނަލުގައި ނިކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން ގައެވެ.
