ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލްގައި މިރޭ ކ. އަތޮޅު ގާފަރުގެ މައްޗަށް ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން ކުރިހޯދައި ތިމަރަފުށިން އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ތިމަރަފުށިން ވަނީ މި މުބާރާތް މިހާތަނަށް ބޭއްވީ ހަ ފަހަރުގެ ތެރެއިން 3 އަހަރު ޗެމްޕިއަންކަން ހޯދާފައެވެ. އެ ޓީމަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމު ވެސް މެއެވެ. ތިމަރަފުށިން ޗެމްޕިއަންކަން ހޯދީ 2016، 2019 އަދި 2022 ވަނަ އަހަރު އެވެ. އެ ޓީމުން އެންމެ ފަހުން ބޭއްވީ މުބާރާތް ކާމިޔާބުކުރީ ބ. އަތޮޅު އޭދަފުށި ބަލިކޮށްފައެވެ. އަދި އޭގެކުރީން، 2016 ވަނަ އަހަރު ތަށި އުފުލާލީ ސ. ފޭދޫ ބަލިކޮށްގެންނެވެ.

މިރޭގެ މެޗަށް ނިކުތްއިރު ގާފަރަށް ލިބުނު އެންމެ ބޮޑު އުފަލަކީ ދާދިފަހުން އެކުލަވާލި ގައުމީ ފުޓްސަލް ޓީމުގައި ހިމެނުނު ސާމިން މުހައްމަދު ނަސީރަށް ރިލީޒްލިބި، ފައިނަލް މެޗުގައި ކުޅުމުގެ ފުރުޞަތު ލިބުމެވެ. ތިމަރަފުށިން ފައިނަލަށް ނިކުންނައިރު ސެމީ ފައިނަލްގައި ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު އެ ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) އަށް މިރޭގެ މެޗުގައި ކުޅެވުމަކީ އެ ޓީމަށާއި ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅެވުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ގާފަރު ޓީމުން މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔަނަމަވެސް، ތިމަރަފުށިން ވަނީ މި ހާފުގެ ބޮޑުބައިގައި ޑޮމިނޭޓްކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ތިމަރަފުށިން ލީޑްނެގީ ގާފަރުގެ އަލީ މާއިސް (މައްޓު) އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ ތިމަރަފުށީ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ) ފޮނުވާލި ބޯޅައެއް މައްޓުގެ ގައިގައި ޖެހިފައި ވަތް ލަނޑެކެވެ. އެ ޓީމުން ލީޑްނެގިތާ މާގިނައިރުތަކެއް ނުވަނީސް ވަރަށް ރީތި އެޓޭކަކަށްފަހު އާދަމް ނާސިހު (އާދަންނާ) ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ތިމަރަފުށިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، މެޗުގެ ފަހުބައިގައި ގާތްގާތުގައި ކާމިޔާބުކުރި ދެލަނޑާއެކު ގާފަރުން ވަނީ އެ ޓީމަށް ސިހުން ގެނުވާފައެވެ. ގާފަރުގެ ފުރަތަމަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަޒްޔާން އިބްރާހިމް އެވެ. ސެމީގައި ފުވައްމުލަކު، މާލެގަން ޓީމާ ދެކޮޅަށް ގާފަރު ކުޅުނު މެޗުގައި ނަތީޖާ އަނބުރާލީ ވެސް އަޒްޔާން ބެންޗުން އަރައި ދެއްކި ތަފާތު މޮޅު ކުޅުމުންނެވެ. ގާފަރު ޓީމުން އެއްވަރުކުރި ލަނޑުޖަހައިދިނީ އެ ޓީމުގެ ތަރި މައްޓު އެވެ. މިއީ އަރިމަތީ ރޮނގުކައިރިން ފޮނުވާލި ބާރު ހަމަލާއަކުން މައްޓު ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ. އެ ޓީމުގެ ސާމިން އާއި މައްޓުގެ ޕެނަލްޓީ ކާމިޔާބުކުރިއިރު، ސަނީމް ޝަމާއިލް އަދި އަޒްޔާން ފޮނުވާލި ޕެނަލްޓީ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ. ތިމަރަފުށިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އިސްމާއިލް ސިޔާދު ޖެހި ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ކެޕްޓަން ސިނާ އާއި އާދަންނާގެ އިތުރުން އިބްރާހިމް ހަމްދާން އަދި ގަބޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރިއެވެ. ތިމަރަފުށި މޮޅުވި ޕެނަލްޓީ ފޮނުވާލީ ގަބޭ އެވެ.

މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ކިންގް އޮފް ފުޓްސަލް" އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަބޭ އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ގަބޭގެ އިތުރުން ދެން ހިމެނުނީ؛ ސިނާ، ގާފަރުގެ މައްޓު އާއި ފައްޔާޒު ފަޔާޒު (ފައިއްޓޭ) އަދި ދ. ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ތިމަރަފުށީގެ އަލީ ފަހުމީ (އައްޔަ) ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ށ. ކަނޑިތީމެވެ. އެންމެ މޮޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ އއ. މަތިވެރި އެވެ. މުޅި މުބާރާތުގައި އެންމެ ގިނަ ގޯލްޖަހާ ކުޅުންތެރިޔާއަށްދޭ ރަންބޫޓް ހާސިލްކުރީ ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) އެވެ. އޭނާ ވަނީ މުބާރާތުގައި 13 ލަނޑުޖަހާފައެވެ.