ހަށިގަނޑު ގުނަވަންތަކުގައި ހުންނަ ތަދާއި ރިހުމަކީ އޭގެ ސަބަބުން އެތައް ތަކުލީފެއް އިންސާނާ އުފުލާ ކަމެކެވެ. އެގޮތުން ބޮލުގައި ރިހޭ ރިހުންތަކީ އޭގެ ސަބަބުން އުނދަގޫ އެތައް އިހުސާސްތަކެއް ކުރުވާ ކަމެކެވެ. އަހަރެމެންގެ މުޖުތަމައުތަކުގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ބޮލަށް ވައި އަރައެވެ. ނުވަތަ ވައިގަނޑެއްގެ ސަބަބުން ބޮލުގައި ރިހެއެވެ. ނަމަވެސް ސުވާލަކީ ވަޔަކީ ހަޖަމުގެ ނިޒާމުގައި އުފެދޭ އެއްޗެކެވެ. އެހެންކަމުން އެ ވައި، ބޮލަށް އަރަންވީ ކީއްވެތޯއެވެ؟ ނުވަތަ އެ ވައިގެ ސަބަބުން ބޮލުގައި ރިހެނީ ކީއްވެތޯއެވެ؟

އިންސާނާގެ ހަށިގަނޑު އުފެދި ފުރިހަމަވަމުން ދާއިރު ސިކުނޑީގެ ނާރުތަކާއި އެކު އެކީގައިމެ ގޮތަކަށް ހަޖަމުގެ ނިޒާމުގެ ނާރުތައްވެސް އުފެދެންފަށައެވެ. އެހެންކަމުން ސިކުނޑިއާއި ހަޖަމުގެ ނިޒާމުގެ ނާރުތަކުގައި ބަދަހި ކަމެއް އެކުލެވިފައި ވެއެވެ. ހަޖަމުގެ ނިޒާމުގައި މައިދާ އާއި ގޮހޮރުގެ މަސައްކަތަކީ އެ މަސައްކަތަށް އަހަރެމެން އިންސާނުގެ ނުފޫޒު ފޯރުވޭ މަސައްކަތެއް ނޫނެވެ. އެއީ ގުދުރަތީ ނިޒާމަކުން ގުދުރަތުގެ ފަރުނާއަކުން، ގުދުރަތީ ގޮތަކަށް ހިނގަމުންދާ ނިޒާމެކެވެ. އެހެންކަމުން އެ ނިޒާމަށް ފޮނުވާ ހަބަރުތަކާއި އެ ނިޒާމުން ސިކުނޑިއަށް ފޮނުވާ ހަބަރުތަކުގައި އިންސާނާގެ އިހްތިޔާރެއް ނޯންނާނެއެވެ. މިކަން ހިނގަނީ އެކަމަށް ހާއްސަކުރެވިފާ ނާރުތަކެއްގެ ތެރެއިންނެވެ.

ހަޖަމުގެ ނިޒާމުގެ ނިޒާމާއި ސިކުނޑިއާއި ނާރުތަކުގެ މަގުތަކަކުން ގުޅިފައި ވުމާއި އެކު ސިކުނޑީގައި ހިނގާ ބައެއް ކަންކަމުގެ އަސަރު ހަޖަމުގެ ނިޒާމަށް ކުރެއެވެ. އެފަދަ އެއް މިސާލަކީ ބޯ އަނބުރާ ހޮޑުލެވޭ ހޮޑުލެވުމެވެ. ކަނޑުމައްޗަށް ނުވަތަ "ބަންދުކޮށްފައިވާ" އެއްގަމު އުޅަނދަކަށް އެރުމުން ބައެއް މީހުން ބޯ އަނބުރާ ގޮތްވެއެވެ. މިއީ ސިކުނޑީގައި ހިނގާ މެސެޖުތަކެއްގެ މަސްހުނިވުމަކާއި ކަސިޔާރުވުމަކުން ދިމައިވާ ކަމެކެވެ. މި ކަންތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ހަޖަމުގެ ނިޒާމަށެވެ. އެއާއި އެކު ހޮޑު ލެވުމަކީ ނުވަތަ ހޮޑު ލުމަކީ އާންމުކޮށް ދިމައިވާ ކަމެކެވެ. މިކަމުންވެސް ހަޖަމުގެ ނިޒާމާއި ސިކުނޑިއާއި ބަދަހި ގުޅުމެއް ވާކަން ދޭހަވެއެވެ.

ދިރާސާވެރިން ދެކިލައްވާ ގޮތުގައި ހަޖަމުގެ ނިޒާމުގެ އެކި އެކި މައްސަލަތަކުގައި ބޮލުގައި ރިހިދާނެއެވެ. އޭގެ ތެރޭގައި މޭ އެންދުމޭ މިކިޔާ ހާލަތާއި، ބޮޑުކަމު ދެވުމުގެ ތަރުތީބު ގެއްލުމާއި، ބޮޑުކަމު ނުދެވުމާއި އެކި އެކި ޖަރާސީމުގެ ސަބަބުން ގޮހޮރުގައި އުފެދޭ އިންފެކްޝަނާއި، ބަނޑު ދިޔާވުމާއި އަދި ހާއްސަކޮށް ވައި އުފެދުމާއި އެކު ހަޖަމު ލަސްވުން ހިމެއެވެ. މިއިން ކޮންމެ ކަމަކުންވެސް ބޮލަށް އޭގެ އަސަރު ކޮށްފާނެއެވެ.

ވައިގެ ސަބަބުން ބޮލުގައި ރިހޭނަމަ އެއްވާމަކަށް ގަދަ ބަރު ތަދެއް ބޮލުގައި ހުންނާނެއެވެ. މި ތަދު ބޮލުގެ އެކި ދިމަ ދިމާލަށް ބަދަލުވާހެން ހީވެދާނެއެވެ. އެނބުރުން އަރާފައި ހުންނަ ޒާތެއްގެ އިހުސާސެއްވެސް ކުރެވިދާނެއެވެ. މީގެ އިތުރުން މިއީ ވައިގެ ސަބަބުން ރިހޭ ރިހުމެއްކަން ޔަގީންވާނީ ހަޖަމުގެ ނިޒާމުގައި ބުރޫއެރުމެއް އުޅޭނަމައެވެ. މިސާލަކަށް ބަނޑު ފުއްޕާފައި ހުރުމާއި އެކު، ބޮޑުކަމު ނުދެވި ދިގު މުއްދަތެއް ހޭދަވުމެވެ. ކާހިތް ނުވުމާއި، ފުރިފައިވާ ކަމުގެ އިހުސާސް ކުރެވުމެވެ. މިފަދަ ހާލަތްތަކުގައި ބަނޑުގައި ރިހި އަދި ނުރިހި ވެސް ހުރެދާނެއެވެ.

ކޮންމެއަކަސް އަހަރެމެންނަށް އެނގިގެން ދާ އެއް ކަމަކީ ހަޖަމުގެ ނިޒާމުގައި އުފެދޭ ވައިގެ ސަބަބުން ބޮލުގައި ރިހިދާނޭ ކަމެވެ. އަދި ބޮޑުކަމު ފާހާނާއަށް ދެވުމުން ނުވަތަ ވައެއް ލެވުމުން، އެ ރިހުންގަނޑު ފިލާ ހިނގައިދާނެއެވެ. ނުވަތަ ލުއިވެދާނެއެވެ. ވައިގެ ސަބަބުން ބޮލުގައި ރިހޭނަމަ، އެކަން ބަލި މީހާއަށް ކޮންމެވެސް ވަރަކަށް އިހުސާސް ކުރެވޭނެއެވެ. ހަޖަމުގެ ނިޒާމުގައި އުނދަގޫ އިހުސާސްތަކެއް ހުރުމާއި އެކު ބޮލުގައި ރިހޭކަން އެނގޭނެއެވެ. އެ ހާލަތުގައި ފަރުވާ ކުރަންވީ އަސްލު ބޮލުގެ ރިހުމަކަށް ނޫނެވެ. ނަމަވެސް ހަޖަމުގެ ނިޒާމަށެވެ. އާންމުކޮށް ގޭގައި ކުރެވިދާނެ ފަރުވާއަކީ ބާމު ލައިގެން ބަނޑުގައި ހާނާލުމާއި އެކު ހޫނުން މާލިސް ކުރުމެވެ. އަދި ތާފަނާ ފެންފޮދެއް ބޯލުމަކީވެސް ރަނގަޅު ފަރުވާއެކެވެ. މިއީ ހަޖަމުވެ ނިޒާމުގައި ތާށިވެފައި ހުންނަ އެފަދަ ވައިގަނޑުގަނޑު ބޭރުކުރުމަށް ގޭގައި ކުރެވިދާނެ މޮޅު ފަރުވާއެކެވެ. ހެލިފެލިވެ އުޅުން ގިނަ ކުރުމަކީވެސް ވަކިން ބޭނުންތެރި ކަމެކެވެ.