ތުއްތުކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރު، އެކުދިން ދަސްކުރާ އެންމެ މުހިންމު އެއް ކަމަކީ ވާހަކަ ދެއްކުމެވެ. އެކި ކުދިން، ވާހަކަ ދައްކަން ދަސްކުރާ މުއްދަތާ ބޭނުން ކުރާ ބަސްތަކާއި އަދި ކިޔާ އަކުރުތަކުގައި ތަފާތުތަކެެއް ހުރެދާނެއެވެ. ނަމަވެސް ކުއްޖާ ބޮޑުވަމުންދާ ވަރަކަށް ވާހަކަ ދެއްކުމުގެ ހުނަރު ކުރިއަރަމުން ދާނެއެވެ. ވާހަކަ ދައްކަން ފަށައިގަތުމުގައި ލަސްކަމެއް ހުރުމަކީ ކަންބޮޑުވާން ވީ ކަމެއް ނޫނެވެ. ނަމަވެސް އެހާލަތަކީ ޑަކްޓަރީ ގޮތުން ފާހަގަ ކުރާ ހާއްސަ ހާލަތެކެވެ. ވާހަކަ ދެއްކުން ލަސްވުމަށް "ޗައިލްޑްހުޑް އެޕްރެކްސިއާ އޮފް ސްޕީޗް" (ސީ.އޭ.އެސް) އޭ ކިޔައެވެ.
ސީ.އޭ.އެސް އަކީ ވާހަކަ ދެއްކުމުގައި ބަސް ކިޔުން ލަސްވާ ލަސްވުމެކެވެ. މިހާލަތުގައި ކުއްޖާ ކޮންމެވެސް އެއްޗެހި ތަކެއް ކިޔާނެއެވެ. ނަމަވެސް ބަސްކިޔާ ވާހަކަ ދައްކާ ނޫޅެއެވެ. މިހެން ދިމާވަނީ މޫނު، ކަރު އަދި އަނގައިގެ މަސްތަކުގެ ބަލިކަށި ކަމަކުން ނޫނެވެ. ދުލުގެ ނިކަމެތި ކަމަކުންނެއްވެސް ނޫނެވެ. ނަމަވެސް މިހެން ދިމައިވަނީ ސިކުނޑިން ބަސް ބުނުމަށް ނުވަތަ ވާހަކަ ދެއްކުމަށްޓަކައި ފޮނުވާ މެސެޖުތަކުގައި ދަތިކަމެއް އެކުލެވިގެން ވާތީއެވެ. ނުވަތަ އޮޅުން ބޮޅުންގަނޑެއް ވާތީއެވެ.
ކަންމިހެން ހުރުމާއެކު އަނގައިގެ މަސްތައް ހަރަކާތްތެރިވުމުގައި ހަމައެއް ނޯންނާނެއެވެ. ވަކި ހާއްސަ ތަރުތީބެއްވެސް ނުވާނެއެވެ. އެހެންކަމުން ވާހަކަ ދެއްކުމުގައި އަޑު ނުކުމެގެން އަންނާނީ އެއްވެސް ބަހެއް ނުކިޔޭ ގޮތަކަށެވެ. މިކަމަށްޓަކައި ފުރަތަމަ ކުއްޖާއަށް ދަސްވާން ޖެހޭނީ ވާހަކަ ދެއްކުމުގެ ކުރިން އެ ދައްކަން އުޅޭ ވާހަކައެއް ތަރުތީބު ކުރުމެވެ. މިއީ ފަރުވާ ކޮށްގެންނާ އަދި އޭގެ ޠަބީއަތުގައިވެސް ރަނގަޅުވެދާ ކަމެކެވެ.
މި ހާލަތުގައި ކުއްޖާގެ ކިބައިން ފެނިދާނޭ އަލާމާތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ބަސް ކިޔަން ފަށާ އުމުރު ދޮށިވުން ހިމެނެއެވެ. ބަސް ކިޔާނަމަ ކިޔާ ބަސްތަކުގެ އަދަދު މަދުވާނެއެވެ. ބައެއް ހާލަތްތަކުގައި މާ ގިނަ އަޑުތަކެއް ނޫފެއްދި މަދު ދެތިން އަޑަކުން ވާހަކަ ދެއްކޭނެއެވެ. ސީ.އޭ.އެސް ގެ އަލާމާތްތައް ކުއްޖާގެ އުމުރުން 18 މަހުން ފެށިގެން ފެނިދާނެެއެވެ. އަދި ކުއްޖާގެ އުމުރުން 4 އަހަރު ވަންދެންވެސް ދިގުލައިގެން ހިނގައިދާނެއެވެ. އެއަށްވުރެ ދިގުލާ ދާނަމަ، ލަސްނުކޮށް ޑަކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ. ސްޕީޗް ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ.
ބަސްކިޔުމުގައި ލަސްތަކެއް ވުމާއި ބައެއް އަކުރުގެ އަޑު ނުނެރެވުމާ މިއީ ސިއްހީ ގޮތުން ބަލާއިރު ދެކަމެކެވެ. ބައެއް އަކުރުތަކުގެ އަޑު ނުނެރެވުމަށް ނުވަތަ ނުކިޔުމަށް ކިޔާ އުޅެނީ "އާޓިކިއުލޭޝަން އެންޑް ފޮނޮލޮޖިކަލް ޑިސްއޯޑާ" އެވެ. މި ދެ ހާލަތުން ކުރެ އެންމެ އާންމު ހާލަތަކީ ފަހުން މި ބުނެވުނު، ބައެއް އަކުރުތަކުގެ އަޑު ކިޔުމުގައި އުނދަގޫކަން ހުންނަ ހާލަތެވެ.
ސީ.އޭ.އެސް އަކީ ގިނަ ފަހަރަށް ފަރުވާ އާއި ނުލާ ރަނގަޅު ކުރެވޭ ކަމެކެވެ. ނަމަވެސް އެފަދަ ކުދިންނަށް މައިންބަފައިންގެ ވަރަށް ބޮޑު އަޅާލުމެއް ބޭނުންވާނެއެވެ. އެފަދަ ކުދިންނާ ވާހަކަ ދައްކާއިރު، އަބަދުވެސް ކޮންމެވެސް އެއް ބަހެއް ބޭނުން ކުރުން މުހިންމެވެ. ގިނަބައްސަ އެކުލެވޭ ގޮތަށް ވާހަކަ ދެކެވުމަކީ އެކުދިންގެ އެ އުނދަގޫކަން ފިލައިގެން ދިއުމަށް އެކުދިންނަށް ދަތިވާނޭ ކަމެކެވެ. މިސާލަކަށް އާފަލަކަށް އެއްފަހަރު "އާފަލު" ކިޔުމަށްފަހު އަނެއްފަހަރު އެއީ "އެޕަލްއެއް" ކަމަށް ބުނުމުން މި ހާލަތު ތަހައްމަލު ކުރާ ކުދިންނަށް ބަސްކިޔުމަށް ދަސްކުރުން ލަސްވެގެން ދެއެވެ. އަދި ކުދިންނަށް ދެއްކޭ ކާޓޫނު ތަކާއި އެ ކުއްޖާއާއި ދެމެދު ވާހަކަ ދެކެވޭ ބަހުގައިވެސް ތަފާތުތަކެއް ވާނަމަ އެކަމަށް ހުރަސް އެޅިދާނޭ ކަމަށް، ކަމުގެ މާހިރުން ފާހަގަ ކުރައްވައެވެ.
ކުއްޖާގެ އުމުރުން 3 އަހަރުން މަތިވެގެން ދާއިރުވެސް ބަސްކިޔުމުގައި އުނދަގޫކަމެއް ނުވަތަ ލަސްކަމެއް ވާނަމަ ޑަކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ. ނަމަވެސް 4 އަހަރަށް ވުރެ ގިނަވެގެންދާނަމަ ޑަކްޓަރަކަށް ކޮންމެހެން ދެއްކުން ބޭނުން ތެރިއެވެ. އަދި ސްޕީޗް ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދުންވެސް ވަރަށް ބޭނުންތެރިއެވެ. މި ހާލަތުގައިވާ ކުއްޖާ އާއެކު އެއް ބަހަކުން ގިނައިން ވާހަކަ ދެއްކުމާއި، ބަސް ކިޔަން ދަސްކޮށްދިނުން މުހިންމެވެ. މާތް ﷲ ގެ އިރާދަފުޅާއެކު މިއީ ހައްލުވެގެން ހިނގައިދާނޭ ހަލަތެކެވެ. އެއްވެސް ހާލެއްގައި އެކުއްޖާ ބަދުނާމު ކުރުމާއި ކުށްވެރިކުރުން އެއީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.
