ގަތަރުގައި މި އަހަރުގެ ނޮވެންބަރާއި ޑިސެންބަރު މަހު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުން ނެގިއިރު ގްރޫޕް ސްޓޭޖުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ސްޕެއިނާއި ޖަރުމަނު އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

މިއީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިނުން, 2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޖަރުމަނާއެކު މިދިޔަ ދެ އަހަރުގެ ތެރޭގައި މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެންމެ ފަހުގެ ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާ، ޖަރުމަނު ހިމެނުނީ ލީގު އޭ ހަތަރެއްގައެވެ. މި ގްރޫޕުގައި މި ދެ ޓީމުގެ މެދުގައި ކުޅެވުނު ދެ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ސްޕެއިން ބަލިވެފައެއްނުވެއެވެ. އޭގެތެރެއިން ފުރަތަމަ މެޗުން ދެ ޓީމު 1-1 އިން އެއްވަރުވިއިރު، ދެވަނަ މެޗުން ސްޕެއިން މޮޅުވީ 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ފަހަކަށްއައިސް ޖަރުމަނުގެ ތާރީޚުގައި އެ ޓީމު އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި ސްޕެއިނާއި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ޖަޕާން އަދި އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގައި ކޮސްޓާ ރިކާއާ ނިއު ޒީލެންޑް ވާދަކޮށްގެން މޮޅުވާ ޓީމެކެވެ.

ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި، ނެދަލެންޑްސްގެ އިތުރުން ސެނެގޯލާއި އެކުއޭޑޯ ހިމެނޭ ގްރޫޕް އޭ އެވެ.

2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕްތައް. --ފޮޓޯ: ފީފާ

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ހިމެނޭ ގްރޫޕް ޑީ ގައި އޮތީ ޑެންމާކާއި، ޓިއުނީޝިއާ އަދި އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގައި ޕެރޫއާ ދެކޮޅަށް އޮސްޓްރޭލިއާ / ޔޫއޭއީ ކުޅެގެން މޮޅުވާ ޓީމެކެވެ.

ވޯލްޑް ކަޕްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު، ބްރެޒިލް އޮތީ ސާބިއާ އާއި ސްވިޒަލޭންޑް އަދި ކެމަރޫން އާއެކު ގްރޫޕް ޖީ ގައެވެ. މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް އިންގްލެންޑް ހިމެނުނު ގްރޫޕް ބީގައި އޮތީ އީރާން އާއި އެމެރިކާ އަދި އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގައި ވޭލްސް / ޔޫކްރޭން ކުރެން މޮޅުވާ ޓީމެކެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ބްރެޒިލް، ސާބިއާ އަދި ސްވިޒަލެންޑް ހިމެނުނީ އެއް ގްރޫޕެއްގައެވެ. ދެން އެ ގްރޫޕްގައި އޮތީ ކޮސްޓަ ރިކާ އެވެ.

ލިއޮނަލް މެސީގެ އާޖެންޓީނާ އަށް ގްރޫޕް ސްޓޭޖުގައި ލައްވާލީ ރޮބަޓް ލެވަންޑޯސްކީގެ ޕޮލެންޑާއެކު މެކްސިކޯ އަދި ސައުދީ އަރަބިއާ ހިމެނޭ ގްރޫޕް ސީ ގައެވެ. ހަމައެގޮަތަށް، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވޯލްޑް ކަޕް ކާމިޔާބުކުރުމަށްޓަކައި ގްރޫޕް އެޗްގައިއިތުބާރު ފޯވާޑް ލުއިސް ސުއަރޭޒްގެ އުރުގުއޭއާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުމެއް އޮތްއިރު، ދެން މި ގްރޫޕްގައި ހިމެނެނީ ގާނާ އަދި ކޮރެއާ ރިޕަބްލިކް އެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ މަގާމަށް ހޮވުނު ބެލްޖިއަމް ހިމެނުނު ގްރޫޕް އެފްގައި އޮތީ އެ ފަހަރުގެ ފައިނަލްގައި ބަލިވި ކްރޮއޭޝިއާގެ އިތުރުން މޮރޮކޯ އަދި ކެނެޑާ އެވެ. ކެނެޑާ އިން ކުރިއަށް އޮތް ވޯލްޑް ކަޕަށް ނިކުންނަނީ 36 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.