އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ތާވަލްގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު، ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް މޮޅެއްނުވިއެވެ.
ބާންލީގެ ދަނޑުގައި 2-0 އިން ސިޓީ މޮޅުވިއިރު، އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން ލިވަޕޫލް މޮޅުވީ ވެސް ހަމަ އެނަތީޖާއިންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޗެލްސީގެ ދަނޑުގައި ބްރެންޓްފޯޑް އަތުން އެ ޓީމު ބަލިވީ 4-1 އިންނެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ސިޓީ އެވެ. އެ ޓީމަށް ކުޅުނު 30 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލުން އިއްޔެ ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް ދެ ގަޑިއިރަށް ތާވަލްގެ އެއްވަނައަށް ޖެހިލިއިރު، އޭގެފަހުން ސިޓީން ހޯދީ ތިން ޕޮއިންޓާއެކު ވަނީ އަލުން އެއްވަނަ އަށް ޖެހިލާފައެވެ. ތިންވަނައިގައި 29 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ގަދަ ހަތަރެއްގެ ރޭހުގައި އުޅޭ ޔުނައިޓެޑް އޮތީ 30 މެޗުން ލިބުނު 51 ޕޮއިންޓާއެކު ހަވަނައިގައެވެ. އެ ޓީމަށް ވުރެ ކުރީގައި އުޅޭ އާސެނަލް ހަތަރުވަނައިގައި 28 މެޗުން ލިބުނު 54 ޕޮއިންޓާއެކު އޮތްއިރު، ޓޮޓެންހަމް ހޮޓްސްޕާ އަށް 29 މެޗުން ލިބުނު 51 ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ.
އެންފީލްޑްގައި ރޭ ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑްނެގީ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ޖޯ ގޯމޭޒް ނެގި ހުރަހަކުންނެވެ. ލިވަޕޫލުން މި ލަނޑުޖެހުމުގެ ކުޑަވަގުތުކޮޅެއް ކުރީން ވަޓްފޯޑަށް ލީޑްނަގައިދޭން ޖުރާޖް ކުޗްކާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
އޭގެފަހުން، މެޗުގެ ދެވަނަ ހާފުގައި ވަޓްފޯޑްގެ ޔާއޯ ޕެޑްރޯ އަށް ގޯލާއި 12 ޔާޑުދުރުން ލިބުނު ފުރުޞަތުވެސް ވީބޭކާރެވެ. މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑަކީ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ފޯވާޑް ޔޮޓާ އަށް ވަޓްފޯޑްގެ ކުޗްކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ރެލިގޭޝަން ޒޯންގައި އޮތް ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި އެ ޓީމުން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ. އޭގެ 20 މިނެޓުފަހުން، ސިޓީގެ ދެވަނަ ލަނޑުޖެހީ އިލްކާއި ގުންޑޮގާން އެވެ. މި ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. މި މެޗުގައި ސިޓީގެ ލީޑް ފުޅާކޮށްދޭން ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
ބްރެންޓްފޯޑާ ދެކޮޅަށް ސްޓެމްފޯޑް ބްރިޖްގައި ޗެލްސީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި އެންޓޯނިއޯ ރޫޑިގާ ކާމިޔާބުކުރި ގޯލުން ލީޑްނަގާފައިވަނިކޮށް، ބްރެންޓްފޯޑުން ވަނީ އޭގެ ދެ މިނެޓުފަހުން ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ވިޓާލީ ޔަނެލްޓް އެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، ބްރެންޓްފޯޑްގެ ކައުންޓައެޓޭކެއްގައި ބްރަޔަން އެމްބޫމޯ ނެގި ހުރަހަކުން ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވަނީ އެ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލާއެކު މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.
އަދި އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ޔަނެލްޓް ވަނީ އިތުރު ގޯލެއްޖަހައި ބްރެންޓްފޯޑަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެ ޓީމުގެ ފޯވާޑް އިވާން ޓޯނޭ ދިން ތުރޫ ޕާހަކުން ޔަނެލްޓް ކާމިޔާބުކުރި ގޯލެކެވެ. މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ބްރެންޓްފޯޑްގެ ފަހު ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޔޮއާން ވިއްސަ އެވެ.
މިއީ ވޭތުވެދިޔަ 83 އަހަރުގެ ތެރޭގައި ޗެލްސީގެ ދަނޑުގައި ބްރެންޓްފޯޑުން ހޯދި ފުރަތަމަ މޮޅެވެ. ޗެލްސީ އަތުން އެ ޓީމު އެންމެ ފަހުން މޮޅުވީ 1939 ވަނަ އަހަރު އެވެ.
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ލެސްޓާ އިންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ނަގައިދިން ހިތްގައިމު ހުރަހަކުން ލިބުނު ބޯޅައެއް ކެލެޗީ އިހެނާޗޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި މި ގޯލުން އެ ޓީމުން ލީޑްނެގިއިރު، އޭގެ ތިން މިނެޓުފަހުން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ. މިއީ ޔުނައިޓެޑްގެ ޕޯޗުގީޒް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅައެއް ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް އަތުގައިޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ފްރެޑް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ލެސްޓާ މޮޅުކޮށްދޭން ވެސްލީ ފޮފާނާ ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއިރު، މެޑިސަން ކާމިޔާބުކުރި ގޯލެއް ރެފްރީ ބަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. އެއީ މެޑިސަން އަށް އެ ބޯޅަ ލިބުމުގެ ކުރީން ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް އިހެނާޗޯ ފައުލްކުރިކަމަށް ނިންމައިގެންނެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބްރައިޓަން ހޯވް އެންޑް އެލްބިއަންއާ ދެކޮޅަށް ނޯވިޗް ސިޓީ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ވުލްވްސް އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ.
