ބޮލީވުޑްގައި ނަން މަޝްރޫހު އެކްޓަރުން، ޑިރެކްޓަރުން އަދި ޕްރޮޑިއުސަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ކޯޓަށް ހާޟިރުވާން މި އެންގުނީ ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވާން މަޖުބޫރު ކުރިކަމުގެ ތުހުމަތުކޮށް މުޒައްފަރުޕޫރުގެ ކޯޓަކަށް ވަކީލަކު ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ.
ކޯޓަން ދާން ޗިޓް ފޮނުވި މީހުންގެ ތެރޭގައި ސަލްމާން ޚާން، ކަރަން ޖޯހަރު، އަދިތުޔާ ޗޯޕްރާ، ސަންޖޭ ލީލާ ބަންސާލީ، އޭކްތާ ކަޕޫރު، ސާޖިދް ނަޑިއަޑްވާލާ އަދި ބޫޝަން ކުމާރުގެ އިތުރުން ދިނޭޝް ވިޛަން ހިމެނެއެވެ. މި އެންމެންވެސް ކޯޓަށް ހާޟިރުވާ ޖެހޭ ތާރީޚަކީ މިއަންނަ އޮކްޓޯރުމަހުގެ 7 ވަނަ ދުވަހެވެ.
މިމީހުންނަށް އެންގިފައިވަނީ، ސުދީރު އޯޖާ ކިޔާ ވަކީލަކު ހުށައެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ޚުދު އެމީހުން ނުވަތަ އެމީހުންގެ ފަރާތުން ވަކީލުން އެތާރީޚަށް ކޯޓަށް ފޮނުވުމަށެވެ. މި މައްސަލައަކީ ސުޝާންތުގެ މަރަށް ކުޑަދުވަސްކޮޅެއްވީ ތަނާ ސުދީރު ހުށައެޅި މައްސަލައެކެވެ.
މީގެ އިތުރުންވެސް ކަރަން ޖޯހަރު ސޯޝަލް މީޑިޔާގައި އާންމު ކުރި ވީޑިއޯ އެއްގެ މައްސަލަވެސް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން އަންނަނީ ބަލަމުންނެވެ. މި ވީޑިއޯގައި ބޮލީވުޑްގެ ފުންނާބުއުސް އެތައް ފަންނާނުން ފެނިގެންދާއިރު މިމީހުން ތިބީ މަސްތުގެ ޙާލަތުގައި ކަމަށްވަނީ ތުހުމަތު ކުރެވިފައެވެ.
