ހަޖަމުގެ ނިޒާމާއި ގުޅިފައިވާ މައްސަލަތަކަކީ ރޯދަމަހު ވަރަށް އާންމުކޮށް ދަމައިވާ މައްސަލަތަކެކެވެ. ހަޖަމުގެ ނިޒާމުގައި ވައި އުފެދުމާއި ހަޖަމުކުރަން އުނދަގޫވުމާއި ބަނޑު ދިޔައިވެ ނުވަތަ ހިކުން ހިމެނެއެވެ. އަދި މޭ އެންދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމަކެވެ. މި ލިޔުމުގައި މި ބަލާލަނީ މޭ އެންދުމާއި ބެހޭ ބައެއް މައުލޫމާތުތަކަށެވެ.
ދިވެހި ބަހުން އަހަރެމެން މޭ އެންދުމޭ ކިޔާއިރު، އިނގިރޭސި ބަހުން އާންމުކޮށް ކިޔަނީ "ހާޓް ބާން" އެވެ. ނަމަވެސް ޑަކްޓަރުން ސިއްޙީ ދާއިރާގައި ބޭނުން ކޮށް އުޅެނީ "ގެސްޓްރޯ އީސޮފޭޖިއަލް ރިފްލަކްސް ޑިޒީސް" އެވެ. މޭ އެންދުމޭ މި ކިޔާ ހާލަތު ކުރިމަތިވަނީ ކާ އެއްޗެެހި ދަތުރުކުރާ ހޮޅިއަށް މައިދާގައި ހުންނަ ތަކެެތި އަނބުރާ އެޅެން ފެށުމުންނެވެ. މިހާލަތުގައި ކާތަކެތި ދަތުރުކުރާ ހޮޅިއަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. މޭ އެންދުން ކުރިމަތިވާއިރު، އަބަދު އެކަން ދިމާވެފައި ހުރެދާނެއެވެ. އަދި އިރުކޮޅުކޮޅުންވެސް ދިމާވެދާނެއެވެ. މިއީ އޭގެ ޠަބީއަތުގައި އަމިއްލަ އަށް ރަނގަޅުވާ ކަމެއް ނަމަވެސް ބައެއް މީހުންނަށް ބޭސް ބޭނުން ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ބާރުގަދަ ބޭސް ވެސް ބޭނުން ކުރަންޖެހިފައި އެބަހުއްޓެވެ. ކެއުމުގެ އާދަތަކަށް ގެންނަ ބަދަލަކުންވެސް މިކަމުގެ އުނދަގޫ ބޮޑުތަނުން ދުރުކޮށްދެއެވެ.
މޭއަންދާނަމަ ފެނިދާނޭ އަލާމާތްތަކުގެ ތެރޭގައި މޭކޮޅަށް އުނދަގޫވެ ބާރުވެފައި ހުރުމާއި އެކު ދިލަ ނަގާ ގޮތް ވެދާނެއެވެ. އަދި ބަރު ރިހުމެއް ހުރެދާނެއެވެ. މި ރިހުމާއި ދިލަ ނެގުން ރޭގަނޑަށާއި ކޮންމެ ކެއުމެއްގެ ފަހުގައި ގަދަވެދާނެއެވެ. މީގެ އިތުރުން މެޔަށް ތަދުވުމާއި ނޭވަޔަށް އުނދަގޫ ކުރުމާއި އެކު ހިންދިރުވަން އުނދަގޫވެދެއެވެ. ކަރުގައި އެއްޗެއް ތާށިވެފައިވާ ކަމުގެ އިހުސާސްވެސް ކުރެވިދާނެއެވެ. ހަމަ އެއާއި އެކު ކުޅި ހޮޑު އައުމަކީ މޭ އަންދާނަމަ ދިމައިވެދާނޭ އާންމު ކަމެކެވެ.
ކާތަކެތި ދަތުރުކުރާ ހޮޅި ގުޅިފައިވަނީ މައިދާ އާއެވެ. މައިދާއަށް ގުޅިފައިވާ ހިސާބުވައި ހުޅުވާ ލެއްވޭ މަސްކޮޅެއް ވެއެވެ. މިއީ ކާތަކެތި މައިދާއަށް އެޅުމާއި އެކު އެނބުރި ކާތަކެތި ދަތުރުކުރާ ހޮޅިއަށް ކާތަކެތި އަޔަނުދިނުމަށްޓަކައި ފަރުވާމެފައިވާ ފުރިހަމަ ނިޒާމެކެވެ. މޭ އެންދުން ދިމާވަނީ މި ފާހަގަކުރި ހޮޅުވާ ލެއްޕޭ މަސްކޮޅުގެ ބާރު ދެރަވެ، މައިދާގައި ހުންނަ ތަކެތި، ހާއްސަކޮށް މައިދާގައިވާ ހަޖަމުގެ ދިޔަ ނުވަތަ އެސިޑު، ކާތަކެތި ދަތުރުކުރާ ހޮޅިއަށް އެޅުމުންނެވެ. މިހެން ދިމާވަނީ ކެއުމުގެ އާދަތައް ހުންނަ ގޮތުންނާއި ކެއުމުގައި ބޭނުން ކުރާ ބައެއް ކާނާގެ ސަބަބުންނެވެ. އަދި އެނޫން ބައެއް ސަބަބުތައްވެސް މިކަމުގައި މެދުވެރިވެދާނެއެވެ.
މޭއެންދުމުން ރައްކާތެރިވުމަށްޓަކައި ކެއުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުން މުހިންމެވެ. އަދި ގަވައިދުން ކެއުމާއި ކެއުމުގެ މިންވަރާއި ވަގުތައް ސަމާލުކަން ދިނުން މުހިންމެވެ. މިކަމުގެ އުނދަގޫ މާ ބޮޑުވެގެންދާނަމަ ޑަކްޓަރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ. އަދި ޑަކްޓަރަކު ދޭ އިރުޝާދާއި އެއްގޮތަށް ބޭސް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. މޭއަންދާނަމަ ގޭގައި ކުރެވިދާނެ ބައެއް ފަރުވާގެ ތެރޭގައި ތާފަނާ ފެންފޮދެއް ބޯލުމާއި އެކު އިރުކޮޅެއް ވަންދެން ހިނގާލުން މުހިންމެވެ. އަދި މޭ ކޮޅުގައި ބާމު ކޮޅެއް އުނގުޅުމަށްފަހު ހޫނުކޮށްލުން ވެސް ފަރުވާއެއް ކަމަށް ފާހަގަ ކުރެވެއެވެ.
ރޯދަމަހު މިފަދަ އުނދަގޫތަކާއި ގިނައިން ކުރިމަތިލާއިރު، ކެއުމުގައި ތެލާއި ހަވާދުގެ ބާވަތްތައް މަދުކުރަން ސަމާލުކަން ދޭންވާނެއެވެ. އަދި އެއްފަހަރާ އެހާ ގިނައިން ނުކެއުންވެސް ބުއްދިވެރިއެވެ. މޭއެންދުމާއި ބެހޭގޮތުން މި ހިމަނާލި މައުލޫމާތުކޮޅަކީ ފައިދާކުރަނިވި މައުލޫމާތުކޮޅެއްކަމުގައި އުންމީދު ކުރަމެވެ.
