ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާގެ މައްޗަށް 1-0 އިން ހޯދީ މޮޅާއެކު ބާސެލޯނާ އިން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
މިއީ ލީގުގައި ސެވިއްޔާ އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ ނޮވެންބަރު މަހު ރެއާލް މެޑްރިޑް އަތުން 2-1 އިންނެވެ.
ރޭގެ މެޗުތަކަށްފަހު އެއްވަނައިގައި އުޅޭ ރެއާލަށް 30 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ދެވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގައި ސެވިއްޔާގެ ފޯވާޑް އެންތަނީ މާޝިއަލް ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަތުގައި ޖެހުމުން ޕެނަލްޓީއަކަށް އެޕީލްކުރިނަމަވެސް ރެފްރީ ނުދިނެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑު، 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕެޑްރީ ގޮންޒާލޭޒް އެވެ. މިއީ ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ގޯލްގެ ތިރީކަނަށް އަމާޒުކޮށްލައިގެން ޕެޑްރީ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން އެލްޗޭ ބަލިކޮށްފައެވެ. އޮސަސޫނާ އަތުން 4-1 އިން ރެއާލް ބެޓިސް މޮޅުވިއިރު، ގްރަނާޑާއާ ދެކޮޅަށް ރަޔޯ ވަޔެކާނޯ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ވެލެންސިއާގެ ދަނޑުގައި ކަޑީޒްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
