އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ޔުވެންޓަސް 1-0 އިން ބަލިކޮށް އިންޓަ މިލާނުން ލީގު ރޭހުގައި ކުރިއަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު އިންޓަ ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ވާދަވެރި އޭސީ މިލާނާ ތިން ޕޮއިންޓާ ގާތަށް ޖެހިލާފައެވެ. މިލާނަށް 30 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނަޕޯލީ އަށް އެއް މެޗު އިތުރަށް ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. މިލާން ކުރީގައި އޮތީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ތިންވަނައިގައި އިންޓަ އޮތީ 30 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވި ޔުވެންޓަސް އޮތީ 31 މެޗުން ލިބުނު 59 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އިންޓަ އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތުރުކީގެ މިޑްފީލްޑަރު ހަކާން ޗައަނޮގްލޫ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ ކުރި ފައުލަކަށް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ޕެނަލްޓީ އެންމެ ފުރަތަމަ ފަހަރު ޗައަނޮގްލޫ ފޮނުވާލުމުން ޔުވެންޓަސްގެ ކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއެވެ. އެކަމަކު، އެ ބޯޅަ ފޮނުވާލުމުގެ ކުރީން ޕެނަލްޓީއޭރިޔާ ތެރެއަށް ޔުވެންޓަސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ވަނުމުން ރެފްރީ ވަނީ އަލުން އެ ޕެނަލްޓީ ޖަހަންދީފައެވެ. ޗައަނޮގްލޫ ވަނީ ދެވަނަ ފަހަރު އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ނަޕޯލީގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ސެރިއޭ

އިންޓަ އިން ލީޑްނެގުމުގެ ކުރީން ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލާފައެވެ. ކިއެލީނީ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، ފަހު ހާފުގައި އެ ޓީމުގެ ސްވިޒަލެންޑް މިޑްފީލްޑަރު ޑެނިސް ޒަކަރިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ލީގުގައި ރޭ އެޓަލާންޓާގެ ދަނޑުގައި ނަޕޯލީން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ގޯލަކީ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ލަނޑުޖަހައިދިނީ މަޓެއޯ ޕޮލިޓާނޯ އެވެ. މިއީ އިންސީނިއޭ ފޮނުވާލި ހިލޭޖެހުމަކުން ޕޮލިޓާނޯ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެޓަލާންޓާގެ ހަމައެކަނި ލަނޑުޖަހައިދިނީ މާޓެން ޑެ ރޫން އެވެ. މެޗު ނިމެން ދަނިކޮށް ނަޕޯލީ އަށް އަލުން ދެލަނޑުގެ ލީޑް ދަމަހައްޓައިދިނީ އެލިފް އެލްމާސް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އުދިނޭޒީން ވަނީ އަމިއްލަ ދަނޑުގައި 5-1 އިން ކަލިއާރީ ބަލިކޮށްފައެވެ. ފިއޮރެންޓީނާގެ ދަނޑުގައި 1-0 އިން އެމްޕޯލީ އަތުން އެ ޓީމު މޮޅުވިއިރު، ސަމްޕްޑޯރިއާ އަތުން ރަށުން ބޭރުގައި އޭއެސް ރޯމާ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ.