ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްގެ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެ، ގަދަ ހަތަރެއްގެ ރޭހުގައި އެ ޓީމަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

މިއީ ލީގުގައި ރަށުން ބޭރުގައި އާސެނަލް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ރަށުން ބޭރުގައި ބަލިވީ މިދިޔަ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހު އެވަޓަން އަތުން 2-1 އިންނެވެ. އަދި މިއީ 2022 ވަނަ އަހަރު ފެށިފަހުން ލީގުގައި ޕެލަސްގެ ދަނޑުގައި އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ.

މި ނަތީޖާއާއެކު އާސެނަލަށް އަލުން ހަތަރުވަނަ އަށް އަރަން ލިބުނު ފުރުޞަތުވަނީ ގެއްލިފައެވެ. މިވަގުތު ލީގުގެ ހަތަރުވަނައިގައި އޮތީ 30 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ އެވެ. އެއް މެޗު މަދުން ކުޅެގެން އާސެނަލަށް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ކުރީގައި އޮތީ ފައިދާގޯލްގެ ތަފާތުންނެވެ. ގަދަ ހަތަރެއްގެ ރޭހުގައި އުޅޭ ވެސްޓް ހޭމް ޔުނައިޓެޑަށް 31 މެޗުން ލިބުނު 51 ޕޮއިންޓާއެކު ހަވަނައިގައި އޮތްއިރު، މެންޗެސްޓާ ޔުނައިޓެޑް ހަތްވަނައިގައި އޮތީ 30 މެޗުން ލިބުނު 51 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ.

ސެލްހާސްޓް ޕާކްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ޕެލަސް އިން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 16 ވަނަ މިނެޓުގައި ކޮނާ ގެލަގާ ނެގި ހިލޭޖެހުމަކުން ޔަކީމް އެންޑަސަން ބޮލުން ޖައްސާލި ބޯޅަ ޖިއަން-ފިލިޕް މަޓޭޓާ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. މި ލަނޑުޖެހިތާ 8 މިނެޓުގެ ތެރޭގައި ދެވަނަ ގޯލްޖަހައިދިނީ ޖޯޑަން އަޔޫ އެވެ. މިއީ އެންޑަސަން ދިން ރީތި ޕާހަކުން އަޔޫ ކާމިޔާބުކުރި ގޯލެކެވެ.

ޕެލަސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވިލްފްރައިޑް ޒަހާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޒަހާ އަށް އާސެނަލްގެ މާޓިން އޮޑެގާޑް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، އާސެނަލުން ގޯލެއްޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން އޮޑެގާޑް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށްދިޔައިރު، އެމީލް ސްމިތު ރޯވް ފޮނުވާލި ހަމަލާ ޕެލަސްގެ ޑިފެންޑަރު މާކް ގުއެހީ ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ. އަދި އޭގެފަހުން، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޑީ އެންކެޓިއާ އޭރިޔާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ލީގުގައި އާސެނަލަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސް ފަހުން ޕެލަސް ރަށުން ބޭރުގައި ނިކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.