ރޯދައަށް ހުރުމަކީ ބައެއް މީހުންނަށް ބައެއްކަހަލަ ސިއްހީ އުނދަގޫތައް ކުރިމަތި ކުރުވާ ކަމަކަށް ވެއެވެ. އަދި އަނެއްބައި މީހުން ބުނާ ގޮތުގައި ރޯދަ މަސް އައުމުން ބަރުދަން ލުއިކުރަން ނިޔަތް ގަތަސް، ބަރުދަން ވަނީ އިތުރުކަމަަށް ބުނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް ސަބަބުތަކެއް ވާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ރޯދަމަހު، ސިއްހަތާއި މެދު ސަމާލުކަން ދީ ކަންކުރަންވީ ގޮތުގެ ބައެއް އިރުޝާދު ތަކަށެވެ.
ރޯދަ މަހަކީ އެ މަހެއްގައި ދުވާލުގެ ވަގުތު ކެއުމާއި ބުއިމުން ދުރުވެގެން ހުންނަން ޖެހޭ މަހެކެވެ. އެހެންކަމުން އެކަން ވެގެން ދަނީ ނަފުސަަށް ވަރުބަލިކަމާއި ބުރަކަން ކޮންމެވެސް ވަރަކަށް އިހުސާސް ކުރުވާ ކަމަކަށެވެ. ރޯދަމަހު، ހާރު ކެއުމަކީ ރޯދަ ވާޖިބު ކުރެއްވި ހިސާބުން ކުރަމުން އައި ކަމެކެވެ. އެކި ގައުމުތަކުގައި އެ ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކާއި އެއްގޮތަށް ކުރަމުން ދެއެވެ. ދިވެހިންނަކީވެސް ޒަމާނުއްސުރެ ހާރުކަމުން އައި އަދި ހާރުދަމަށް ހާއްސަކޮށް ބަތްޕެން ކައްކާ ބޮއެ އުޅުނު ބައެކެވެ. ނަމަވެސް ޒަމާނާއެކު މިއަދު ހާރު ދަމުގައި ހާރު ކާ މީހުން މަދެވެ. ހާރު ކަނީ މެންދަމުއެވެ. ނުވަތަ އޭގެ ވެސް ކުރިންނެވެ. ހާރުދަމަށް ހޭލަން ބާރަށާއި އެ ގަޑީގައި ކާން އުނދަގުވާ ކަމަށް ބުނެއެވެ. އިސްލާމްދީނުގައިވެސް އައިސްފައިވަނީ ހާރުކެއުން ވީހާވެސް ފަސްކުރުމެވެ. ސިއްހީ ގޮތުން ބަލާއިރުވެސް މިއީ އެންމެ ރަނގަޅު ގޮތެވެ. ހާރު ދަމު، ހާރު ކެއުމަކީ ރޯދަ މަހު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު ކަމެކެވެ. ރޯދަ ވީއްލާއިރު ކާ ކެއުމަކަށްވުރެ ބޮޑަށް ހާރުދަމު ކާ ކެއުން މުހިންމުވެދެއެވެ. ސަބަބަކީ އެ ކެއަމަކީ ދުވާލުގެ ވަގުތު އިންސާނާ ކޮޅަށް ބަހައްޓައިދޭ ހަކަތަ އުފައްދައިދޭ ކާނާއެވެ. އެހެން ކަމުން ހާރުކާން ސަމާލުކަން ދޭން ވާނެއެވެ. އަދި ހާރު ކެއުން ލަސްކުރުން ބުއްދިވެރިއެވެ.
ހާރު ނުކެއުމާއި ހާރު ކެއުން އަވަސް ކުރުމުގެ ސަބަބުން، ރޯދަ ވީއްލާ ވަގުތުގައި، ބަނޑުހައި ކަމުގެ ސަބަބުން ގިނައިން ކެވެއެވެ. އެއްފަހަރާ މާ ގިނައިން ކެެވެއެވެ. މިއީ މުޅިއަކުން ރަނގަޅު ގޮތެއް ނޫނެވެ. އެއްފަހަރާ ކުއްލިގޮތެއްގައި ގިނައިން ކެއުމުގެ ބަދަލުގައި ރޯދަ ވީއްލާވަގުރު ކުޑަ އެތިކޮޅެއް ކާލުމަށްފަހު، ކުޑަކޮށް ހަރަކާތްތެރި ވުމަށް ފަހު ދެން ކެއުން ރަނގަޅެވެ. މި ފާހަގަ ކުރެވުނު ހަރަކާތް ތެރިވުން، ނިސްބަތް ކުރެވެނީ މަޣްރިބް ނަމާދަށް ކަމަށް ބައެއް މުސްލިމު ޑަކްޓަރުން ފާހަގަ ކުރެއެވެ. އެހެން ކަމުން ރޯދަ ވީއްލުމަށް ފަހު ކުޑަ އެތިކޮޅެއް ކައިގެން، ނަމާދުކުރުމަށްފަހު ދެން ކެއުން މުހިންމެވެ.
ތެލާއި ހަވާދުގެ ގިނަ ބާވަތްތަކަކީ ރޯދަމަހު ސުފުރާ މަތިން ފެންނަ ވަރަށް އާންމު ބާވަތްތަކެކެވެ. ކޮންމެ ވެސް ފޮނި ހެދިކާއަކާއި ނުވަތަ ދެ ވައްތަރު ފޮނި ހެދިކާ އަކާއި، ފޮނި ފަންޏެއް ގިރާފައި ހުރެއެވެ. ހަގީގަތުގައި ހުސް ގޮހޮރާ ގިނައިރު ހުރުމަށްފަހު، ތެލާއި ހަވާދުގެ ބާވަތްތައް ގިނައިން ބޭނުން ކުރުމަކީ އޭގެ ސަބަބުން ހަޖަމުގެ ނިޒާމަށް ބައެއް އުނދަގޫތައް ކުރިމަތި ކުރުވާނޭ ކަމެކެވެ. އަދި ހުސްގޮހޮރާ ހުރެ، ރޯއްދަ ވީއްލާ ވަގުތު ގިނަ އަދަދަކަށް ފޮނި ކާތަކެތި ކެވި ނުވަތަ ބޮވެ ހެދޭނަމަ އެއީ ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް އެޅޭ ބޮޑު ބާރެކެވެ. އެހެނީ އެ ހަކުރުގެ މާއްދާތަކުން ހަކަތަ އުފެއްދުމަށްވުރެ، ހަށިގަނޑުގެ ތެރޭގައި ރައްކާކުރާ މިންވަރު އިތުރުވާނެތީއެވެ. ރޯދަ ވީއްލާއިރު މިއީ ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެކެވެ.
ފެން ބޮވޭ މިންވަރު މަދުވެ، ކުޑަކަމުދާ ނިޒާމުގެ އެކި އެކި އުނދަގޫތަކާއި އެކު ރޯދަމަހު ޑަކްޓަރަށް ދައްކާ މީހުން ވަރަށް ގިނައެވެ. އެހެންކަމުން ރޯދަ މަހުގައި ފެންބޮވޭ މިންވަރަށް ސަމާލުކަން ދޭން ވާނެއެވެ. މަދުވެގެން 8 ތަށި ފެން ބޮވޭތޯ ބަލަންވާނެއެވެ. ބައެއް ޑަކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި ރޯދަ މަހު ރޯދަ ވީއްލުމަށްފަހު ނިދުމާއި ދޭތެރޭ ކޮންމެ ދެ ގަޑިއަކުން ދެގަޑިއަކުން، ފެން ތައްޓެއް ބޯން ވާނެއެވެ. އަދި ނިދުމުގެ ކުރިން ހަރަކާތްތެރިވުމަށް ހިނގާލާ ހަދާލުމަކީވެސް ވަރަށް ބޭނުންތެރި ކަމެކެވެ.
ރޯދަ މަހަކީ އެ މަހުގައި އަހަރެމެންގެ ސިއްހަތާއި މެދު ވަރަަށް ބޮޑަށް ފަރުވާކުޑަކުރެވޭ މަހެެކެވެ. އެހެންކަމުން އިސްވެ ފާހަގަ މި ކުރި، މަދު ކަންކަމަށް ނަމަވެސް ފަރުވާތެރިކަން ބަހައްޓައިގެން އުޅުމަކީ ރޯދަ މަހުގައި ދިމައިވެދާނޭ ބައެއްކަހަލަ ސިއްހީ މައްސަލަތަކުން ދުރުކޮށްދޭނޭ ކަމެކެވެ.
