ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން، ރަށުން ބޭރުގައި 3-1 އިން ބެންފީކާ ބަލިކޮށް ލިވަޕޫލުން ސެމީއާ ގާތަށް ޖެހިލިއިރު މެންޗެސްޓާ ސިޓީގެ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ހޯދީ މޮޅާއެކު އެ ޓީމުން ވަނީ އުއްމީދު ބޮޑުކޮށްފައެވެ.
ބެންފީކާގެ އެސްޓާޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު މެޗު ފެށިގެން 17 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑްނެގީ އިބްރާހިމާ ކޮނާޓޭ އެވެ. މިއީ އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ކޮނާޓޭ ކާމިޔާބުކުރި ގޯލެކެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު، 34 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް ދިން ބޯޅައަކުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި ބެންފިކާ އިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މިއީ ލިވަޕޫލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފަހުބައިގައި ލިވަޕޫލުން ގެނައި ބަދަލުތަކާއެކު އެ ޓީމުން ވަނީ 87 ވަނަ މިނެޓުގައި ޑިއާޒް ކާމިޔާބުކުރި ގޯލާއެކު އަލުން ދެލަނޑުގެ ލީޑް ދަމަހައްޓާފައެވެ.
މި ދެ ޓީމުގެ ދެމެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭގައި އޮންނާނީ ލިވަޕޫލްގެ އެންފީލްޑްގައެވެ. މި މެޗުން އެއް ލަނޑުގެ ފަރަގަކުން ބަލިވެގެން ވެސް ލިވަޕޫލަށް ސެމީ އަށް ދެވެން އޮތްއިރު ބެންފީކާ އަށް ސެމީ ފައިނަލުން ފުރުޞަތު ލިބޭނީ ތިން ގޯލްގެ ތަފާތަކުން މޮޅުވެގެން ނޫނީ، ދެ ގޯލުން މޮޅުވެ ޕެނަލްޓީ ޝޫޓްއައުޓްގައި ކުރިހޯދައިގެންނެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޖެހި ހަމައެކަނި ލަނޑު، 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. ޑި ބްރޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ދިން ރީތި ޕާހަކުންނެވެ. އެ ޓީމުން މި ލަނޑުޖެހުމުގެ ކުރީން، ޑި ބްރޭނާ ފޮނުވާލި ހިލޭޖެހުމެއް އެތުލެޓިކޯގެ ކީޕަރު ޔަން އޮބްލަކް މަތަކުރިއިރު، އައިމެރިކް ލަޕޯޓް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
މެޗު ނިމެން ދަނިކޮށް ސިޓީގެ ލީޑް ފުޅާކޮށްދޭން ޑި ބްރޭނާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ގޯލްގެ ރޮނގުމަތިން އެތުލެޓިކޯގެ ޑިފެންޑަރު ސްޓެފަން ސަވިޗް ވަނީ ބްލޮކްކޮށްފައެވެ.
ސިޓީއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި އަންނަ ބުދަ ދުވަހު އެވެ. މި މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެން ނޫން ގޮތަކަށް އެތުލެޓިކޯ އަށް ސެމީން ފުރުޞަތުލިބެން ނެތްއިރު، އެއް ލަނޑުގެ ތަފާތަކުން އެ ޓީމު މޮޅުވެއްޖެނަމަ ޖެހޭނީ ޕެނަލްޓީ ޝޫޓްއައުޓްގައި ކާމިޔާބު ހޯދާށެވެ. ސިޓީ އަށް އެ މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރުން ޖާގަ ލިބޭނެ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގައި, ޗެލްސީގެ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނައިރު ރަށުން ބޭރުގައި ބަޔާން މިއުނިކް ނިކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.
