މަސްތުވާ ތަކެތީގެ ބޭނުންކޮށް އޭގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ ރިޔާ ޗަކްރަބަރްތީ އަށް އެން.ސީ.ބީގެ ތަހުގީގު ޓީމް ކުރިމަތީގައި ހިފަހައްޓައެއް ނުލެވުނެވެ. މީގެ ކުރިން ރިޔާ ވަނީ މަސްތުވާތަކެތި ގަތްތަކަމަށް އިޢުތިރާފްވެފައެވެ. ނަމަވެސް އޭރުވެސް ރިޔާ ބުނަމުން ދިޔައީ އޭނާ އޭގެ ބޭނުން ނުކުރާ ކަމަށާ، މަސްތުވާ ތަކެތި ގަންނަނީ ސުޝާންތުގެ ބޭނުމަށް އޭނާ ބުނެގެން ކަމަށެވެ.
ޖަލުގައި ބަހައްޓައިގެން ތަހުގީގު ހިންގަމުން އައިސް ދެވަނަ ދުވަހުވެސް ރިޔާ ދިޔައީ އޭނާގެ ބަހުގައި ހިފަހައްޓަމުންނެވެ. އެންމެ ފަހުން އެން.ސީ.ބީގެ އޮފިސަރުން ވަނީ ރިޔާ އަކީ ކިހާ ކުޅަދާނަ އެކްޓަރެއްތޯ ރިޔާ އާ ސުވާލުކޮށްފައެވެ. ޖަވާބުގައި ރިޔާ ބުނެފައި ވަނީ އޭނާއަކީ ވަރަށް ކުޅާދާނަ މޮޅު އެކްޓަރެއް ކަމަށެވެ. އެހިސާބުން އެން.ސީ.ބީގެ އޮފިސަރުން އޭނާއަށް ރައްދުދެމުން، ތަހުގީގަކީ ފިލްމެއް ނޫންކަމަށާ، އެތަނުގައި އެކްޓް ކުރުން މުނާސިބުނޫންކަމަށް ބުނެ ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކާފައެވެ.
މިކަމަށް ކެތްނުވެ އެންމެ ފަހުން ރިޔާ ހަތިރާޔު ބެހެއްޓީއެވެ. ރިޔާ ގަނެފައިވާ މަސްތުވާ ތަކެއްޗަކީ ސުޝާންތުގެ ބޭނުމަށް ގަތް ތަކެތި ނޫންކަމަށް ރިޔާ ވަނީ ބުނެފައެވެ. އަދި އެތަކެތީގެ ބޭނުން ޚުދު ރިޔަ ކުރާކަމަށް އޭނާ މިއަދު ވަނީ އިޢުތިރާފްވެފައެވެ. އަދި ރިޔާގެ މުޅިޓީމްވެސް މިކަމުގައި ދޮގު ހަދަމުން ދިއުމަށް އިރުޝާދު ދީފައިވަނީ ރިޔާ ކަމަށްވެސް އޭނާ ގަބޫލުކުރިއެވެ. މީގެއިތުރުން މިކަމުގައި އޭނާއާއި ބައިވެރިވާ ބައެއް މީހުންގެ ނަންވެސް ރިޔާވަނީ ހާމަކޮށްފައެވެ. އަދި މިމީހުންނަށް ވެސް ވަރަށް އަވަހަށް އެން.ސީ.ބީގެ ފަރާތުން ނޯޓިސް ފޮނުވާނެ އެވެ.
މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރިޔާ އިޢްތިރާފްވީ ތަހުގީގުގެ ސުވާލުތައް ފަންސާހުން މައްޗަށްގޮސް، ސުވާލުތައް ސީރިއަސްވެ، މަސްތުވާތަކެތި ބޭނުން ކުރުމަށްވުރެ ބޮޑެތި ތުހުމުތުތައް ކުރޭވެކަން އެނގިގެންނެވެ. މިފަދަ ކަމެއް ސާބިތުވެއްޖެނަމަ ރިޔާގެ މައްޗަށް އަންނާނެ ހުކުމް ބޮޑުވާނެކަމަށް އޭނާއަށް ވެސް ގަބޫލު ކުރެވިގެންނެވެ.
