ބޮލީވުޑަކީ ކޮންމެ އަހަރަކު ވެސް ތަފާތު އެތަށް ފިލްމުތަކެއް ނެރެމުން އަންނަ އިންޑިއާގެ ފިލްމު އިންޑަސްޓްރީއެކެވެ. އެގޮތުން ހިންދީ ސިނަމާތަކުގައި އަބަދުވެސް ކޮންމެވެސް ފިލްމެއްގެ ޖޯޝެއް ފޯރިއެއް ނުހުންނަ ދުވަސްކޮޅެއް ނުދާނެއެވެ.
2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމާ ކުރިމަތިވެ އިންޑިއާގެ ސިނަމާތައް ވަރަށް ދިގު މުއްދަތަކަށް ބަންދުކުރެވުނެވެ. އެހެންކަމުން އެތައް ފިލްމުތަކެއް އޯޓީޓީ ޕްލެޓްފޯމުތައް މެދުވެރިކޮށް ރިލީޒްކޮށްފައިވާއިރު، ސިނަމާތައް ހުޅުވުނީމަ ރިލީޒްކުރަން އަނެއްބައި ފިލްމުތައް ލަސްކޮށްލިއެވެ. އެހެންކަމުން ކޯވިޑް-19ގެ ޕެންޑަމިކަށްފަހު 2021ގެ ފަހުކޮޅު ސިނަމާތައް ހުޅުވާލުމުން ފުނިޖެހިފައިވާ އެތައް ފިލްމުތަކެއް ރިލީޒްކުރެވުނެވެ. މިލިޔުމުގައި މި އަލިއަޅުވައިލަނީ 2021 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު 05 ފިލްމަށެވެ.
01. 83
"83"އަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 24 ގައި އިންޑިއާގެ އެކި ސަރަޙައްދުތަކުގައި އާއި ދުނިޔޭގެ އެކި ހިސާބުތަކުގެ ސިނަމާތަކުގައި ރިލީޒްކޮށްފައިވާ ފިލްމެކެވެ. ކަބީރު ޚާން ލިޔެ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މައިގަނޑު ރޯލުން ރަންވީރު ސިންގ ފެނިގެންދާއިރު މިފިލްމަކީ 1983 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގައި އިންޑިއާ ހޯދި ކާމިޔާބީ ދައްކުވައިދޭ ފިލްމެކެވެ. ދީޕިކާ ޕަދުކޯން އާއި ވިޝްނޫ ވަރްދަން އިންދޫރީ އާއި ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، 'ރެލިއޭންސް އެންޓަރޓެއިންމެންޓް'ގެ ޕްރޮޑަކަޝަންގެ ދަށުން ގެނެސްދިން މިފިލްމަކީ އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ އެޕްރީލް މަހު ސިނަމާތަކުގައި އަޅުވަން ނިންމި ފިލްމެކެވެ. ނަމަވެސް ކޯވިޑް-19ގެ ޕެންޑަމިކް ދިމާވުމުގެ ސަބަބުން އަހަރެއްހާ ދުވަހަށް ލަސްވެގެން ދިޔައީއެވެ. 161 މިނެޓުގެ މިފިލްމަށް ބޮކްސް އޮފީހުގައި '193.73 ކްރޯޑް' އިންޑިއަން ރުޕީސްގެ ފައިދާއެއް ލިބިފައިވެއެވެ.
02. ބެލްބޮޓަމް
އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "ބެލްބޮޓަމް"އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކޮށް ގެނެސްދިން އެކްޝަން/ތުރިލަރ ފިލްމެކެވެ. އޯގަސްޓް 19ގައި ރިލީޒްކުރި މިފިލްމަކީ 'ޕޫޖާ އެންޓަރޓެއިންމެންޓް' އާއި 'އެމްމާއީ އެންޓަރޓެއިންމެންޓް'ގެ ޕްރޮޑަކްޝަންގެ ދަށުން ވާޝޫ ބަގްނާނީއާއި ޖެކީ ބަގްނާނީ ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމެކެވެ. 1980ގެ އަހަރުތަކުގައި އިންޑިއާގައި ހިނގާފައިވާ ފްލައިޓް ހައިޖެކިންގގެ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ މިފިލްމުގައި އަކްޝޭ ކުމާރުގެ އިތުރުން ވާނީ ކަޕޫރާއި ލާރާ ދައްތާގެ އިތުރުން ހުމާ ޤުރޭޝީ ހިމެނެއެވެ. 123 މިނެޓުގެ މިފިލްމަށް ބޮކްސް އޮފީހުގައި '50.58 ކްރޯޑް' އިންޑިއަން ރުޕީސްގެ ފައިދާއެއް ލިބިފައިވެއެވެ.

03. ސައިނާ
ބެޑްމިންޓަން ކުޅުންތެރިއެއްގެ ދިރިއުޅުން ދައިކުވައިދޭ، ބަޔޮގްރަފިކަލް/ސްޕޯޓްސް މިފިލްމަކީ 2021 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ ކާމިޔާބު އެއް ފިލްމެވެ. އަމޯލް ގުޕްތޭ ޑައިރެކްޓްކޮށް ގެނެސްދިން މިފިލްމުގައި 'ސައިނާ'ގެ ރޯލުން ޕަރިނީތީ ޗޯޕްޅާ ފެނިގެންދާއިރު، މިފިލްމު ވެސް އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމި ތާރީޚުގައި ވަނީ ރިލީޒްކުރެވޭ ގޮތް ނުވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯވިޑް-19ގެ ސަބަބުން ރިލީޒް ނުކުރެވުނު މިފިލްމު ތިއޭޓަރުތަކާ ހަމަޔަށް އައީ 2021 ވަނަ އަހަރުގެ މާރިޗު 02 ގައެވެ. އެންމެ ފުރަތަމަ މިފިލްމުގައި "ސައިނާ"ގެ ރޯލު ކުޅެން އެއްބަސްވީ، ފިލްމު "ޓީން ޕައްޓީ"އިން ބޮލީވުޑަށް ތަޢާރުފުވި ތަރި ޝްރައްދާ ކަޕޫރެވެ. އަދި ފިލްމުގެ ޓްރެއިނިންގ އަށް ފަހު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ފިލްމުގެ ޝޫޓިންގ ވެސް ފަށައިފައެވެ. ނަމަވެސް ޝްރައްދާގެ ސިއްޙީ ޙާލަތު ގޯސް ވުމާ ގުޅިގެން ވަނީ ފިލްމުން ވަކި ކޮށްލައިފައެވެ. އަދި "ސައިނާ"ގެ ރޯލު ކުޅޭނީ ޝްރައްދާ ނޫން ކަމަށް ޓީ-ސީރީޒް އާއި ފިލްމުގެ ޕްރޮޑިއުސަރުން ވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހު 15 ގައި ނިންމައިފައެވެ. 'ޓީ ސީރީޒް ފިލްމްސް'ގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދިން މިފިލްމަށް ބޮކްސް އޮފީހުގައި '1.51 ކްރޯޑް' އިންޑިއަން ރުޕީސްގެ ފައިދާއެއް ވަނީ ލިބިފައެވެ. 135 މިނެޓުގެ މިފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ބޫޝަން ކުމާރާއި ކްރިޝަން ކުމާރުގެ އިތުރުން ރާހޭޝް ޝާހް ހިމެނެއެވެ.

04. ސޫރްޔަވަންޝީ
އެކްޝަން ފިލްމު ޑައިރެކްޓްކުރުމުގައި އެފަދަ ދެވަނައެއް ނުވާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޑައިރެކްޝަންގެ ދަށުން ރިލީޒްކުރި ފިލްމު 'ސޫރްޔަވަންޝީ'އަކީ 2021 ވަނަ އަހަރު ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް އެކްޝަން ފިލްމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 'ދަރްމާ ޕްރޮޑަކްޝަން' އާއި 'ރެލިއޭންސް އެންޓަރޓެއިންމެންޓް'ގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދިން މިފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާރސް ފިލްމުތަކުގެ 4 ވަނަ ފިލްމެވެ. މިފިލްމުގެ މައިގަނޑު ރޯލުން 'ވީރް ސޫރްޔަވަންޝީ'ގެ ނަމުގައި އަކްޝޭ ކުމާރު ފެނިގެންދާއިރު ވިލަންގެ ރޯލުން ފެނިގެންދަނީ ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގަރ ޝްރޮފްގެ ބައްޕަ، ޖެކީ ޝްރޮފެވެ. 1993ގައި އިންޑިއާގައި ހިނގާދިޔަ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މިފިލްމަކީ އެންމެ ފުރަތަމަ 2020 މާރިޗު 24ގައި ރިލީޒްކުރަން އިޢުލާން ކުރި ފިލްމެކެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ފިލްމު ރިލީޒްކުރުން ވަނީ 2021 ވަނަ އަހަރުގެ އެޕްރީލް 30 އަށް ލަސްކޮށްފައެވެ. ނަމަވެސް އެހާ ހިސާބަށް އައި އިރު ވެސް އިންޑިއާގެ ސިނަމާތަށް ކޯވިޑް-19ގެ ޕެންޑަމިކްގެ ސަބަބުން ބަންދުކުރި ގޮތަށް ނުހުޅުވޭތީ އަނެއްކާވެސް ފިލްމު ވަނީ މުއްދަތެއް ނެތް ގޮތަށް ލަސްކޮށްފައެވެ. އެންމެފަހުން ބެލުންތެރިންނަށް ސިނަމާތަކުގައި ފިލްމު ދައްކާލެވުނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 05 ވަނަ ދުވަހެވެ. އިންޑިއާގެ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމަކަށް "ސޫރްޔަވަންޝީ" ވެގެން ދިޔައިރު '294.17 ކްރޯޑް' އިންޑިއަން ރުޕީސްގެ ފައިދާއެއް މިފިލްމަށް ލިބިފައިވެއެވެ.

05. އަންތިމް: ދަ ފައިނަލް ޓްރުތު
ބޮލީވުޑްގެ ސުޕަރސްޓަރ ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާ މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ ފިލްމު "އަންތިމް: ދަ ފައިނަލް ޓްރުތު" އަކީ ވެސް 2021 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ. މަރާޓީ ފިލްމު "މުލްޝީ ޕެޓާން"ގެ ރިމޭކެއް ކަމަށްވާ "އަންތިމް: ދަ ފައިނަލް ޓްރުތު"އަކީ މަހޭޝް މަންޖްރޭކަރު ޑައިރެކްޓްކޮށް 'ޒީ-ސްޓޫޑިއޯސް'އާ ގުޅިގެން ގެނެސްދިން ފިލްމެކެވެ. މިފިލްމު ތިއޭޓަރު ތަކުގައި ރިލީޒްކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު 26ގައެވެ. އަދި އޯޓީޓީ ޕްލެޓްފޯމަށް ރިލީޒްކުރީ ޖެހިގެން އައި ޑިސެމްބަރު މަހުގެ 25ގައެވެ. 140 މިނެޓުގެ މިފިލްމަކީ ބޮކްސް އޮފީހުގައި ގުގުމާލި ފިލްމެކެވެ. އެގޮތުން '58 ކްރޯޑް' އިންޑިއަން ރުޕީސް (7.6 މިލިއަން ޑޮލަރު)ގެ ފައިދާއެއް މިފިލްމަށް ވަނީ ލިބިގެން ގޮސްފައެވެ.

