ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ކްލާމެންޓް ފޫޓްއާ ދެކޮޅަށް ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ އާއި ނޭމާ ވައްދާލި ހެޓްރިކާއެކު ޕީއެސްޖީން އެ މެޗު 6-1ގެ ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ ވަނީ ތާވަލްގެ ދެވަނައިގައި އުޅޭ ރެނެސްއާ ދެމެދު އޮތް ފަރަގު 15 ޕޮއިންޓަށް އިތުރުކޮށްފައެވެ. ޕީއެސްޖީ އަށް ކުޅުނު 31 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ރެނެސް އޮތީ 31 މެޗުން ލިބުނު 56 ޕޮއިންޓާއެކު އެވެ. އެއް މެޗު މަދުން ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮލިމްޕިކް މާސޭ އޮތްއިރު، މޮންޓްޕެލިއޭ އަތުން މޮޅުވެގެން އެ ޓީމަށް ދެވަނަ އަށް އެރޭނެ އެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ 20 މިނެޓުގެ ތެރޭގައި ނޭމާ އާއި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ހާފު ނިމެން ދަނިކޮށް ކްލާމެންޓް ފޫޓުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ޖޯޑެލް ޑޮސޯއު އެވެ.
ޕީއެސްޖީން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާ އެވެ. އަދި އޭގެފަހުން، މެޗުގެ 74 އާއި 80 ވަނަ މިނެޓުގައި ވައްދާލި ލަނޑާއެކު އެމްބާޕޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނޭމާގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އެމްބާޕޭ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.
މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ގޯލްޖެހުމަށް ފުރުޞަތު ތަނަވަސްކޮށްދީ އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ އެސިސްޓްގެ ހެޓްރިކެއް ހަދާފައެވެ.
ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި މާސޭއާ ދެކޮޅަށް ކުޅެވޭ "ލެ ކްލެސީކް" ގެ ނަން ދެވިފައިވާ ޑާބީ މެޗެވެ.
