94 ވަނަ އޮސްކާ އެވޯޑު ޙަފްލާގައި ކްރިސް ރޮކްގެ ކޯތާފަތް މަތީގައި ވިލް ސްމިތު ޖެހި މައްސަލައިގައި އެކަޑަމީއިން އޭނާ އަށް އަދަބު ދީފިއެވެ.

އެގޮތުން ވިލް ސްމިތަށް ދޭ އަދަބަކީ 10 އަހަރަށް އޮސްކާ އެވޯޑު ޙަފްލާއަށް ވަނުން މަނާކުރުމެވެ. 

އޮސްކާ އެވޯޑު ޙަފްލާ އިންތިޒާމުކުރާ އެކަޑަމީ އޮފް މޯޝަން ޕިކްޗާރްޒް އާޓްސް އެންޑް ސައިންސްގެ ބޯޑު މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ހަރުކަށި ޢިބާރާތުން ވިލް ސްމިތުގެ ޢަމަލު ކުށްވެރިކޮށްފައެވެ. އަދި  10 އަހަރު ދުވަހަށް ވިލް ސްމިތަށް އެ ޙަފްލާއަށް ނުވަދެވޭނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. 

މިދިޔަ މަހު 27 ގައި ބޭއްވި 94 ވަނަ އޮސްކާ އެވޯޑް ޙަފުލާގައި، ކްރިސް ރޮކްގެ ކޯތާފަތް މަތީގައި ވިލް ސްމިތު ޖެހީ އޭނާގެ އަންހެނުން ކަމަށްވާ ޖެޑާ ޕިންކެޓް އަށް ނިސްބަތްކޮށް ކްރިސް ރޮކް ޖެހި ޖޯކެއް ކަމުނުގޮސްގެންނެވެ.

ވިލް އަށް އަދަބު ދިންއިރު، މީގެ ޙަފްތާއެއް ކުރިން އޭނާ ވަނީ އެކަޑަމީގެ މެމްބަރުކަމުން އިސްތިއުފާ ވެސް ދީފައެވެ. އަދި އޭނާ އެކަޑަމީން އިސްތިއުފާ ދިނީ ވެސް، އޭނާއަށް ކަންތައް ކުރެވުނު ގޮތް ގޯސް ކަމަށް އެއްބަސްވުމަށް ފަހުގައެވެ.

އެވޯޑް ޙަފުލާ އަށް ދިޔުން މަނާކުރިޔަސް، އެ އެވޯޑަށް ވާދަކުރުމުގެ ފުރުޞަތު އަދިވެސް އޭނާއަށް އޮންނާނެއެވެ.